މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 17) - އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބިފައިވާ އަނިޔާ ސީރިއަސްއެއް ނޫން ކަމަށް އިންޓަ މިއާމީގެ ކޯޗު ޓަޓާ މާޓީނޯ ބުނެފި އެވެ.
އެޓަލަންޓާ ޔުނައިޓެޑް އަތުން 5-2 އިން އިންޓަ މިއާމީ ބަލިވި މެޗުގައި މެސީ ނުކުޅެ އެވެ. މިއީ މިދިޔަ ޖުލައި މަހު މެސީ އާއި ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް، އިންޓަ މިއާމީއާ ގުޅުނު ފަހުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މެސީ ގުޅުނު ފަހުން އިންޓަ މިއާމީ ކުޅުނު 12 މެޗުން ވެސް ބަލިވެފައިނުވެ އެވެ.
އިންޓަ މިއާމީގެ ކޯޗު މާޓީނޯ ބުނީ މެސީ އަށް ލިބިފައިވާ އަނިޔާ ސީރިއަސް ނުވި ކަމުގައި ވިޔަސް އަވަސް އަރުވާލައިގެން މެޗުތަކަށް ނެރެން ޖެހޭ ވިސްނުމެއް ނެތް ކަމަށެވެ.
"މެސީގެ ފިޓްނަސް ކަންކަމަށް ބަލައިގެން، އެންމެ ރަނގަޅަށް މެނޭޖްކުރެވޭ ގޮތަށް ކުރިއަށް މިދަނީ، އަހަރެމެން ތެޅިގަނެގެން ކަންކަމެއް ނުނިންމާނަން،" މާޓީނޯ ބުންޏެވެ.
މާޓީނޯ އާއި އިންޓަ މިއާމީގެ ކޯޗިން ޓީމު މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ މި މަހު 27 ވަނަ ދުވަހު ކުޅޭ ޔޫއެސް އޯޕަން ކަޕްގެ ފައިނަލަށް މެސީ އެންމެ ރަނގަޅަށް ރިކަވާ ކުރުމަށެވެ. ޔޫއެސް އޯޕަން ކަޕް ފައިނަލުގައި އިންޓަ މިއާމީ ނުކުންނަން ޖެހެނީ ހޫސްޓަންއާ ދެކޮޅަށެވެ.












