ބާސެލޯނާ (ސެޕްޓެމްބަރު 16) - ބާސެލޯނާ އިން އެ ކްލަބަށް ކުރިން ކުޅުނު ތަރި ބޮޔާން ކާކިޗް، "ލޯން މެނޭޖަރު"ގެ މަގާމަށް ހަމަޖައްސައިފި އެވެ. މިއީ އެ ކްލަބް ތާރީޙުގައި ވެސް މި ނަމުގައި މަގާމެއް އުފައްދައި ޒިންމާތަކެއް ހަވާލުކުރި ފުރަތަމަ ފަހަރެވެ.
މީގެ މަހެއްހާ ދުވަސްކުރިން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖެއްސި ކުރީގެ މިޑްފީލްޑަރު، ޑެކޯ ބުނީ ބޮޔާން އަށް މި މަގާމު ދޭން ނިންމީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް އެހީތެރިވުމުގެ ގޮތުންނާއި ކުޅުންތެރިންނާ ގާތުން އެޑްމިނިސްޓްރޭޝަން މަސައްކަތްތަކުގައި މެނޭޖްމަންޓުގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގޮތުންނެވެ.
ޑެކޯ ގަބޫލުކުރާގޮތުގައި ބޮޔާން ކަަހަލަ ބާސެލޯނާގެ ލަ މާސިއާ އެކެޑަމީ ތެރެއިން ޑިވެލޮޕްވެގެން އައި ކުޅުންތެރިއަކަށް މި ޒިންމާ ދިނުމުގެ ފައިދާ އެ ކްލަބްގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ކުރާނެ އެވެ.

ބާސެލޯނާ އެންމެ ވަރުގަދަކޮށް އޮތް ދުވަސްވަރު ޔޫތު ޓީމުން ޑިވެލޮޕްވަމުން އައި ބޮޔާން ވަނީ ސީނިއާ ޓީމުން ފުރުސަތު ހޯދައި، ފުރަތަމަ އެގާރައިގައި ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ. އެކަމަކު، ބޮޔާން އަށް އޭނާގެ ހަގީގީ ލެވަލްގައި ގިނަ އަހަރުތަކެއް ވަންދެން ބާސެލޯނާ ޓީމުގައި ނުކުޅެވުނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދިމާވީ އޭނާ އަށް ދިމާވި ނަފްސާނީ މައްސަލަތަކާއި ޕްރެޝަރާ ކުރިމަތިނުލެވުމުގެ ކަންކަމެވެ.
ބޮޔާން އެނބުރި އައުމާ ބެހޭގޮތުން ސުވާލުކުރުމުން ޒަވީ ބުނީ އެ ކްލަބްގައި މި ވަގުތު ތިބި ޒުވާން ކުޅުންތެރިންނަށް ބޮޔާންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވާނެ އެވެ. ހާއްސަކޮށް ޒަވީ ފާހަގަކުރީ ދާދި ފަހުން ސްޕެއިން ގައުމީ ޓީމުން ފުުރުސަތު ހޯދި 16 އަހަރުގެ ކުޅުންތެރިޔާ، ލަމީން ޔަމާލް އެވެ.
ބޮޔާން ވަނީ ބާސެލޯނާގެ އިތުރުން ޕްރޮފެޝަނަލް ކެރިއަރުގައި ރޯމާ، އޭސީ މިލާން، އަޔަކްސް، ސްޓޯކް ސިޓީ، މައިންޒް، އަލަވޭސް، މޮންޓްރެއަލް އިމްޕެކްޓް އަދި ވިސެލް ކޯބޭ އަށް ކުޅެފަ އެވެ.












