ކޮލަމްބޯ (ސެޕްޓެމްބަރު 15) - ފަހު ބޯޅައިގައި ހެދި ދެ ލަނޑާ އެކު ޕާކިސްތާން ބަލިކޮށް ސްރީ ލަންކާ އިން އޭޝިއާ ކަޕްގެ ފައިނަލުން 11 ވަނަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ވާދަކުރާ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
މުބާރާތުގެ ގަދަ ހަތަރެއްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ސްރީ ލަންކާ މޮޅުވީ ދެ ވިކެޓުންނެވެ. މި މެޗަކީ ފައިނަލުން ޖާގަ ހޯދަން ބަލާއިރު ދެ ޓީމަށްވެސް މޮޅުވާން މަޖުބޫރު މެޗެކެވެ.
ވާރޭގެ ސަބަބުން 50 އޯވަރުގެ ބަދަލުގައި 42 އޯވަރަކަށް ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ފުރަތަމަ ބެޓްކުރާާށެވެ. އެ ޓީމު ކުޅެން އަރައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 252 ލަނޑެވެ.
އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 73 ބޯޅައިން 86 ލަނޑު ހެދި މުހައްމަދު ރިޒްވާން އެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް އޭޝިއާ ކަޕްގައި ޕާކިސްތާންގެ ގައުމީ ޓީމަށް ކުޅުނު އަބްދުﷲ ޝަފީގް ވަނީ 69 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ.
ސްރީ ލަންކާ ޓީމުގެ މަތީޝާ ޕަތިރަނަ މި އިނިންގްސްގައި ތިން ވިކެޓު ނެގިއިރު، ޕްރަމޯދް މަޑުޝަން ދެ ވިކެޓު ނެގި އެވެ.
ޖަވާބުގައި ސްރީ ލަންކާއިން ކުޅެން އަރައި މެޗު ކާމިޔާބުކުރީ އެންމެ ފަހު ބޯޅައިގައި ދެ ލަނޑު ހަދައިގެންނެވެ. ފަހު އޯވަރަށް ދިޔައިރު އެޓީމުން އަށް ލަނޑު ހަދަން ޖެހުނުއިރު، ފަހު ދެ ބޯޅައަށް ދިޔައިރު ހަ ލަނޑު ހަދަން ޖެހެ އެވެ. ނަމަވެސް އެ ވަގުތު ފޯމުގައި ކުޅެމުންދިޔަ ސްރީ ލަންކާގެ ޗަރިޗު އަސަލަންކަ ވަނީ އެއް ބޯޅަ ހަތަރަކަށް ޖަހައި ފަހު ބޯޅައިން އެ ޓީމު މޮޅުކޮށްދީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.
ފައިނަލުގައި ސްރީ ލަންކާއާ ދެކޮޅަށް ނުކުންނަ އިންޑިއާ އަކީ މި މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އޮތް ޓީމެކެވެ. ގަދަ ހަތަރެއްގެ ބުރުގައި އިއްޔެ ބަންގްލަދޭޝާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ކުރިން އެ ޓީމަށް ވަނީ ފައިނަލުން ޖާގަ ކަށަވަރުވެފަ އެވެ. އެއީ ގަދަ ހަތަރެއްގެ ލީގު ބުރުގައި ޕާކިސްތާނާއި ސްރީ ލަންކާ އަތުން އެ ޓީމް މޮޅުވެފައިވުމުންނެވެ.
ސްރީ ލަންކާ އާއި އިންޑިއާ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.












