މެންޗެސްޓާ (ސެޕްޓެމްބަރު 15) - މިދިޔަ މަހުގައި ހެދި ސާޖަރީއެއްގެ ސަބަބުން މިދިޔަ ތިން ހަފްތާ ޓީމާ ދުރުގައި ހުރުމަށް ފަހު ކޯޗު ޕެޕް ގާޑިއޯލާ، މެންޗެސްޓާ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީގެ ކޯޗު ގާޑިއޯލާ ސާޖަރީއެއް ހަދަން ޖެހުނީ އުނަގަނޑަށް ދަތުވެ އެކަމުގެ ސަބަބުން އޭނާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުމުންނެވެ.
ގާޑިއޯލާ، 52، ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެމަޖެންސީ ހާލަތުގައި ސާޖަރީއެއްކޮށްފަ އެވެ. މި ސާޖަރީ އޭނާ ކުރީ ސްޕެއިންގެ ބާސެލޯނާގަ އެވެ.
ސާޖަރީއަށްފަހު އަރާމުކުރަން ޖެހުމުން ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ އަށް ޓީމާއެކު ބައިވެރިނުވެވުނެވެ. ގާޑިއޯލާގެ ބަދަލުގައި ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ހުއަންމާ ލީލޯ އެވެ. މި ދެ މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ.
ބާސެލޯނާގައި ހުރިކަމުގައިވިޔަސް ގާޑިއޯލާވަނީ މި ދެ މެޗު ކުޅުނު ވަގުތު ޓީވީން މެޗު ބަލަމުން ފޯނުން ކޯޗިން ސްޓާފުންނަށް އިރުޝާދުދީފަ އެވެ.
ސެޕްޓެމްބަރު ދެ ވަނަ ދުވަހު ފުލަމް އަތުން މޮޅުވި މެޗަށް ފަހު ގައުމީ ޓީމްތަކުގެ މެޗުތަކަށް ލީގު މެދު ކަނޑާލުމުގެ ސަބަބުން އިތުރު މެޗެއް ސިޓީ ކުޅުމުގެ ގާޑިއޯލާ އަށް އެނބުރި ޓީމާ ގުޅެން ވަގުތު ވެސް ލިބުނެވެ.
ސިޓީގެ ފަރިތަކުރުންތަކުގައި ގާޑިއޯލާ ބައިވެރިވާން ފަށާފައިވާއިރު އެޓީމަށް ކުރިއަށް އޮތީ ހޮނިހިރު ދުވަހުގެރޭ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.












