ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 22 މެމްބަރެއްގެ ސޮއި އަދިވެސް އޮތުމުން އެ މައްސަލަ ،ކުރިއަށް ގެންދެވޭނެ ކަމަށް ނަޝީދު މިއަދު ނިންމަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށްޓެވުމަށް ފަހު ރިޔާސަތުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރަކު ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދު ކަމަށްވާ 22 ސޮޔަށް ވުރެ އެ އަދަދު މަދުވާނީ އަދި އިތުރު އަށް މެމްބަރެއްގެ ސޮއި އަނބުރާ ގެންދެވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ މައްސަަލަ ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ތަޅުމުން ގޮތެއް ނިންމުމަށެވެެ.
"މިގޮތަށް، މި އެޖެންޑާކޮށްފައި ވަނިކޮށް އެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފައި. މި މައްސަލަ ކުރިއަށް ދިއުމަށް 22 ބޭފުޅުންގެ ސޮއި ބޭނުންވޭ އެހެންވީމާ އަދި 22 ބޭފުޅުންގެ ސޮއި އޮތުމާ އެކު މައްސަަލަ ކުރިއަށްދާނެ،" ނަޝީދު ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޓަކައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުން އެމަނިކުފާނު ހަވާލުކުރެއްވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ އެވެ.

ހަސަން އަފީފު ރިޔާސަަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދަވަން ފެށްޓެވުމާ އެކު މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ފުރުސަތެއް ހޯއްދަވައިގެން ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ އިދާރީ ކަންކަމަށް ވަގުތުކޮޅެއް ހޭދަވަނީ ކަމަށެވެ. އިދާރީ ގޮތުން އެކަން ނިމެންދެން ޖަލްސާ ކުރިއަށް ނުގެންގޮސް، ހުސްވަގުތުކޮޅެއް ދޭން އޭނާ އެދިވަޑައިގެންނެވި އެވެ.
ޝަރީފު އެދިވަޑައިގެންނެވި ގޮތަށް ޖަލްސާ މިހާރު އޮތީ މެދުކަނޑާލައިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން އެމްޑީޕީން ނިންމީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ޖެހިގެން އައި ދުވަހެވެ. އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.
ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އިލްޔާސް ވަޑައިގަތީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައަށެވެ.













