އެފްއޭއެމްގެ މާލީ ހާލަތު ގޯހުން ގޯހަށް، ޒުވާން ޓީމުތަކަށް ވެސް ބޮޑު ގެއްލުން

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މާލީ ހާލަތު އިތުރަށް އަޑިއަޅާލައި، މި މަހު ވާދަކުރަން އޮތް މުބާރާތްތަކުގައި ކުޅޭ ގައުމީ 16 އަހަރާއި 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ބޮޑު ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބޫޓާނުގައި މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމަށް ފުރޭގޮތްވީ އެކި ދުވަސް މަތިން އެތަކެއް ތަކުލީފެއް އުފުލުމަށް ފަހު އެވެ. ބަސް ޓާމިނަލަށް ގޮސްފައި، އަނބުރާ އަންނަން ވެސް ޖެހުނެވެ.

އެފްއޭއެމް އިން އެ ކަމަށް ބުނީ އެއް ފަހަރާ މުޅި ޓީމަށް ސީޓް ނުލިބޭތީ ފުރޭގޮތް ނުވީ ކަމަށެވެ. އެކަމަކު، މައްސަލަ އަކީ ޓިކެޓް ގަނެވޭ ވަރަށް ފައިސާ ނެތުން ކަމަށް މައުލޫމާތު އެނގޭ މީހަކު ބުނެފައިވެ އެވެ.

ޓިކެޓް ހަމަޖެހިގެން، 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅެން އޮތް މެޗު ފެށެން އެއް ދުވަހަށް ވެފައި އޮއްވައި، ޓީމު ދެ ބަޔަކަށް ބަހާލައިގެން ދެ ރޫޓަކުން ބޫޓާނަށް ދެވުނެވެ. އެ އަށް ފަހު، އެކަށީގެންވާ ތައްޔާރީތަކެއް ބޫޓާނުގައި ކުރިއަށް ނުގެންދެވި، ގައުމީ 16 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި 16 އަހަރުން ދަށުގެ ޓީމު މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. މި މެޗުން މޮޅުނުވެވިއްޖެނަމަ ރާއްޖެ މުބާރާތުން ކަޓާނެ އެވެ. އެއީ، ތިން ޓީމުގެ މި ގްރޫޕްގައި ބޫޓާނާއި ރާއްޖެ އަތުން މޮޅުވެގެން ޕާކިސްތާން ވަނީ ސެމީ ފައިނަލަށް ދަތުރުުކޮށްފަ އެވެ. އެހެންކަމުން، ސެމީގެ އަނެއް ޖާގަ ލިބޭނީ ބޫޓާނާއި ރާއްޖެ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެއްވަރުވެއްޖެނަމަ ލަނޑުގެ ތަފާތުން ބޫޓާން ސެމީ އަށް ދާނެ އެވެ.

ޖޫން/ޖުލައި ގައި އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ސީނިއާ ޓީމު ގްރޫޕް ސްޓޭޖުން ކަޓައިގެން އެ އަމާޒުވި ފާޑުކިޔުންތަކާ ހެދި މީޑިއާގެ ސުވާލުތަކަށް ޖަވާބުދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެ އެސޯސިއޭޝަންގެ މާލީ ކަންކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، މި ފަހުން މި ފެންނަ ކަންތައްތަކަށް ބަލާއިރު، އެފްއޭއެމްގެ މާލީ މައްސަލަތަކުގެ ހާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ.

މިދިޔަ އަހަރު 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު އޭޝިއާ މުބާރާތުގެ ކޮލިފައިންގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އޭއެފްސީ

ވަގުތު އޮއްވައި ފައިސާ ހަމަނުޖެހިގެން 23 އަހަރުން ދަށުގެ ގައުމީ ޓީމު ވަނީ ކޮލިފައިން އިން ވަކިވެފައި

ޗައިނާގައި މި މަހު 6-12 އަށް ކުޅެން ރާވާފައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފަައިން މެޗުތަކަށް، ގައުމީ 23 އަހަރުން ދަށުގެ ޓީމު ފުރަން ތަކުރާރުކޮށް، އެކި ދުވަސް މަތިން މަސައްކަތް ކުރުމުން ވެސް އެކަން ނުވި އެވެ.

ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ މި ދަތުރަށް ޓިކެޓް ގަންނަން ވަގުތު އޮއްވައި، ފައިސާ ހަމަޖެހިފައި ނެތުމާ އެކު، އެފްއޭއެމް އިން ނިންމީ ކޮލިފައިން އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ނަން ނެގުމަށެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ސީނިއާ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ވެސް ހަވާލުވެހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ރޭ މީޑިއާ އަށް ހިއްސާކުރި މެސެޖެއްގައި ވިދާޅުވެފައިވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމު އޭޝިއާ މުބާރާތުގެ ކޮލިފައިން އަށް ދިއުމަށް ބޭނުންވާ ޓިކެޓް ފައިސާ ފަހުން ހަމަޖެހިގެން ދިޔަ ކަމަށެވެ. އެކަމަކު، އެ ދަތުރަށް ބޭނުންވާ ބަޖެޓްގެ ކަންކަން ޔޫތު މިނިސްޓްރީ މެދުވެރިކޮށް ހަމަޖެއްސުމަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބޭތީ އޭގެ ގެއްލުން ކުރިމަތިވި ކަން ފާހަގަކޮށްފައިވެ އެވެ.

ޖަވާ ވިދާޅުވީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ޔޫތު މިނިސްޓްރީ އަށް 23 އަހަރުން ދަށުގެ ޓީމުގެ މި ދަތުރުގެ ޓިކެޓް ކޯޓޭޝަން ހިއްސާކުރެވުުނު ކަމަށެވެ. ޔޫތު މިނިސްޓްރީ އަށް އެ ޓިކެޓް ކޯޓޭޝަން ހިއްސާކުރީ ގައުމީ ޓީމުތަކަށް އަބަދުވެސް މިނިސްޓްރީން އެ ފައިސާ ހަމަޖައްސައިދޭތީ ކަމަށާއި އެކަމަކު މި ފަހަރު މިނިސްޓްރީގެ ފަރާތުން އެ އަށް ސަޕޯޓެއް ނުުލިބުނު ކަމަށެވެ.

އެހެން ނަމަވެސް، ދަތުރަށް ބޭނުންވާ ވަރަށް އެފްއޭއެމް އިން ފައިސާ ހަމަޖެއްސިިއިރު، ދަތުރުކުރަން ބޭނުންވާ ތާރީހުގައި މުޅި ޓީމަށް ސީޓް ލިބިފައިނުވާ ކަަމަށް ޖަވާ ވިދާޅުވި އެވެ.

ކޮލިފައިންގައި ރާއްޖެއާ އެއް ގްރޫޕެއްގައި އޮތީ ޗައިނާ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

ޖަވާ ވިދާޅުވީ އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)އާ ގުޅިގެން ކޮލިފައިން މެޗުތައް ފަސްކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ލިބިފައި އޮތް ކުޑަ މުއްދަތެއްގެ ތެރޭގައި އެކަން ކުރެވޭ ގޮތެއްނުވި ކަމަށެވެ.

"ހިތާމައާ އެކު ހިއްސާކުރަންޖެހޭ ވާހަކަ އަކީ ރަސްމީކޮށް އޭއެފްސީގެ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އިން ރާއްޖެ މިހާރު ވަނީ ވަކިވެފައި،" ޖަވާ ވިދާޅުވި އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަނުކުރުމަކީ ޒުވާން ކުޅުންތެރިންނަށް ގެއްލިގެންދިޔަ ބޮޑު ފުރުސަތެކެވެ. ގައުމީ ސީނިއާ ޓީމަށް ކުޅުންތެރިން ދާއިރު، ބައިނަލްއަގުވާމީ ލެވަލަށް ހޭނެން އެންމެ ރަނގަޅު މެޗުތަކެއް ލިބެނީ 23 އަހަރުން ދަށުގެ ޓީމަށް ކުޅެގެންނެވެ. އެކަމަކު، މި އޮތީ އެ ފުރުސަތު ގެއްލިފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ 23 އަަހަރުން ދަށުގެ ޓީމަށް ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ފުރުސަތުތަކެއް އަންނަނީ ގެއްލެމުންނެވެ. އެ ގޮތުން، ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު މި މަހު ޗައިނާގެ ހަންގްޒޫގައި ފަށާ އޭޝިއަން ގޭމްސް އިން ވެސް ނުފެންނާނެ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އައީ 1998 ވަނަ އަހަރުން ފެށިގެން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރަމުންނެވެ. އެކަމަކު، 2018 ވަނަ އަހަރާއި މި އަހަރު ވެސް އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރާއްޖެ ނުފެންނާނެ އެވެ.

މިިދިޔަ މަހުގެ 25 އިން މި މަހު ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ފުޓްބޯޅަ އިވެންޓްގައި ވާދަކޮށްފައިނުވެ އެވެ. އެފްއޭއެމް އިން އެކަމާ ބެހޭގޮތުން ބުނެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ފުޓްބޯޅަ ސީޒަން ގިނަ ފަހަރުތަކެއް ވަންދެން މެދުކަނޑާލަން ޖެހޭތީ، އައިއޯއައިޖީގައި ވާދަކުރަން ޖެހޭ ގައުމުތަކުގެ ކަންކަމަށް ބަލާފައި، އެ ގޭމްސް އަށް ނުދާން ނިންމީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox