ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޯވް މަގާމުން ވަކިކޮށްފައިވާކަން ރައީސް ވޮލޮޑިމިރް ޒެލެންސްކީ އިއުލާން ކުރައްވައިފި އެވެ.
ރެޒްނިކޯވް ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވަން ފެެއްޓެވީ ފެބްރުއަރީ 2022 ގައި ރަޝިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިންނެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ޒެލެންސްކީ ވިދާޅުވީ ޑިފެންސް މިނިސްޓްރީއަށް "އާ ވިސްނުންތަކެއް" ބޭނުންވާ ކަމަށެވެ.
އާ ޑިފެންސް މިނިސްޓަރުގެ މަގާމަށް ނޮމިނޭޓްކޮށްފައި ވަނީ ޔޫކްރެއިންގެ ސްޓޭޓް ޕްރޮޕަޓީ ފަންޑު ހިންގާ ރުސްތެމް އުމެރޯވް އެވެ.
ޔޫކްރެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ރެޒްނިކޯވް ދެން ހަމަޖައްސަވާނީ އެ ގައުމުން ލަންޑަނަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށެވެ.










