ޕެރިސް (ސެޕްޓެމްބަރު 2) - ޖަރުމަންގެ އައިންޓްރަކްޓް ފްރެންކްފާޓަށް ކުޅެމުން އަންނަ ފޯވާޑް ރެންޑަލް ކޯލޯ މުއާނީ ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.
މުއާނީ 24، ޕީއެސްޖީއަށް ސޮއިކުރީ ފަހު ވަގުތު އެކުލަބުން ހުށަހެޅި 90 މިލިއަން ޑޮލަރުގެ ބިޑް ފްރެންކްފާޓުން ގަބޫލު ކުރުމުންނެވެ. އެ ކުލަބުން ވަނީ ޕީއެސްޖީން މި ހަފްތާގެ ކުރީކޮޅު ހުށަހެޅި 80 މިލިއަން ޑޮލަރުގެ ބިޑަށް ފުރަގަސްދީފަ އެވެ.
ފުރަތަމަ ޕީއެސްޖީން ކުރި ބިޑަށް ފްރެންކްފާޓުން ނޫނެކޭ ބުނުމުން ޓީމްގެ ޕްރެކްޓިސްތަކަށް ނުނިކުމެ މުއާނީ ބޮޑާ ހޭކި އެވެ. މި މައްސަލައިގައި އެ ޓީމްގެ ވެރިން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ޓްރާންސްފާ ބާޒާރުގެ ފަހު ވަގުތު ފްރެންކްފާޓުން މުއާނީ ވިއްކާލަން ނިންމީ އެ ޓީމަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއަކު ޓީމްގައި ބަހައްޓަން ބޭނުން ނުވާކަމަށް ބުނެ އެވެ. ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މުއާނީ ޕީއެސްޖީއާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ.
ޕީއެސްޖީ އިން މުއާނީ ހޯދީ އެކުލަބުގެ ބްރެޒިލް ފޯވާޑް ނޭމާ ޖުނިއާ ޕީއެސްޖީ ދޫކޮށް ސައުދީ ލީގުގެ އަލް ހިލާލަށް ބަދަލުވުމުންނެވެ.
މުއާނީ ފުޓްބޯޅަ ކެރިއަރު ފެށި ޕީއެސްޖީ ނިސްބަތްވާ ސިޓީކަމަށްވާ ޕެރިހުގަ އެވެ. ޕެރިހުގައި އުޅެ ބޮޑުވި މުއާނީ ފުރަތަމަ ވިދާލީ ފްރާންސްގެ ނޯންޓްސް އިންނެވެ. އޭގެ ފަހުން މިދިޔަ ސީޒަންގައި ޖަރުމަން ލީގަށް ބަދަލުވެ ފްރެންކްފާޓުގައި އޭނާ މޮޅަށް ކުޅުނެވެ.
ފަހު ދުވަހު ހިނގައިދިޔަ އެހެން ޓްރާންސްފާތަކަށް ބަލާއިރު، އިންޓަ މިލާނުން ވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުން އަޔެކްސް އަށް ކުޅެމުން އައި ޑޭވީ ކްލާސަން ސޮއިކޮށްފަ އެވެ.
އިންޓަ މިލާނާ ވާދަވެރި އޭސީ މިލާނުން ވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުން ސާބިއާގެ ފޯވާޑް ލޫކާ ޖޮވިކް ސޮއިކޮށްފަ އެވެ. ޖޮވިކް ކުރިން ހުރީ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓްގަ އެވެ. މިލާނާ އެކު ޖޮވިކް ސޮއިކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީ ޑިފެންޑަރު، ލޫޝިއާނޯ ބޮނޫޗީ ޖަރުމަންގެ ޔޫނިއަން ބާލިން އަށް ވެސް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅޭ ޔޫނިއަން ބާލިން އިން އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ސޮއިކުރީ ހުކުރު ދުވަހު ހެނދުނު އެވެ.












