ޕެރިސް (އޮގަސްޓް 31) - ޖަރުމަނުގެ އައިންޓްރަކްޓް ފްރެންކްފާޓަށް ކުޅެމުން އަންނަ ފޯވާޑް ރަންޑަލް ކޯލޯ މުއާނީ ހޯދުމަށް ފްރާންސްގެ ޕީއެސްޖީން ހުށަހެޅި ބިޑަށް ފްރެންކްފާޓުން ނޫނެކާ ބުނުމުން އެ ޓީމުގެ ފަރިތަކުރުންތަކަށް ނުނިކުންނަން މުއާނީ ނިންމައިފި އެވެ.
މުއާނީ 24، ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށާފައިވަނީ އެ ޓީމްގެ ފޯވާޑް ބްރެޒިލްގެ ނޭމާ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވުމުންނެނެވެ.
ފްރާންސްގެ ގައުމީ ޓީމްގެ ފޯވާޑް، މުއާނީ ހޯދުމަށް ޕީއެސްޖީއިން ވަނީ މި ހަފްތާގެ ތެރޭގައި 80 މިލިއަން ޕައުންޑްގެ ބިޑެއްކޮށްފަ އެވެ. ނަމަވެސް މި ބިޑަށް ފްރެންކްފާޓުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ ބިޑަށް ނޫނެކޭ ބުނުމަށްފަށް ފްރެކްފާޓުން ވަނީ އެ ޓީމްގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ ވިއްކާލަން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ.
ފްރެންކްފާޓުން މުއާނީ ވިއްކާލަން ބޭނުން ނުވިޔަސް އޭނާ ބޭނުންވަނީ ޕީއެސްޖީ އަށް ބަދަލުވާށެވެ. އެއީ ފްރާންސްގެ ޗެމްޕިއަން ޓީމަށް އޭނާ ކުޅެން ބޭނުންވާތީ އެވެ.
މުއާނީ ފްރޭންކްފާޓާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2027 ގައި ހަމަވާއިރު، ގަދަކަމުން އޭނާ ކުލަބު ބަދަލުކުރަން ހުރީ ވިއްދައިފަ އެވެ. އެ ގޮތުން މިހާރު ފްރެންކްފާޓުގެ ފަރިތަކުރުންތަކަށް ވެސް މުއާނީ ނުނިކުމެ އެވެ. އެންމެ ފަހުން ޔުއެފާ ކޮންފެރެންސް ލީގުގެ ކޮލިފައިންގައި ފްރެންކްފާޓު ކުޅުނު މެޗުގައިވެސް މުއާނީ ބައިވެރިނުވެ އެވެ.
އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރު މާކަސް ކްރޮޝޭ ވިދާޅުވީ މުއާނީ ކުލަބުގެ ފަރިތަކުރުންތަކަށް ނުނުކުތުމަކީ އޭނާ ވިއްކާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ކުލަބަށް މުހިންމު މެޗުތަކެއް ކުޅެން ޖެހިފައިވާ މި ދަނޑިވަޅުގައި މުއާނީގެ ފަރާތުން ފެންނަ ކަންކަން މާކަސްވަނީ ކުށްވެރިކޮށްފަ އެވެ.












