މިއުނިކް (އޮގަސްޓް 30) - ޖަރުމަންގެ ބަޔާން މިއުނިކްގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ 10 މަހަށް ފަހު ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ނޯޔާ، 37، ކުޅުމާ ދުރުގައި ހުންނަން ޖެހުނީ މިދިޔަ ޑިސެމްބަރު މަހު އޭނާ ފިނި މޫސުމުގެ ޗުއްޓީގައި ސްކީ ކުރަން އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި ފައި ބިންދައިގެން ދިޔުމުންނެވެ.
އަނިޔާއިން ރަނގަޅުވެ ނޯޔާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވިފައި އޮތީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ނަމަވެސް ރިކަވަރީ މުއްދަތުގައި ދިމާވި އެހެން މައްސަލައަކާ ހުރެ އޭނާ އަނިޔާއިން ރަނގަޅުވުމުގައި ލަސްތަކެއް ދިމާވީ އެވެ.
ނޯޔާ ނެތްތަން ފޫބެއްދުމަށް ބަޔާނުން މިދިޔަ ޖެނުއަރީގައި ސޮއިކުރި ކީޕަރަކީ ޖަރުމަން ލީގުގެ ބޮރޫޝީއާ މޮންޗެންގްލެޑްބަޗްގެ ކީޕަރު ޔެން ސޮމާ އެވެ. ހަ މަހު އެ ޓީމަށް ކުޅުމަށް ފަހު ސޮމާ މިހާރު ވަނީ އިންޓަ މިލާނަށް ބަދަލުވެފަ އެވެ.
ސޮމާގެ ބަދަލުގައި ބަޔާނުން ކީޕަރެއް ހޯދަން މަސައްކަތްކުރި އެވެ. އެ ގޮތުން ކުރިން ބްރެންޓްފޯޑަށް ކުޅެ ދާދި ފަހުން އާސެނަލްއާއ ގުޅުނު ޑޭވިޑް ރާޔާ އާއި މެންޗެސްޓަ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޑޭވިޑް ޑެހެއާ ހޯދަން މަސައްކަތްކުރި އެވެ. ނަމަވެސް ނޯޔާ އަނިޔާއިން ރަނގަޅުވަމުން އަންނާތީ އެކުލަބުން ނިންމީ އެއް ނަންބަރު ކީޕަރުގެ މަގާމު ނޯޔާ އަށް ދިނުމަށެވެ.
ނޯޔާއާ އެކު ބަޔާންގައި މިވަގުތު ތިން ކީޕަރުން އެބަތިއްބެވެ. އެއީ ދާދި ފަހުން އެޓީމާ ގުޅުނު އިސްރާއިލްގެ ގޯލްކީޕަރު ޑެނިއެލް ޕެރެޓްޒް އާއި ޖަރުމަންގެ ކީޕަރު ސްވެން އުލްރައިކް އެވެ. އެ ޓީމުގައި ދެން ހުރި އެލެގްސަންޑާ ނުބެލް މިހާރު ވަނީ ލޯނު އުސޫލުން ސްޓުޓްގާޑަށް ދޫކޮށްލާފަ އެވެ.












