މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުން ގައުމީ ދެ ރެކޯޑެއް މިއަދު އާކޮށްފި އެވެ.
މިހާތަނަށް އައިއޯއައިޖީގައި ފަސް ގައުމީ ރެކޯޑެއް ހަދާފައިވާ ސްވިމިން ޓީމުން މިއަދު ހެދީ 4 ގުނަ 400 މީޓަރު މެޑްލޭ ރިލޭގެ އަންހެން އަދި ފިރިހެން ގައުމީ ރެކޯޑެެވެ.
އަންހެން މެޑްލޭ ރިލޭގެ ރެކޯޑު ހެދި ޓީމުގައި ހިމެނެނީ އައިޝަތު ޝައުޝަން، ޒައިނަބު އަބްދުﷲ ޝަފީގު، ހަނާން ހުސައިން ހަލީމް އަދި މެރާލް އައިން ލަތީފް އެވެ. މި ހަތަރު ފެތުންތެރިން ވަނީ މިއަދު ކުރިއަށްދިޔަ 4 ގުނަ 400 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ފަތައި 5 މިނެޓު 15.09 ސިކުންތުން ރޭސް ނިންމައި ގައުމީ ރެކޯޑް ހަދާފަ އެވެ.
މި އިވެންޓުގެ ފިރިހެން ކުދިންގެ ބައިގެ ގައުމީ ރެކޯޑު ރާއްޖެއިން ހެދީ 4 މިނެޓު 29:42 ސިކުންތުން ރޭސް ނިންމައިގެނެންވެ. މި ޓީމްގައި ހިމެނެނީ މުހައްމަދު އާން ހުސައިން، އަލީ އިމްއާން، މުހައްމަދު ރިޙާން ޝިހާމް އަދި މުބާލް އައްޒާމް އިބްރާހިމް އެވެ.
މިއަދު މެންދުރު ފަހު ކުރިއަށްދިޔަ ބައެއް ހީޓުތަކުގެ ފައިނަލްތަކަށް ބަލާއިރު، ރާއްޖޭގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ ރިލޭ ބައިގައި ވާދަކޮށް މުބާލް ރޭސް ނިންމީ 2 މިނެޓު 27.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ ގޮތުން، 200 މީޓަރު ބެކް ސްޓްރޯކްގެ އަންހެން ބައިގައި ވާދަކޮށް އައިޝަތު ޝައުޝަން ރޭސް ނިންމީ 3 މިނެޓު 01.85 ސިކުންތުންނެވެ. މި އިވެންޓުގެ ފިރިހެން ބައިގައި ވާދަކޮށް އަލީ އިމްއާން ރޭސް ނިންމީ 2 މިނެޓު 29.75 ސިކުންތުނެވެ.
ސްވިމިން ޓީމުން މިހާތަނަށް ހެދި ރެކޯޑުތަކަށް ބަލާއިރު މިއަދު ހެދި ދެ ރެކޯޑުގެ އިތުރުން ވަނީ ޖުމްލަ ފަސް ރެކޯޑެއް ހަދާފަ އެވެ. އޭގެ ތެރެއިން 50 މީޓަރ ބަޓާފްލައި ފިރިހެން އިވެންޓުގެ ގައުމީ ރެކޯޑު ހެދީ އާން އެވެ. މި ބައިގެން އަންހެން އިވެންޓުގައި ވާދަކޮށް ހަނާން ގައުމީ ރެކޯޑު އާކުރިއިރު، 100 މީޓަރު ބަޓާފްލައި އިވެންޓުންވެސް ހަނާން ވަނީ ގައުމީ ރެކޯޑެއް މި ފަހަރުގެ އައިއޯއައިޖީގައި ހަދައިފަ އެވެ.
ދެން ރާއްޖޭގެ ޓީމުން ހެދި އަނެއް ދެ ރެކޯޑަކީ 50 މީޓަރުގެ ބްރެސްޓްސްޓްރޯކުގެ ފިރިހެން ބައިގައި ވާދަކޮށް މުބާލް ހެދި ގައުމީ ރެކޯޑާއި މުބާލް ހިމެނޭހެން ފިރިހެނުންގެ ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑުވެސް ފިރިހެން ސްވިމިން ޓީމުން ހަދާފަ އެވެ.













