މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން ޓީމު އިވެންޓް ބައިން ރާއްޖޭގެ އަންހެން ޓީމަށް ރިހި މެޑަލް ލިބިއްޖެ އެވެ.
މިއީ ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން އައިއޯއައިޖީގައި ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2015 އާއި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ވަނީ ޓީމު އިވެންޓް ބައިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އެހެންކަމުން، މިއީ ޓީމު އިވެންޓް ބައިގައި ބެޑްމިންޓަން އަންހެން ޓީމުން ކުރިއެރުން ހޯދާފައިވާ ފަހަރެކެވެ.
މި ފަަހަރުގެ އައިއޯއައިޖީގައި ލީގު އުސޫލުން އަންހެން ބެޑްމިންޓަން ޓީމު އިވެންޓް ކުރިއަށްދިޔައިރު، ރާއްޖެ އަށް ރަން މެޑަލް ގެއްލުނީ އިއްޔެ ކުޅުނު މެޗުން މޮރިޝަސް އަތުން 3-2 އިން ބަލިވުމުންނެވެ. މޮރިޝަސް އަތުން ރާއްޖެ ބަލިވުމުގައި ޓީމުގެ މައިސާ ފަތުހުﷲ (މައި) އަށް އަނިޔާވުމުން އޭގެ އަސަރު ޓީމަށް ކުރި އެވެ.
ލީގު ބުރުގެ ފަހު މެޗުން ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު މިއަދު ވަނީ މަޔޯޓް އަތުން 5-0 އިން މޮޅުވެފަ އެވެ.
މަޔޯޓްއާ ދެކޮޅަށް ރާއްޖޭން ފުރަތަމަ ސިންގަލްސްގައި ނުކުތީ ފާތިމަތު ނަބާހާ (ނަބާ) އެވެ. ނަބާ ވަނީ މަޔޯޓްގެ އޯޑްރީ ބޮއިޝުސް އަތުން 21-16، 21-06 އިން މޮޅުވެފަ އެވެ. ދެ ވަނަ ސިންގަލްސް މެޗުގައި އައިމިނަތު ނަބީހާ (ނަބީ) ވަނީ މަޔޯޓްގެ މާގަރީޓް ބެކްޑެލީވިއާ އަތުން 21-04، 21-04 އިން މޮޅުވެފަ އެވެ. ތިން ވަނަ ސިންގަލްސް މެޗުގައި ރާއްޖޭގެ އައިޝަތު ޝަހުރުނާޒް މޫސާ ވަނީ މަޔޯޓްގެ އިންޑްޖިލާ އަތުން 21-08، 21-06 އިން މޮޅުވެފަ އެވެ.
ފުރަތަމަ ޑަބަލްސްގައި ރާއްޖޭގެ ނަބާ އާއި ނަބީގެ ޕެއާ ވަނީ މަޔޯޓްގެ އޯޑްރީ އާއި އިންޑްޖިލާގެ ޕެއާ އަތުން 21-06، 21-17 އިން މޮޅުވެފަ އެވެ. ދެ ވަނަ ޑަބަލްސްގައި ރާއްޖޭގެ ޝަހުރުނާޒް އާއި ޝުބާގެ ޕެއާ ވަނީ މަޔޯޓްގެ މާގަރީޓް އާއި ސާރާ މިނަސްގެ ޕެއާ، 21-10، 21-17 އިން ބަލިކޮށްފަ އެވެ.












