މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ އިވެންޓްތައް ފެށީ ދުވަހު ވެސް ތިން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
އިއްޔެ ހެނދުނު ސްވިމިން އިވެންޓްތައް ފެށިއިރު، ކުރިއަށްދިޔައީ ޕްރިލިމިނަރީ ބުރުގެ އިވެންޓްތަކެވެ. ޕްރިލިމިނަރީ ހީޓްތަކުގައި ވާދަކޮށް، ރާއްޖޭގެ އިބްރާހިމް މުބާލާއި ޒައިނަބު އަބްދުﷲ ޝަފީގުގެ އިތުރުން ރިހާން މުހައްމަދު ޝިހާމް ވެސް ވަނީ ފައިނަލް ބުރުން ޖާގަ ހޯދައިފަ އެވެ.
ރެކޯޑްތަކަށް ބަލާއިރު، ޕްލިމިނަރީ ބުރުގައި މުބާލް ވަނީ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑު ހަދައިފަ އެވެ. މުބާލް ރެކޯޑު ހެދީ 200 މީޓަރު ފިރިހެން ފްރިސްޓައިލް އިވެންޓުގައެވެ. އެ ހީޓްގެ ހަ ވަނަ އަށް ނިންމައި މުބާލް ފައިނަލް ހީޓަށް ކޮލިފައިވެފައިވިއިރު، އޭނާ ހީޓް ނިންމީ ދެ މިނެޓް، 11.57 ސިކުންތުންނެވެ. އަދި ހަނާން ހުސައިން ހަލީމް ވަނީ އަންހެން 100 މީޓަރު ބަޓަފްލައި އިވެންޓްގައި ގައުމީ ރެކޯޑު ހަދައިފަ އެވެ. ހަނާން ރެކޯޑު ހެދީ ވާދަކުރި ހީޓް، އެއް މިނެޓް، 16.45 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ގައުމީ ސްވިމިން ޓީމުގެ ފިރިހެން އެތުލީޓުން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ރާއިފް ޔޫސުފް / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ޒައިނަބު، އަންހެން 50 މީޓަރު ބްރެސްޓްސްޓްރޯކް ރޭސް ނިންމީ ހަތް ވަނައި ގަ އެވެ. އޭނާ ފައިނަލަށް ކޮލިފައިވި ޓައިމިން އަކީ 37.46 އެވެ. އަދި ދެން ފައިނަލް ހީޓަށް ކޮލިފައިވި ރިހާން 100 މީޓަރު ބަޓަފްލައި ރޭސް ނިންމީ އަށް ވަނައިގަ އެވެ. ކުރިއަރަމުން އަންނަ ފެތުންތެރިޔާ، ރިހާން ރޭސް ނިންމީ އެއް މިނެޓް، 5.96 ސިކުންތުންނެވެ.
ފައިނަލް ހީޓްތައް އިއްޔެ ހަވީރު ބޭއްވިއިރު، ފިރިހެން ރިލޭ ޓީމުން ވަނީ 4 ގުނަ 100 ފްރީސްޓައިލް އިވެންޓުން ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. ފިރިހެން ރިލޭ ޓީމުން ރޭސް ނިންމީ، ތިން މިނެޓް، 58.33 ސިކުންތުންނެވެ. މީގެ ކުރިން، އެ ރެކޯޑް އޮތީ، ހަތަރު މިނިޓް 01.23 ސިކުންތުން ނިންމި ޓައިމިން އެއްގަ އެވެ. ފިރިހެން ރިލޭ ޓީމުގެ ފައިނަލް ހީޓް ފުރަތަމަ ޑިސްކޮލިފިކޭޝަނަކަށް ދިޔަ ނަމަވެސް، ފަހުން އެ ނިންމުން ވަނީ ބަދަލު ކޮށްފަ އެވެ.












