މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން ޓީމު އިވެންޓް ބައިގައި ރާއްޖޭގެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންޑިވިޖުއަލް އިވެންޓްތައް ފަހުން ފަށާ ގޮތަށް ރާވައި، މިއަދު ބެޑްމިންޓަނުން ފެށީ ޓީމު އިވެންޓް ބައިންެވެ. އެ ގޮތުން، ރާއްޖޭގެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން މިއަދު ވަނީ މަޑަގަސްކަރަ އާއި މަޔޮޓްއާ ދެކޮޅަށް ކުޅެފަ އެވެ. ލީގު ފޯމެޓެއްގައި ކުޅޭ އަންހެން ބެޑްމިންޓަން ޓީމު އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ރީޔޫނިއަންގެ މައްޗަށް 4-1 އިން ކުރިހޯދައިފަ އެވެ.
މިއަދު ހެނދުނު ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުން މަޑަގަސްކަރަގެ މައްޗަށް ކާމިޔާބު ހޯދީ 4-1 އިންނެވެ. އެ މެޗުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ޒަޔާން ޒަކީ ވަނީ މަޑަގަސްކަރަގެ ހޫލިއޯ ރަންޑްރިއަމަލާލާ އަތުން 2-1 އިން ބަލިވެފަ އެެވެ. ސެޓުތަކަށް ބަލާއިރު، ފުރަތަމަ ސެޓް 21-18 އިން ޒަޔާން ގެންދިޔަ ނަމަވެސް ދެން ކުޅުނު ދެ ސެޓް، 21-14, 21-16 އިން ގެންގޮސް މަޑަގަސްކަރާގެ ހޫލިއޯ މޮޅުވި އެވެ.
ސިންގަލްސް ދެ ވަނަ މެޗުގައި ގައުމީ ޗެމްޕިއަން، ނިބާލް އަހުމަދު ވަނީ ސީދާ ދެ ސެޓުން މަޑަގަސްކަރާގެ މާކް ހާޖާ ވޮންޖިނިރީނާ ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 21-16, 21-13 އިންނެވެ. އެ އަށް ފަހު، ދެން ކުޅުނު ސިންގަލްސްގެ ތިން ވަނަ މެޗުގައި މުހައްމަދު އަޖުފާން ރަޝީދު ވަނީ މަޑަގަސްކަރާގެ ރަހަރީ ރަމަނަނާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ 21-17, 22-20 އިންނެވެ.
މި ޓައިގައި ކުޅުނު ފުރަތަމަ ޑަބަލްސް މެޗުން އަޖުފާން އާއި ނިބާލްގެ ޕެއާ އިން ވަނީ ސީދާ ދެ ސެޓުން މަޑަގަސްކަރާގެ މާކް އާއި ހޫލިއޯގެ ޕެއާ 23-21، 21-15 އިން ބަލިކޮށްފަ އެވެ. ދެ ވަނަ ޑަަބަލްސް މެޗުގައި، ރާއްޖޭގެ އެއް ވަނަ ޕެއާ، ޒަޔާން އާއި މުޙައްމަދު ތޯއިފްގެ ޕެއާ އިން ނުކުމެ މަޑަގަސްކަރާގެ ރިއާނާ އާއި ރަހަރީގެ ޕެއާ 21-17, 21-16 އިން ބަލިކޮށް، މެޗުން މޮޅުވި އެވެ.
ފިރިހެން ބެޑްމިންޓަން ޓީމު ސެމީ ކަށަވަރުކުރި މެޗުގައި މެންދުރު ފަހު ކޮމޮރޯސް ބަލިކުރީ ވެސް ފަސޭހަކަމާ އެކު 5-0 އިންނެވެ. މި މެޗުގައި ފުރަތަމަ ސިންގަލްސް އަށް ނިބާލް ކުޅެން ނުކުމެ ކޮމޮރޯސްގެ ކޮރެންޓިން ލެޕޮއިވާ ބަލިކުރީ 21-5, 21-3 އިންނެވެ. ދެ ވަނަ ސިންގަލްސްގައި ތޯއިފް ވަނީ ކޮމޮރޯސްގެ ކޮލިން ގަލޮޓް 2-1 ސެޓުން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 21-16, 19-21 އަދި 21-7 އިންނެވެ. ތިން ވަނަ ސިންގަލްސްގައި ރިޝްވާން ޝިޔާމް ވަނީ ސީދާ ދެ ސެޓުން ކޮމޮރޯސްގެ ގުއިލާމް ޖޭ ބޯރެލް 21-3, 21-8 އިން ބަލިކޮށްފަ އެވެ.
ފުރަތަމަ ޑަބަލްސް ގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިން ނުކުމެ ކޮމޮރޯސްގެ ކޮލިން ގަލޮޓް އަދި ކޮރެންޓިން ބަލިކުރީ 21-8, 21-12 އިން ސެޓުތައް ގެންގޮސްގެންނެވެ. އެ އަށް ފަހު ކުޅުނު ފަހު ޑަބަލްސް މެޗުން އަޖުފާން އާއި ތޯއިފްގެ ޕެއާ އިން ބަލިކުރީ މަތިއު އާއި އެމަނުއެލް އެކްސް ރޮޒާންޑް އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-6, 21-9 ނެވެ.
ރީޔޫނިއަންއާ ދެކޮޅަށް އަންހެން ބެޑްމިންޓަން ޓީމު ކުޅުނު މެޗަށް ބަލާއިރު، ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ނުކުމެ ސީދާ ދެ ސެޓުން ރީޔޫނިއަންގެ އެސްޓެލެ ލެޕާލާ ބަލިކުރީ 21-13, 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ. ދެ ވަނަ ސިންގަލްސްގައި އާމިނަތު ނަބީހާ ވަނީ ސީދާ ދެ ސެޓުން ރީޔޫނިއަންގެ މަރީނާ ބިއެއްލެ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 21-14, 21-14 އިންނެވެ.
ތިން ވަނަ ސިންގަލްސް މެޗަށް ބަލާއިރު، މައިސާ ފަތުހު الله އިސްމާއިލް (މައި) ވަނީ ރީޔޫނިއަންގެ އެމިލީ ގުރޮންޑިން އަތުން 21-6, 21-13 އިން މޮޅުވެފަ އެވެ. އަންހެން ފުރަތަމަ ޑަބަލްސްގައި ރާއްޖޭގެ އެއް ވަނަ ޕެއާ، ނަބާހާ އާއި ނަބީހާގެ ޕެއާ އިން ވަނީ ރީޔޫނިއަންގެ ލީ ހޯ އާއި ވާޖިނީ ޓެސާންގެ ޕެއާ އަތުން 21-5, 21-12 އިން މޮޅުވެފަ އެވެ. ޑަބަލްސް ދެ ވަނަ މެޗުގައި މައިސާ އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ވަނީ ރީޔޫނިއަންގެ އެމަނުއަލް އާއި މެރީނާގެ ޕެއާ އަތުން 2-1 ސެޓުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 24-22, 15-21 އަދި 21-09 އިންނެވެ.
ލީގު އުސޫލުން އަންހެން ބެޑްމިންޓަން ޓީމު އިވެންޓް ކުރިއަށްދާއިރު، މާދަމާ ހެނދުނު އަންހެން ޓީމުން މޮރިޝަސްއާ ކުޅޭ މެޗަކީ ރަން މެޑަލަށް ޓާގެޓް ކުރާނަމަ މޮޅުވުން މުހިންމު މެޗެކެވެ.












