ވާގްނާ ގްރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިން މަރާލީ ރަޝިއާ ސަރުކާރުން ރާވައިގެން ކަމަށް ކުރާ ތުހުމަތުތައް ރަޝިއާއިން ދޮގުކޮށްފި އެވެ.
ޕްރިގޯޝިން މަރުވީ އޭނާ ދަތުރު ކުރަމުން ދިޔަ ޖެޓު ވެއްޓިގެންނެވެ. އެކަން ހިނގީ އޭނާގެ ކުލީ ސިފައިންގެ ގްރޫޕުން ރަޝިއާ ސިފައިންގެ ވެރިންނާ ދެކޮޅަށް ބަގާވާތެއް ހިންގަން އުޅުނުތާ ދެ މަސް ފަހުންނެވެ.
ޕްރިގޯޝިން މަރާލުމުގެ ފަހަތުގައި ވަނީ ސަރުކާރު ކަމަށް ކުރާ ތުހުމަތު ދޮގުކުރުމުގެ އިތުރުން، ކުލީ ސިފައިންގެ ގްރޫޕުތަކުގެ މެމްބަރުން ރަޝިއާގެ ގައުމީ ދިދައަށް ބައިއަތު ހިފަން ޖެހޭނެ ކަމަށް ވެސް ހުކުރު ދުވަހުން ސަރުކާރުން އެންގި އެވެ.
ބަގާވާތް ހިންގަން އުޅުނު މައްސަލައިގައި ރައީސް ލެޑިމިއަ ޕުޓިން ދޫނުދޭނެ ކަމަށާއި އޭނާގެ ފުރާނައަށް ނުރައްކާ އެބަ އޮތް ކަމަށް މީގެ ކުރިން އެމެރިކާއިން ބުންޏެވެ.
އެހެން ނަމަވެސް ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޖެޓު ވެއްޓެން ދިމާވީ ހިތާމަވެރި ހާދިސާއެއް ކަަމަށާއި ހުޅަނގުން ފަތުރާ ވާހަކަތަކަކީ ދޮގު ކަމަށެވެ.
ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ އިރު، އެ ތަހުގީގުތަކުން އެކަމުގެ ހަގީގަތް ހާމަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ހުކުރު ދުވަހު ޕުޓިން ވަނީ އެ ހާދިސާއާ ގުޅިގެން ތައުޒިޔާ ފޮނުއްވައިފަ އެވެ.
ޕުޓިން ވިދާޅުވީ ޕްރިގޯޝިން ދެނެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އޭނާއަކީ "ހުނަރުވެރިއެއް" ކަމަށާއި ނަމަވެސް ބޮޑެތި "ގޯސްތަކެއް" އޭނާ އަށް ހެދިފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ.










