ރައީސްކަމަށް ވާދަކުރާ މީހުންނާމެދު އިލްމުވެރިންގެ ބަސް

ދިވެހި ގައުމީ ދިދަ -- ފޮޓޯ: އަދަދު

ދިވެހި ގައުމީ ދިދަ -- ފޮޓޯ: އަދަދު

ތެދެކެވެ. މިރާއްޖޭގައި އިސްލާމްދީނަށް ނަފުރަތުކުރާ އަދި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންވެސް އުޅެ އެވެ. އެކަމަކު އެއީ މަދު، ހަމަ ވަރަށް މަދު އަދަދެއްގެ ބަޔެކެވެ. އެވަރު މަދު އަދަދަކަށް ނިސްބަތްވާ ސިފަތަކެއް މުޅި ޖަމާއަތް ސިފަކޮށް ބުނާއިރުގައި ބައިވެރިއެއް ނުކުރެވޭނެ އެވެ. އެހެންވީމާ ދަންނަވަމެވެ. ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. ދިވެހިންގެ ލޭގައި ހިނގަނީ އިސްލާމީ ރޫހެވެ. ދިވެހިންގެ ހިތްތަކުގައި ޖަހަނީ އިސްލާމީ ވިންދެވެ. މިކަން މިހެން ވެފައި އޮންނަކަމަށްޓަކައި ދިވެހިން ޒަމާނުއްސުރެ ދީނީ އިލްމުވެރިންނަށް ދޭ ގަދަރާއި ކުރާ އިހުތިރާމާއި ލިއްބައިދޭ ޝަރަފުވެރިކަން ނުހަނު ބޮޑެވެ.

ދީނީ ކޮންމެ މުޖުތަމައެއްގައި އެބައެއްގެ ދީނުގެ ބޮޑުންނަށް ލިބޭ ހައިބަތާއި ގަދަރު، ރާއްޖޭގެ ދީނީ އިލްމުވެރިންނަށްވެސް ލިބިފައި އޮންނަކަމުން، ދީނީ އިލްމުވެރިންގެ ބަހަކީ، މުޖުތަމައުގެ ބޮޑެތި ނިންމުންތައް ނިންމުމުގައި، އޭގައި ބާރިވެރިކަން ހުރި، އަދި ދެކޮޅު އެއްވަރުވާ ހާލަތުގައި ވަކި އަތަކަށް ބުރަދަންދިނުމުގައި ބަރުދަންހުރި ނުފޫޒެއްކަމުގައިވެފައި ވެ އެވެ. ސަބަބަކީ އެބޭކަލުން ބަސް ވިދާޅުވަނީ ދީނަށްޓަކައެވެ. އެބޭކަލުން ވިސްނަވަނީ ދީނީ އިންތަކުގައި ދީނީ މިންތަކުގައި ދީނީ ފަލްސަފާތަކުން ގައުމަށް އެންމެ ލާބަހުރި ގޮތުގެ މައްޗަށްކަމަށް އާންމުންގެ ހިތްތަކުގައި ލޮޅުމެއް ނާރާފަދަ އިތުބާރަކާއި ސާބިތުކަމެއް އޮންނާތީ އެވެ. އަދި ދީނީ އިލްމުވެރިންނަކީ ދުނިޔަވީ އެދުންތަކާއި އަމިއްލަ އެދުންތައް އެއްފަރާތްކޮށް އެންމެ އިހުލާސްތެރި ވާނެ އިންސާނުންގެ ގޮތުގައި ގަބޫލުވެސް ކުރެވޭތީ އެވެ. އަދި އެކަން ބަހާއި އަމަލަށް ބަލާއިރު، ގިނަ އިލްމުވެރިންގެ ފުށުން އަދިވެސް ފެންނަމުންދާތީވެސްމެ އެވެ.

އަޅުގަނޑުގެ މިއަދުގެ މައުލޫއަކީ، ރައީސްކަމަށް ވާދަކުރާ މީހުންނާމެދު އިލްމުވެރިން ބަސްބުނުމާމެދު އެއްޗެއް ދެންނެވުމެވެ. ބަސްބުނަންޖެހޭ ކަމާމެދު ހަމަ އެކަކުވިޔަސް ޝައްކެއް ނުކުރައްވާށެވެ. ރަނގަޅު ކެންޑިޑޭޓަކީ އެވެނި މީހާކަމުގައި ބަޔާންކޮށް ސަބަބުތައް ދައްކާ އެކަން ބަޔާންކޮށްދިނުމަކީ އިލްމުވެރިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑު އެއްޗެއް ދަންނަވާލަން މިއުޅެނީ އެކަމުގައި ބަސްބުނަންޖެހޭ ވަގުތާއި މިންގަނޑުތަކާ ބެހޭގޮތުންނެވެ.

އިންތިހާބަކަށް ހުޅުވާލެވިފައިވަނިކޮށް، އިލްމުވެރިން ވަކި ކެންޑިޑޭޓަކާމެދު ބަސްބުނާނަމަ އެކަން ކުރަންވާނީ، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ ތާރީހުން ފެށިގެން ވޯޓުލުމާ އެދެމެދުގަ އެވެ. އެހެނީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮތްހައި ހިނދަކު އައު ކިތަންމެ ކެންޑިޑޭޓަކު ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ. ވަރަށް ހެޔޮލަފާ އަދި ވަރަށް ގާބިލު ބޭފުޅަކު ކުރިމަތިލުމުގެ ފުރުސަތު އޮއްވައި، ކުރިޔާލައި ބަސްވިދާޅުވުމުން ވަކި ބޭފުޅެއްގެ ކޮޅަށް ތައައްސުބުވަނީކަމުގައި ސުވާލު އުފެދޭގޮތްވާނެ އެވެ. ފަހުން އަލަށް ކުރިމަތިލާ ބޭފުޅަކު މާރަނގަޅުވެގެން ކުރިން ވިދާޅުވި ބަސްފުޅު އަނބުރާ ނަންގަވައި އެހެން ބޭފުޅަކު މާހެވޭ ވިދާޅުވެއްޖެނަމަ ވެސް ސުވާލު އުފެދޭ ގޮތްވާނެ އެވެ. އިންތިހާބުތަކުގައި މީހުންނަށް ތާއީދުކުރުމަކީ، ވަރަށް ހައްސާސް އެކި ގޮތްގޮތަށް މީހުންގެ ޝައްކާއި ވަހުމް ގުޅިފައި އޮންނަ މައްސަލައަކަށްވާތީ އެވެ.

އެހެންވީމާ ފުރަތަމައަށް ގަބޫލުކުރަންވީ މިންގަނޑަކީ، ކެންޑިޑޭޓަކަށް އިލްމުވެރިއަކު ތާއީދުކުރައްވާނަމަ، ހުރިހާ ކެންޑިޑޭޓުން ކުރިމަތިލާ ނިމުނީމާ، އޭގެ ތެރެއިން އެންމެ ރަނގަޅުކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅެއް ބަޔާންކުރެއްވުމުގެ އަސާސެވެ. އެންމެ ރަނގަޅު ބޭފުޅެއް ބެއްލެވުމުގައި އެއްވަރަކަށް އެއްހަމައެއްގައި އިސްކަންދޭންޖެހޭ ހަތަރުކަމެއް އޮތްކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ، ކެންޑިޑޭޓުގެ ދީނީ ސިޔާސަތެވެ. އޭނާގެ ހުރި ލީޑަރޝިޕްގެ ކޮލިޓީ އެވެ. އޭނާގެ ހުރި ހޭލުންތެރިކަމެވެ. އޭނާގައި ހުރި އަމާނާތްތެރިކަމެވެ.

މިހަތަރު ކަންތަކަށް ދީނީ އިލްމުވެރިން ބަލަންޖެހެނީ ކީއްވެކަން ބަޔާންކޮށްލާނަމެވެ. ދިވެހިރާއްޖޭގެ ވެރިމީހާ ދީނާމެދު ގެންގުޅޭނެ ސިޔާސަތު އެއީ އެނގެން ޖެހޭ އެއްޗެކެވެ. އެ ސިޔާސަތު ނޭނގޭނަމަ ނުވަތަ އެސިޔާސަތު ރަނގަޅުވާނެކަމާމެދު ކިރިޔާ ޝައްކެތް ހިނގާނަމަ، ދެން އެފަދަ މީހަކަށް ދީނީ ހައިސިއްޔަތެއްގެ ނުފޫޒު ހައްގެއް ނޫނެވެ. އިސްލާމީ އުސޫލުތައް ބުނާ ގޮތުން ވެރިކަމަށް އަންނަންވާނީ އެކަން ކުރެވޭނެ މީހުންނެވެ. ލީޑަރޝިޕް ކޮލިޓީ ނެތް މީހަކީ ކިތަންމެ ބޮޑު އަޅުވެރިއަކަށްވިޔަސް އެފަދަ މީހަކު ކުރާ ވެރިކަމަކުން ގިނަ ފަހަރަށް ނުކުންނާނީ ރަނގަޅަށްވުރެ ބޮޑެތި ގޯހެވެ. ކިލަނބުވެދާނީ އިސްލާމްދީނުގެ ނަމެވެ. ދެން އޮތީ ހޭލުންތެރިކަމެވެ. ދުނިޔެ ހިނގާ ގޮތާއި ދުނިޔޭގެ އާޖުފާޖަށް ބީރަށްޓެހި ލީޑަރަކަށް އުންމަތެއް ސަލާމަތުގެ އައްސޭރިއަކަށް ނުގެންދެވޭނެ އެވެ. އަމާނާތްތެރިކަން ނެތް ވެރިޔަކު ހުރި އުންމަތަކަށްވުރެ ވެރިޔަކު ނެތް އުންމަތެއް ވެސް ރަނގަޅުވާނެ އެވެ. އެހެންވީމާ މި ހަތަރު ކަންތައް ފުރިހަމަވާ ކެންޑިޑޭޓަކީ ކޮބާތޯ ވިސްނާ ނަޒަރުކުރަންޖެހޭކަމުގައި ފެނެ އެވެ.

ދެން އޮތީ މިކަންކަން ބަލާނީ ކޮން ވަސީލަތްތަކަކުންތޯ ދެނަގަތުމެވެ. ޝައްކެތް ނެތެވެ. ޝަހުސީ ގޮތުން ތިމާއަށް އެނގޭ އެނގުން އެއީ ހަމަ ވަރަށް ބޮޑު ވަސީލަތެކެވެ. ތިމާއަށް ނުހަނު ގާތުން މިވެނި މީހާ އެނގޭނަމަ، އެނގޭތާ ދުވަސްތަކެއް ވެފައިވާނަމަ އެއީ އިންސާނަކާމެދު ބަސްބުނުމުގައި އެންމެ ބޮޑަށް ރިއާޔަތްކުރުން އައުލާ އެއްކަންތަކެވެ. އެ މީހަކާމެދު ބަސް ބުނެވޭ މީހަކީ ކުރިން ވެރިކަން ކޮށްފައިވާ މީހަކު ނަމަ، ނުވަތަ އިސް މަގާމެއް ފުރާފައިވާ މީހަކު ނަމަ، އޭނާ ކަންކުރި ގޮތަށް، އޭނާ ކުރި ވައުދުތަކާމެދު އަމަލުކުރި ގޮތަށް، މިނިވަން ނަޒަރަކުން ވިސްނާލުމަކީ އެއީ ވެސް ހަމަ އެދަރަޖައިގެ ވަސީލަތެކެވެ. އަލަށް ހުށަހަޅާ ސިޔާސީ ވައުދުތަކާއި ވިދާޅުވާ ބަސްފުޅުތަކާމެދު ދަންނަ އެވެ. އެހެން ނެރެ އިއްވާ ސިޔާސީ ވައުދުތަކުގައި ހުންނަނީ އެކި އެކި ދާއިރާތަކާ ގުޅިފައި ހުންނަ ކަންކަމެވެ. މިސާލަކަށް ބިމެއް ހިއްކާ ވާހަކަ ދައްކާނަމަ، އެކަމުގެ ފަންނީ މާހިރުން އެކަމާމެދު ބުނާ އެއްޗެއް އިލްމުވެރިން ބަލަންވާނެ އެވެ. އަދި ރާއްޖޭގެ ބައިތުލްމާލު ބޮޑުތަނުން ދަރަނިވެރިވަމުންދާއިރު، ކުރާނަމޭ ބުނާ ކަންކަމަށް ހޭދަވާނެ މިންވަރަކާއި އެކަމުގައި ވަކި އަތަކަށް ނުޖެހޭ އިގްތިސާދީ ބޭފުޅުންގެ ލަފާ އެއީ ވެސް އިލްމުވެރިން ބޭނުންހިފަންޖެހޭނެ ފުރަތަމަ ދަރަޖައިގެ ވަސީލަތެކެވެ.

މިވެނި މީހަކަށް ތާއީދުކުރަނީ މަދުބަޔެކޭ އޭނާ އަށް ދޭ ވޯޓު ގެއްލިދާނޭ މިއީ އަޅުގަނޑު ހިތުން ރިއާޔަތްކުރަންޖެހޭ ކަމެއް ނޫނެވެ. އެހެނީ ދީނަށް ނުވަތަ ހައްގަށް އަމަލުކުރީ ކަމަށް ވަނީ، ތިމާ ތާއީދުކުރާ މީހާ ވެރިކަމުގެ ގޮނޑީގައި ބޭންދުނީމައެއް ނޫނެވެ. އެކަމަކު ތިމާއަށް އެނގިހުރި ހައްގަށް އަމަލުކުރުމުންނެވެ. އަދި ހައްގަށް ނަސްރު ލިބުމުގައި، މަގުގެ ކޮޅު ނިމޭ ހިސާބަކީ އެންމެ ފަސް އަހަރުކަމަށް ބަލާބެލުމަކީ ދީނީ ގޮތުން ބަލާއިރު ރަނގަޅު ވިސްނުމެއް ނޫނެވެ. "ކަލޭގެފާނުގެ ކަލާނގެއަށް އެއް އަހަރު އަޅުކަންކުރާނަމެވެ. އަހަރެމެންގެ ކަލާނގެއަށް ކަލޭގެފާނު އަނެއް އަހަރު އަޅުކަން ކުރައްވާނީ އެވެ." މައްކާގެ ބޮޑުން ހުށަހެޅި މި ޕްރޮޕޯސަލްއަށް މާތް ނަބިއްޔާ އެއްބަސްވިނަމަ، މައްކާގައި މާތް ނަބިއްޔާ ބައިވެރިވެވަޑައިގަންނަވާ ވެރިކަމުގެ ކޯލިޝަނެއް ނުއުފެދުނީސްތޯ އެވެ. އެކަމަކު މާތް ނަބިއްޔާ އަމަލުފުޅުކުރެއްވީ އެހެންނެއް ނޫނެވެ. އާދޭހެވެ. އިސްލާމްދީނުގެ ކަންކަން ހުންނާނީ ޝާމިލުވެގެންވާ ގޮތުގައި، ބައި ނޭޅޭނެ ގޮތުގައި ވަކި ވަކި ނުވާނެ ގޮތުގައި، ފުރިހަމަވެގެންވާ ގޮތުގަ އެވެ.

ދެން އޮތީ އިލްމުވެރިން ސަމާލުވާންޖެހޭކަމުގައި ފެންނަ ފަހު ކަންތަކެވެ. އެއީ ހަމަ ތިމާފަދަ އަނެކާއާމެދު ޝައްކާއި ވަހުމުން ދުރުވެގަތުމެވެ. މިއީ ރާއްޖެ އެވެ. މިރާއްޖޭގައި އުޅެނީ ހުސް މުސްލިމުންނެވެ. އެކި ހިޔާލުގެ އިލްމުވެރިންވެސްމެ އެވެ. ރައީސް މައުމޫނުގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައުމުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީގެ އިލްމުވެރިން 2008 ވަނަ އަހަރު ކޯލިޝަން ހެދިއިރު، ރައީސް މައުމޫނުގެ އަރިހުގައި ތިބި ދީނީ އިލްމުވެރިން މަދެއް ނޫނެވެ. ވަކިއަތަކަށް ނުޖެހި ދެގޮތް ގޯސްކަމުގައި ދެކެވަޑައިގެން ތިއްބެވި އިލްމުވެރިން ވެސް މަދެއް ނޫނެވެ. އެފަހުން އައި ދައުރުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްއިރުވެސް، އިލްމުވެރިން ދެކޮޅުގައި ތިއްބެވި އެވެ. ވަކި އަތަކަށް ނުދާ އިލްމުވެރިން ވެސް އުޅުއްވި އެވެ. މިހާރުވެސް އެހެންނެވެ.

މައްސަލައަކީ އިޖުތިހާދީ މައްސަލައެކެވެ. އަޅުގަނޑުގެ މި ލިޔުމުގައި އަލިއަޅުވާލި މިންގަނޑުތަކުގެ އަލީގައި ވެސް އޭނާ ބެލީމާ ފެންނަ ގޮތާއި އަހަރެން ބެލީމާ ފެންނަ ގޮތުގައި ތަފާތެއް ހުރެދާނެ އެވެ. އެކަމަކު ނުކުރާންވީ ކަމަކީ އިލްމުގެ އަހުލުވެރިން އިލްމުވެރިންގެ ސަޕޯޓަރުން ތިމާއާ ހިޔާލު ތަފާތުވާ އަނެއް އިލްމުވެރިޔާއާމެދު ޝައްކުގެ ނަޒަރުން ބަސް ބުނުމެވެ. ހިޔާލު ތަފާތުވާ އިލްމުވެރިޔާ، މާދަމާ އަޅުކަމުގެ މައްސަލައެއްގައި ހުރިހާ އިލްމުވެރިންގެ އިޖުމާއާ ހަވާލާދީ ދައްކާ ވާހަކަވެސް އާންމުންގެ ތެރެއިން ބަޔަކު ގަބޫލުނުކުރާނެ ދަރަޖައަކަށް އިލްމުވެރިންގެ އަގު ވައްޓާލަން ހަމަ އެފަދަ އަނެއް އިލްމުވެރިޔާ މަސައްކަތް ނުކުރުމެވެ.

ޝައްކެއް ނެތެވެ. ހުރިހާ ދިމާއެއްގައި ހުރިހާ ފޭރާމެއްގައި އަމިއްލަ އެދުމުން ފުރިފައިތިބޭ މުނާފިގުން އެކި ސިފަސިފައިގައި ފެންނާނެ އެވެ. އެކަމަކު ބޮޑު މުނާފިގު ކަލޭގެ މައްޗަށް މާތް ނަބިއްޔާ ކަށުނަމާދުވެސް ކުރެއްވީ މިދަންނަވަން އުޅޭ ފަދަ މަސްލަހަތަކަށްޓަކައެވެ. އެތައް އޮއިވަރެއްގެ މައްޗަށް ހުއްޓުމެއް ނެތް ބޮޑެތި ރާޅުތަކުގެ ތެރޭގައި އޮތް އަހަރެމެންގެ އިސްލާމީ ވެށީގެ ނާޒުކުކަން ދާނީ، އިސްލާމީ ދައުވަތަށް ލިބޭ ކޮންމެ ގެއްލުމަކާއެކު އިންތިހާއަށް ބޮޑުވަމުންނެވެ. މިނިކާ ބާޒުތައް އެތިބީ އިލްމުވެރިންގެ ކޯޅުންތަކަށް ލޯ އަޅައިގެން، ދީނީ އެއްބަވައިތަކަމުގެ ލޯވަޅުތަކަށް ބޯދީގެންނެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox