މެންޗެސްޓާ (އޮގަސްޓް 25) - ފްރާންސްގެ ރެނޭ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގް، ޖެރެމީ ޑޮކޫ، މެންޗެސްޓާ ސިޓީ އަށް ސޮއިކުރިއިރު، އެ ކުލަބްހގެ ޑިފެންޑަރު އައިމެރިކް ލަޕޯޓު ސައުދީ ލީގުގެ އަލް ވިއްކާލައިފި އެވެ.
ބެލްޖިއަމްގެ ގައުމީ ޓީމުގެ ޑޮކޫ ސިޓ އިން ގަތީ 55.4 މިލިއަން ޕައުންޑްގެ ފީއެއް (62 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. ސިޓީއާ އެކު ޑޮކޫ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާއިރު، އެކުލަބުގައި އޭނާ ބޭނުންކުރާނީ 11 ނަންބަރު ޖާޒީ އެވެ.
ޑޮކޫ ހޯދުމަށް ސިޓީގެ އިތުރުން ޕްރިމިއާ ލީގުގެ ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑުންވެސް މަސައްކަތްކުރި އެވެ.
އުމުރުން 21 އަހަރުގެ ޑޮކޫ އަކީ އާ ސީޒަނަށް ސީޓިގެ ކޯޗު ޕެޕް ގާޑިއޯލާ ސޮއިކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޗެލްސީގެ މިޑްފިލްޑަރު މަޓެއޯ ކޮވަސިޗް އާއި އާރްބީ ލެއިޕްޒިގަށް ކުޅުނު ޖޮސްކޯ ގްވާޑިއޯލް އެ ކުލަބަށް ގެނެސްފަ އެވެ.
ކޮވަސިޗް 25 މިލިއަން ޕައުންޑަށް ސޮއިކުރި އިރު، ގާޑިއޯލް ސޮއިކުރީ 77 މިލިއަން ޕައުންޑަށެވެ.
ސިޓީއިން ޑޮކޫގެ ސޮއި މި ހޯދީ އެކުލަބު ދޫކޮށް ސައުދީ ލީގަށް ބަދަލުވި ރިޔާދު މާރޭޒް ނެތްތަން ފޫބެއްދުމަށެވެ.
އާ ސީޒަނަށް ސިޓީ އިން ޑޮކޫގެ ސޮއި ހޯދިއިރު އެކުލަބުން ވަނީ ޑިފެންޑަރު ލަޕޯޓް ސައުދީ ލީގުގެ އަލް ނަސްރަށް ވިއްކާލައިފަ އެވެ. ލަޕޯޓް އަލް ނަސްރަށް ސޮއިކުރީ 23.6 މިލިއަން ޕައުންޑްގެ ޑީލެއްގަ އެވެ.
ލަޕޯޓް 29، އަކީ 2018 ވަނަ އަހަރު ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އިން ސިޓީއަށް ސޮއިކުރި ކުޅުންތެރިއެކެވެ. އެކުލަބާއިއެކު ހޭދަކުރި ފަސް ސީޒަންގައި ލަޕޯޓް ވަނީ 12 ތައްޓެއް ހޯދާފަ އެވެ.
ސިޓީ އަށް ބަދަލުވެ ފުރަތަމަ ތިން ސީޒަނުގައި ކުލަބުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ލަޕޯޓަށް ޓީމުން ޖާގަ ގެއްލެން ފެށީ ބޮޑު އަނިޔާއެއް ކުރިމަތިވެ ކުޅުމާ ދުރަށްދާނެ ޖެހުނު ހިސާބުންނެވެ. އޭގެ ފަހުން ސިޓީ އިން ގެނައި ދެ ޑިފެންޑަރުން ކަމަށްވާ ނޭތަން އަކޭ އާއި މަނުއެލް އަކަންޖީގެ ސަބަބުން ލަޕޯޓަށް ޓީމުގެ ފުރަތަމަ އެގާރައަށް އެރުމުގެ ފުރުސަތު ހަނިވި އެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ ނިމުމުގެ ކުރިން ސީޓި އިން އިތުރު މިޑްފިލްޑަރެއް ގަތުން ގާތް ކަމަށް ބެލެވެ އެވެ. ސަބަބަކީ ކެޕްޓަން ކެވިން ޑި ބްރޭނާ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމެވެ.
ސިޓީ އިން އެންމެ ފަހުން ބިޑު ކުރި ކުޅުންތެރިއަކީ ވުލްވްސްގެ މިޑްފިލްޑަރު މަތައިސް ނޫނެސް އެވެ. އޭނާ އަށް ސިޓީއިން ކުރި 47 މިލިއަން ޕައުންޑްގެ ބިޑަށް ވުލްވްސް އިން ވަނީ ނޫނެކޭ ބުނެފަ އެވެ.












