ރަޝިއާގައި ވެއްޓުނު ޖެޓެއްގެ ޕަސެންޖަރުންގެ ލިސްޓުގައި ކުލީ ސިފައިންގެ ގްރޫޕް ވާގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިންގެ ނަން ހިމެނޭ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.
ވާގްނާއާ ގުޅުން ހުރި ގްރޭ ޒޯން ޓެލެގްރާމް ޗެނަލުން ރިޕޯޓު ކުރި ގޮތުގައި "އެމްބްރެއާ" ވައިގެ އުޅަނދަށް އެއާ ޑިފެންސުން ބަޑި ޖަހައި ވައްޓާލީ މޮސްކޯގެ އުތުރުން ޓްވެރް ސަރަހައްދުންނެވެ.
ވެރިރަށް މޮސްކޯއިން ސެއިންޓް ޕީޓާޒްބާގަށް ދަތުރު ކުރަމުން ދިޔަ ޖެޓުގައި ހަތް ޕަސެންޖަރުންނާއި ތިން ކްރޫ މެމްބަރުން ތިއްބެވެ.

މިދިޔަަ ޖޫން މަހު ރަޝިއާގެ ސިފައިންނާ ދެކޮޅަށް ބަގާވާތް ހިންގަން އުމުރުން 62 އަހަރުގެ ޕްރިގޯޝިން މަސައްކަތް ކުރި އެވެ. އެކަމަކު އެންމެ ފަހު ވަގުތު އަމާންދިނެވެ.
ޓަސް ނިއުސް އެޖެންސީން ބުނީ ޖެޓު ބިމުގައި ޖެހުމާ އެކު އަލިފާން ރޯވި ކަމަށާއި އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ވެއްޓުނު އިރު އުޅަނދު ދަތުރުފެށިތާ 30 މިނެޓު ނުވާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
ޕްރިގޯޝިން މަރުވެފައިވާ ކަމަށް ބެލެވޭ އިރު، ބަގާވާތް ހިންގަން އުޅުނު މައްސަލައިގައި ރައީސް ލެޑިމިއަ ޕުޓިން ދޫނުދޭނެ ކަމަށާއި އޭނާގެ ފުރާނައަށް ނުރައްކާ އެބަ އޮތް ކަމަށް މީގެ ކުރިން އެމެރިކާއިން ބުންޏެވެ.










