މެންޗެސްޓާ (އޮގަސްޓް 23) - ބުރަކަށީގެ އޮޕަރޭޝަނަކަށް ފަހު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދެ މެޗަށް ޓީމާ ދުރަށް ޖެހިލައި، އަރާމް ކުރަން ވަގުތު ނަގާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ގާޑިއޯލާ، 52، ބުރަަކަށީގެ ރިހުން އިތުރަށް ގޯސްވެފައިވާތީ، ކުއްލި އޮޕަރޭޝަނެއް ކުރުމަށް ފަހު، ބާސެލޯނާގައި މަޑުކޮށް އަރާމްކުރަން ދުވަސްތަކެއް ނަގާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ސިޓީން ނެރުނު ބަޔާނެއްގައި ބުނީ ގާޑިއޯލާ އަށް މި މުއްދަތުގައި ސިޓީގެ ދެ މެޗެއް ގެއްލޭނެ ކަމަށެވެ. ގާޑިއޯލާ ނެތި، ޓީމުގެ ބެންޗުން އިރުޝާދުދިނުމުގައި ހަރަކާތްތެރިވާނީ އެސިސްޓަންޓް ކޯޗު، ހުއާންމާ ލީލޯ އެވެ.
ސިޓީން ދެން ކުޅެން އޮތީ، ޝެފީލްޑް ޔުނައިޓެޑާއި ދެ ކޮޅަށް މި އާދިއްތަ ދުވަހު ކުޅޭ މެޗާއި އަންނަ މަހުގެ ދެ ވަނަ ދުވަހު ފުލަމްއާ ބައްދަލުކުރާ މެޗެވެ. މި ދެ މެޗުގައި ގާޑިއޯލާ ޓީމާ އެކު ނެތަސް، އަންނަ މަހުގެ 16 ވަނަ ދުވަހު، ސިޓީން ވެސްޓް ހޭމާ ކުޅޭ މެޗުގައި ގާޑިއޯލާ ޓީމާ އެކު ހުންނާނެ ކަމަށް ސިޓީން ވަނީ ބުނެފަ އެވެ.
ވެސްޓް ހޭމްއާ ދެކޮޅަށް ސިޓީން ކުޅޭ މެޗަކީ އިންޓަނޭޝަނަލް ބްރޭކަށް ފަހު، އަލުން ކްލަބް ފުޓްބޯޅަ ފެށިގެންދާނެ މެޗުތަކެެވެ.
ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވުމަށް ފަހު، އެންމެ ކާމިޔާބު އަހަރެއް ނިންމާލީ މިދިޔަ ސީޒަނުގަ އެވެ. ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ސިޓީން މި ފަަހަރު ސީޒަން ފެށި އެފްއޭ ޗެރިޓީ ޝީލްޑް މެޗުން އާސެނަލް އަތުން ބަލިވި ނަމަވެސް، ޔުއެފާ ސުޕަ ކަޕް މެޗުގައި ވަނީ ސެވިއްޔާ ބަލިކޮށްފަ އެވެ.












