އެސްޓީއޯއިން ސްޕެއިންގެ "މަޓަޗާނާ" ކުންފުންޏާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ސީއެސްއެސްޑީ އަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާ އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން އަދި ޑްރެސިންގައި ބޭނުންކުރާ ފަދަ ތަކެތި ސާފުކޮށް، ޖަރާސީމު ނައްތާލައި ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ޑިޕާޓްމެންޓެކެވެ.
މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި މަޓަޗާނާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހައި، ސީއެސްއެސްޑީ ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި އިކުއިޕްމެންޓްތައް ގެނައުމުގެ އިތުރުން އިންސްޓޯލްކުރުން އަދި މުއައްޒަފުންނަށް ބޭނުންވާ ޓްރެއިނިންތައް ދޭނެ އެވެ.
އައިޖީއެމްއެޗްގެ ސީއެސްއެސްޑީގައި މިހާރު ބޭނުންކުރަނީ ވެސް މަޓަޗާނާ ބްރޭންޑުގެ އިކުއިޕްމެންޓްތަކެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީކުރާ ސީއެސްއެސްޑީ ޑިޕާޓްމެންޓް -- ފޮޓޯ: އެސްޓީއޯ
ހުޅުމާލޭ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ޑިޕާޓްމެންޓުގެ މަސައްކަތް ނިންމަން ދީފައިވަނީ 262 ދުވަހުންގެ މުއްދަތެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
ސީއެސްއެސްޑީއަކީ އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދިނުމަށް މުހިއްމު ހިދުމަތެކެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަކީ ހިދުމަތް ހޯދާ ބަލިމީހުން އިތުރުވަމުންދާ ހޮސްޕިޓަލަކަށްވުމާއިއެކު، އެ ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީ ޑިޕާޓްމެންޓެއް ހުރުން ވަރަށް މުހިއްމު ކަމުގައި އެސްޓީއޯއިން ދެކެ އެވެ.
އެސްޓީއޯއަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.










