ރިޕޯޓުއުކުޅަކަށް ފަހު އުކުޅެއް، ނަޝީދު އަދިވެސް މަޖިލީހުގެ ރިޔާސަތުގައި!

އުކުޅަކަށް ފަހު އުކުޅެއް، ނަޝީދު އަދިވެސް މަޖިލީހުގެ ރިޔާސަތުގައި!

ނަޝީދުގެ އުކުޅުތަކުގައި ތާށިވެ، މަޖިލިސް މިއޮތީ ހުއްޓިފަ އެވެ. މަޖިލީހުގެ ރިޔާސަތުގައި ނަޝީދަށް ދެމިހުންނެވޭ ގޮތް ވުމަކީ ސިޔާސީ ގޮތުން އެމަނިކުފާނަށް ކާމިޔާބަކަށް ވެދާނެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ލިބޭ ދެރައަކަށް މެނުވީ ނުވާނެ އެވެ.

އުކުޅަކަށް ފަހު އުކުޅެއް، ނަޝީދު އަދިވެސް މަޖިލީހުގެ ރިޔާސަތުގައި!

ލިބުނު ސުޕަމެޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީން ދިން މަގާމެކެވެ. އެހެން ނަަމަވެސް އެ މަގާމުން ދުރުކުރަން އެޕާޓީން އުޅެއުޅެ އެކަން ވާނެ އެއްވެސް މަގެއް ނުފެނުނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަގާމު ދިފާއުކުރައްވަން އުުކުޅަކަށް ފަހު އުކުޅެއްގެ ބޭނުން ކުރައްވަމުންނެވެ.

ރިޔާސަތު ދޫ ނުކުރައްވަން އެމަނިކުފާނު ފުރަތަމަ ކުރެއްވި ކަމަކީ ރިޔާސަތު ބެލެހެއްޓެވުުން ހުއްޓަވައިލެއްވުމެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގެންނެވުމެވެ. ނަޝީދު އެގޮތަށް ނިންމެވުމުން ނައިބުރައީސް އީވާ ވެސް ހަމަ އެބީދައިން އަމަލުކުރެއްވި އެވެ.

ނަޝީދާއި އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅި އިރު، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަަމަށް ކަނޑައަޅަން އިދިކޮޅުން ހުށަހެޅި މައްސަލައެއް މަޖިލީހުގައި ޕާކުކޮށްފައި އޮތެވެ. އެ މައްސަލަ ކުރިއަށް ނުގެންދަވަން ނަޝީދު ނިންމެވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އަލުން އައްޔަން ކޮށްގެން ނޫނީ އެ ކޮމިޓީތަކުން ކަމެއް ނުނިންމޭނެ ކަމަށް ވިދާޅުވަމުންނެވެ.

އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލަތަކުގައި ޖަވާބު ދާރީވާން ފުރުސަތު ދޭނެ ވަރާއި ދޭނެ ގޮތް ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.

ނަޝީދާއި އީވާ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވުމުން އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވީ މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރުގެ ހައިސިއްޔަތުން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަޝީދު އަލަށް އުފެއްދެވި ޕާޓީއާ އޭރުވެސް ގުޅިވަޑައިގެން ހުންނެވި އަފީފު މަސައްކަތް ކުރެއްވީ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާ ނުުކުރައްވައި އެހެނިހެން މަސައްކަތްތަކާ އެކު ޖަލްސާތައް ކުރިއަށް ގެންދަވާށެވެ. އެމްޑީޕީގެ މެމްބަރުން އެކަމާ ދެކޮޅު ހައްދަވައި ޖަލްސާތައް ހަލަބޮލިކުރެއްވި އެވެ. އެހެންނަމަވެސް އަފީފު ގޮތް ދޫ ނުކުރައްވާތީ ޖަލްސާތައް ޖެހުނީ ހުއްޓައިލާށެވެ.

އެކަމަށް ހައްލު ހޯދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާ ވެސް ބައްދަލުކުރި އެވެ. އެ މަސައްކަތްތަކަށް ފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުން އޮންނާނެ ގޮތް ފާސްކުރެވުނީ ޖުލައި 10، ގައި ބޭއްވި ދައުރުުން ބޭރު ޖަލްސާއަކުންނެވެ.

އެމްޑީޕީން ހުށަހެޅި ގޮތް

  • އެމްޑީޕީ އަށް 64 ޕަސެންޓް
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް 21 ޕަސެންޓް
  • ޕީޕީއެމްއަށް 06 ޕަސެންޓް
  • ޕީއެންސީއަށް 03 ޕަސެންޓް
  • އެމްއެންޕީ އަށް 03 ޕަސެންޓް
  • ޖޭޕީ އަށް 02 ޕަސެންޓް
  • އެމްޑީއޭއަށް 02 ޕަސެންޓް

އެމްޑީޕީން އެ ގޮތަށް ހުށަހަަޅައި ފާސްކުރި އިރު މަޖިލީހުގައި އެޕާޓީގެ 54 މެމްބަރުން ތިއްބަވަ އެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ އަދަދަކީ 18 އެވެ. އިދިިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުން ތިއްބަވާއިރު ޕީއެންސީގެ ތިއްބެވީ ތިން މެމްބަރެކެވެ. ޖޭޕީގެ ދެ މެމްމަބަރުންނާއި އެމްއެންޕީގެ ވެސް ތިން މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެމްޑީއޭގެ ތިއްބަވަނީ ދެ މެމްބަރެކެވެ.

ހާލަތު ބަދަލުވުމާ އެކު އެ ހާލަތުގެ ބޭނުން ކުރައްވަނީ

ދައުރުން ބޭރު ޖަލްސާއަކުން އެކަން އެގޮތަށް ފާސްކުރުމަށް ފަހު މަޖިލީހުގެ ޗުއްޓީ އަނެއްކާ ވެސް ކުރިއަށް ގެންގޮސް، އާ ދައުރު ފެށީ އިއްޔެ އެވެ. ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް ބަދަލުވެވަޑައިގެންނެވި މެމްބަރުން، މަޖިލީހަށް އެކަން އަންގަވަން، އެހެންވީމާ އެކަށީގެންވާ ވަގުތު ލިބުނެވެ.

އެކަމަކު އެޕާޓީއަށް ބަދަލުވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ ތިން މެމްބަަރަކު ވިޔަފައި އެެހެން މެމްބަރުން ތިއްބެވީ އިދާރީގޮތުން އެކަން ނުނިންމަވަ އެވެ. މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އިއްޔެ ބޭއްވި އިރު އެޖެންޑާ ކޮށްފައި އޮތް ހަމަ އެކަނި މައްސަލަ އަކީ ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރުމުގެ މައްސަލަ ކަމަށް ވިޔަސް އެކަން ކުރިއަށް ނުގެންދަވަން އުޒުރަކަށް ނަޝީދު ނެންގެވީ އެ މައްސަލަ އެވެ. އެކަމަކު، ޑިމޮކްރެޓްސްގެ މެންބަރުން އެކަން ނުކުރައްވާ އޮންނާނީވެސް ނަޝީދުގެ އިރުޝާދުގެ ދަށުންކަން ވިސްނާލީމާ ސާފު ވެ އެވެ. ބޭނުމަކީ މަޖިލިސް ހުއްޓުވާފައި ބޭއްވުމެވެ.

އެމަނިކުފާނު އިއްޔެ ވިދާޅުވި ގޮތުގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރައްވާ މެމްބަރުން ކަނޑަައަޅާނީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި މެމްބަރުން ރަސްމީކޮށް އެކަން މަޖިލީހަށް އެންގެވުމުން، އިދާރީ ގޮތުން އެކަން ނިންމެވުމަށް ފަހުގަ އެވެ.

"އަޅުގަނޑު ދަ ޑިމޮކްރެޓްސް އަށް ފުރުސަތު އަރުވަން މިއަދުގެ ވަގުތުތަކުގެ ތެރޭގައި ތިޔަ ބޭފުޅުންގެ ޕާޓީއަށް އެހެން އިއްޒަތްތެރި މެމްބަރުން ވެދެވަޑަައިގަންނަވާ ނަމަ އެ ސިޓީތައް މަޖިލީހުގެ އިދާރާއަށް ފޮނުވައިދެއްވުމަށް. އެހެން ހެއްދެވުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދެވިގެން ދާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

އެއީ އުޒުރަކަށް ހެއްދެވޭނެ މަގު އެމަނިކުފާނު މިއަދު ރަނގަޅަށް ކޮށްޓެވި އެވެ. އެއީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ތިން މެމްބަރަކު ދަފްތަރުކުރައްވައި އެޕާޓީއަަކީ މަޖިލީހުގައި ތަމްސީލުކުރައްވާ ސިޔާސީ ޕާޓީއަކަށް ހައްދަވައިގެންނެވެ.

ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތް އަލުން ކަނޑައަޅަން ޖެހޭނެ

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ނިސްބަތް ޖުުލައި 10 ގައި ފާސްކުރި އިރު ދަ ޑިމޮކްރެޓްސް އަކީ މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީއެއް ނޫނެވެ. އެހެންވެ، ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވި މެމްބަރުން އޭރު ބެލީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ގޮތުގަ އެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ކޮމިޓީތަކުގެ 21 ޕަސެންޓް ދޭން ފާސްކުރީ އެގޮތަށް ބަލައިގެންނެވެ.

އެހެންވީމާ މިއީ ކޮމިޓީތައް އެކުލަވައިލުން ދިގު ދަންމައިލަން އަނެއްކާ ވެސް ބޭނުންކުރެވިދާނެ ޖާގަ އެކެވެ. އެއީ ކުރީ ފަހަރެކޭ އެއްގޮތަށް މިކަމުގައި ޕާޓީތައް އަނެއްކާ ވެސް މަޝްވަރާއަށް ދާން ޖެހޭނެތީ އެވެ. އެއަށްފަހު އަނެއްކާ އަލުން އެ މައްސަަލަ ތަޅުމަށް ވެސް ހުށަހަޅައި ފާސްކުރަން ޖެހޭނެ އެވެ. ކޮމިޓީތަކުގައި ތިއްބަވާނީ ކޮންކޮން މެމްބަރުންނެއްކަން ޕާޓީތަކުން ކަނޑައަޅާނީ އެ ހިސާބުންނެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލައަށް ދެވޭނީ އެ ހުރިހާ ކަމެއް ނިމިގެންނެވެ. އެހެންވީމާ އެ މަގާމުގައި އިތުރަށް ދެމި ހުންނަަވަން އެމަނިކުފާނަށް އަދި އިތުރަށް ލިބިވަޑައިގަންނަވާނީ ކިހާ ވަގުތެއް ކަމެއް ލަފާކޮށްލަން ވެސް އަދި ނޭނގެ އެވެ.

ނަޝީދުގެ އުކުޅުތަކުގައި ތާށިވެ، މަޖިލިސް މިއޮތީ ހުއްޓިފަ އެވެ. މުހިންމު ގާނޫނުތައް ފާސް ނުވެ ހުއްޓަސް، މުއައްސަސާތަކަށް މެންބަރުން އައްޔަނު ނުކުރެވުނަސް، މަޖިލީހުގެ ރިޔާސަތުގައި ނަޝީދަށް ދެމިހުންނެވޭ ގޮތް ވުމަކީ ސިޔާސީ ގޮތުން އެމަނިކުފާނަށް ކާމިޔާބަކަށް ވެދާނެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ލިބޭ ދެރައަކަށް މެނުވީ ނުވާނެ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox