ރިޔާދު (އޮގަސްޓް 21) - ސައުދީ ކްލަބުތަކުގެ ބޮޑު އަގުގައި މަޝްހޫރު ކުޅުންތެރިން ގެންނަނީ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށް ސައުދީ ލީގުގެ ސީ.އީ.އޯ ބުނެފިއެވެ.
ސައުދީ ސަރުކާރުގެ ފަންޑުން ސައުދީގެ ބޮޑު ހަތަރު ކްލަބަކާ ހަވާލުވި ފަހުން، ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ސައުދީ ލީގުގެ ކްލަބުތަކާ ގުޅިފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކަރީމް ބެންޒެމާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެންގޯލޯ ކާންޓޭ އާއި ފަބީނިއޯ ހިމެނެއެވެ.
ސައުދީ ލީގުގެ ސީ.އީ.އޯ ކާލޯ ނޮހްރާ ބުނީ މި ވަގުތު ސައުދީ ލީގުގެ ކްލަބުތަކުން ކުރާ ބޮޑެތި ހަރަދުތަކުގެ ނަތީޖާއެއް "ދެ ދުވަހެއްގެ ތެރޭގައި ނުފެންނާނެ" ކަމަށެވެ. އެކަމަކު މިއީ ދުރު ރާސްތާ ޕްލޭނަކާއެކު ސައުދީ ކްލަބުތަކުން ކުރާ ހަރަދުތަކެއް ކަމަށެވެ.
"މިއީ އެންމެ ހަފުތާ ބަންދެއްގެ އިވެންޓެއް ނޫން. އަދި މިއީ ފައިސާ ހަރަދުކޮށްގެން ވަގުތު ނަތީޖާ ނެރެވޭ ކަހަލަ ކަމެއް ވެސް ނޫން. މިއީ ދިގު ރާސްތާ ޕްލޭނަކާއެކު ކުރާ މަސައްކަތެއް," ނޮހްރާ ބުންޏެވެ
ސައުދީ ލީގުގެ ކުޅުންތެރިންނަށް ކުރާ ބޮޑު ހޭދައިގެ ސަބަބުން، ޗައިނާ ސުޕަ ލީގާ ބައެއް ފަރާތްތަކުން ދަނީ އަޅާކިޔަމުންނެވެ، މީގެ އަހަރުތަކެއް ކުރިން ޗައިނާ ސުޕާ ލީގުގެ ކްލަބުތަކުން ވެސް ވަނީ ބޮޑު އަގުގައި ކުޅުންތެރިން ގެނެސްފައެވެ. އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވި، ޗައިނާ ފުޓްބޯޅަ އަށް ވެސް އޭގެން މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.
އެކަމަކު ނޮހްރާ ބުނީ ބައެއް ފަރާތްތަކުން ސައުދީ ލީގާއި ޗައިނާ ލީގު އަޅާކިޔައި، އެއްގޮތްކުރާ ސަބަބު ގަބޫލްކުރެވޭ ކަމަށެވެ. އެކަމަކު ސައުދީ ލީގުގެ ވިސްނުން ހުރީ ކުރިއެރުމަށް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.












