ބ. އަތޮޅު ގޮއިދޫ, ފެހެންދޫ އަދި ފުޅަދޫ އޮންނަ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅު ރައީސް ފެއްޓެވީ އެ އަތޮޅު ފުޅަދޫ އިންނެވެ. 240 މީހުންގެ އާބާދީ އޮންނަ އެރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވަނީ އެރަށަށް ހަތް ވައުދުވެ ވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުޅަދޫ އޮންނަ ފަޅު ތެރޭގައި ރިސޯޓެއް ހެދުމަށް ޕްރައިވެޓް ސެކްޓާއަށް ހުޅުވާލުމާ އެކު, އެކަމަށް ޝައުގުވެރިކަން ފާޅުކުރާނެ އެތައް ބަޔަކު ފަތުރުވެރިކަމުގެ ދާއިރާގައި ތިބޭނެ އެވެ. އަދި ފަތުރުވެރިކަން ކުރުމަށް މުޅި އެ ސަރަހައްދުގައި ވެސް އެއަށްވުރެ ފައްކާތަނެއް ނޯންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއަށްވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް މިހިސާބަކު ނޯންނާނެ. މުޅި ދުނިޔެއަށް މަޝްހޫރު އެއް ބީޗު އޮތީ މިތަނުގައި. ހަމައެކަނި އެ ގޮނޑުދޮށް ބަލާލަން އަންނާނެ ކިތަންމެ މީހުން ތިބޭނެ," އެ ފަޅު ތެރޭގައި ރިސޯޓު ހަދަން ހުޅުވާލަން ނިންމެވި ސަބަބު އެމަނިކުފާނު ހާމަކުރެއްވި އެވެ.
ރިސޯޓު ހަދަން ހުޅުވާލުމުގެ އިތުރަށް ވެސް ރައީސް ވަނީ ފުޅަދުއަށް ވައުދުތަކެއް ވެ ވަޑައިގެންފަ އެވެ. އެއީ;

- ފުޅަދޫގައި ގެންގުޅޭ ކުޑަ ޑިންގީއާއި ދޯނިފަހަރު އެޅުމަށް ފްލޯޓިން ޖެޓީއެއް އެޅުން
- ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް އެޅުން
- އެކި އުމުރުފުރާގެ މީހުން ބައްދަލުވެ އުޅުމަށް ކޮމިއުނިޓީ ސެންޓަރެއް އެޅުން
- ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުން
- ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކެއް އެޅުން
- ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދިނުން.
ރައީސް ވިދާޅުވީ ފުޅަދޫއަށް ގެންނަ ބަދަލާއެކު ފުޅަދޫ ރައްޔިތުންނަށް އުފަވެރިކަމާއެކު ހިތްހަމަޖެހިގެން އުޅެވޭނެ މުސްތަގުބަލެއް ފެނިގެންދާނެ އެވެ. އަދި އެއާއެކު ފުޅަދޫއަށް ބަދަލުކުރަން ބޭނުންވާ ކިތަންމެ ބަޔަކަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުޅަދޫ ފަދަ ހިތްހަމަޖެހޭ އުފާވެރި ތަނެއްގައި ދިރިއުޅުމަށް ހުރަސް އަޅައި ކުދި ކަންތައްތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ.
އާލާސްކަންފުޅާ އުޅުއްވާތީ ކެމްޕޭނު ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު ރައީސް ބ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ ފުޅަދޫ, ފެހެންދޫ, ގޮއިދޫ, އޭދަފުށި, ހިތާދޫ އަދި ތުޅާދު އެވެ.













