ރިޕޯޓުސިޔާސީ ކެމްޕޭނުގައި ބޭނުންކުރާ ދީނީ ކާޑު؛ ހުއްޓުވަންޖެހޭ ނުރައްކާތެރި 'އުކުޅެއް'!

ސިޔާސީ ކެމްޕޭނުގައި ބޭނުންކުރާ ދީނީ ކާޑު؛ ހުއްޓުވަންޖެހޭ ނުރައްކާތެރި 'އުކުޅެއް'!

ކެންޑިޑޭޓުން ދައްކަންވީ ސިޔާސަތުތަކުގެ ވާހަކަ އެވެ. އަނެއް ކެންޑިޑޭޓުގެ ސިޔާސަތުތަކަށް ބިނާކުރަނިވި ފާޑު ކިޔާށެވެ. ތިމާ ނިސްބަތްވާ ޕާޓީގެ ސިޔާސަތުތަކާ އަޅާ ކިޔާށެވެ. ސިޔާސީ ދުޅަހެޔޮ ކެމްޕޭނެއް ކުރެވޭނީ އޭރުންނެވެ.

ސިޔާސީ ކެމްޕޭނުގައި ބޭނުންކުރާ ދީނީ ކާޑު؛ ހުއްޓުވަންޖެހޭ ނުރައްކާތެރި 'އުކުޅެއް'!

ނަށާ ޕާޓީގެ އެކުވެރިން ބަންދުން ސަލާމަތްކުރައްވަން ޕްރިންސް އިއްޒުދީން އެ ވަޑައިގަންނަވަނީ ބޮޑު ބަނޑޭރިގެއަށެވެ. އެއީ ޝަމްސުއްދީން ރަދުންނަށް ތަހައްމަލުކުރެއްވޭނެ ކަމަކަށް ނުވި އެވެ. ލޯބިފުޅުވާ ދަރިކަލުންގެ ހައްގުގައި، ތަހުތު ދޫކޮށްލައްވައި ބޮޑުބަނޑޭރިގެ އަށް ވަޑައިގެންނެވި އެވެ.

އެތަނުގައި ހިނގި ހައިޖާނުގައި ރައްޔިތުން ހޯބޯލަވަން ފެށުމުން ޕްރިންސް އިއްޒުއްދީން ކުރިއަށް ޖެހިވަޑައިގެން ރައްޔިތުންނާ ހަރު އަޑުފުޅުން ސުވާލުކުރެއްވި އެވެ. ތިޔަބޭކަލުންގެ ވަފާތެރިކަން އޮތީ ރަސްގެފާނަށާއި އަޅުގަނޑަށް ނަމަ ކިޔަމަންތެރިކަމާއެކު މިފަރާތަށް އަރާވަޑައިގަންނަވާށެވެ. އަޑުގަދަކޮށް އުޅުނު އެންމެން ކަހަލަ ގޮތަކަށް މަޑުމައިތިރިވެ، އިއްޒުއްދީން ފަޅިއަށް އެރި އެވެ.

އެވަގުތު ހަސަން ފަރީދު އެއަށްވުރެ ބާރަށް ހަޅޭފުޅުލައްވައި ވިދާޅުވި އެވެ. ރައްޔިތުން ލޯބިވަނީ އިސްލާމް ދީނާއި ގާނޫނު ދެކެ ކަމަށް ވާނަމަ މިފަރާތަށް އަރުއްވާށެވެ. އިއްޒުއްދީނު އަރިހުގައި ތިބި އެންމެން ވަގުތުން ހަސަން ފަރީދު އަރިހަށް ބަދަލުވި އެވެ. އެދުވަހު އެއްވެފައި އޮތް 'މޮބު' ގެ ތާއީދު ހަސަން ފަރީދު ގަނެލެއްވީ އިސްލާމް ދީން ވިއްކަވައިގެންނެވެ.

Advertisement

ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ގަބޫލުކޮށްގެން ތިބީ އިސްލާމް ދީނެވެ. އެއްވެސް އެއްޗަކަށްޓަކައި ދިވެހީންގެ އަގުލަބިއްޔަތު ދޫކޮށްނުލާނޭ އެއްޗަކީ އިސްލާމް ދީނެވެ. މިކަން ދިވެހި ސިޔާސީން ވަރަށް ރަނގަޅަށް ދަނެ އެވެ. ސިޔާސީ ބޭނުމަށް އިސްލާމް ދީން ބޭނުން ނުކުރާ ޒަމާނެއް ދިވެހި ސިޔާސީ ތާރީހު ދެކެފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް ނާސިރު ވެރިކަމުން ބަދަލުކުރެވި، ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ގައި ވެރިކަމަށް އިސްވުމާއި، އޭގެ ފަހުން ނާސިރު ގެންނަވާން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރާ "ސިއްރު ބަޣާވަތް" ވެގެން ދިޔައީ ނާސިރާއި ދެކޮޅަށް ވެސް ދީން ހަތިޔާރަކަށް ނަގަން ޖެހުނު ސަބަބަށެވެ. އޭރު ރައީސް ނާސިރާއި ދެކޮޅަށް ނެރުއްވަމުންދިޔަ ވިޔާނުދާ އެތައް ލަވައެއްގައި އެކި ރާގު ރާގަށް ދީނާ ގުޅުވައި ހަޖޫޖަހަމުން ދިޔަ އެވެ.

"ބާޣީންނަށް ހަލާކޭ ހުރީ"، "ރައްކާ ކުރަން ދީނާއި ވަތަން"، "ދިވެހި ފަރުދުން ވަނީ ދޭން ޖާނު ވަތަންގާ" ފަދަ އެތައް ލަވައެއްގައި، ރައީސް ނާސިރު ދިވެހި އުންމަތަށާއި ދީނަށް ހުރުމަތެއް ނުބަހައްޓާ ކަމަށާއި، ދީނާއި ގައުމިއްޔަތުން ވިޔަފާރި ކުރާކަމަށާއި، ކަލަކަށް އީމާންނުވާ ކަމަށް ފާޅުގައި ބުނަމުން ދިޔައީ އެއްވެސް ހެއްކެއް އެކަމުގައި އޮވެގެނެއް ނޫނެވެ.

އެމަނިކުފާނު ޝައިތާނެއްގެ ގޮތުގައި، ދައްޖާލެއްގެ ގޮތުގައި، އަދި އަބޫލަހަބުގެ ގޮތުގައި ވެސް ސިފަކޮށް، އަތްފައި ކަނޑައި، ބޮލާއި، ކައްޓާއި، މަހާ ވަކިކުރާނޭ ކަމަށް ރާގު ރާގަށް ލަވަ ކިޔަމުން ދިޔައީ ފަހަރުގައި ވެސް އެއީ ދީނީ ގޮތުން ހުއްދަ ކަމަކަށް ވެގެނެއް ވެސް ނޫނެވެ. ސިޔާސީ މަންފާއަށް އެހެނަސް އެކަން އޭރު ހުއްދަކުރީ އެވެ. ސަރުކާރުން އެކަމަށް ވާގިވެރިވެސް ވީ އެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި އެމަނިކުފާނާއި ގުޅުވައި ދީނީ ގޮތުން ހަޖޫޖަހާފައި ހުރީ މަދުންނެވެ. އޭރު، ދީނީ އަދި އެނޫން ގޮތްގޮތުން ވެސް ބަސް ބުނުމުގެ ހައްގު ހިފެހެއްޓިފައި އޮތް މިންވަރުން، އެފަދަ ކަމެއް އޭރު ނުފެނުނަސް، ރައީސް މައުމޫންގެ ވެރިކަން ނިމިގެން ދިޔައީ އެމަނިކުފާނާއި ދެކޮޅަށް ވެސް ދީން ހަތިޔާރަކަށް ހެދި ފަހުންނެވެ.

ރާއްޖޭގެ ރައްޔިތުން ބަސްބުނުމުގެ މިނިވަންކަމާއި، ސިޔާސީ މިނިވަންކަން ހޯދައިގަތުމާއެކު، އޭރު ތިބި ދީނީ އިލްމުވެރިންގެ ފުރަތަމަ އަމާޒަކަށްވީ ވެސް މައުމޫނަކީ އިސްލާމް ދީނަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެއްކުމެވެ.

ދިވެހިންގެ އަގީދާއަކީ ސިޔާސީ ގޮތުން ބާރުފޯރުވުމަށް ބޭނުންކުރެވޭނޭ ވަރުގަދަ ހަތިޔާރެއްކަން ފަހުގެ ޖީލުތަކަށް ވެސް އޮތީ ވިސްނިފަ އެވެ.

މައުމޫނަކީ ސުންނަތް ޖަމާއަތުގެ މުސްލިމެއް ނޫންކަމަށް ބުނުން

ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމަކަށް ގައުމު ދީލާލަން ރައީސް މައުމޫނަށް މަޖުބޫރުވި ހިސާބަކީ، އެމަނިކުފާނާއި ދެކޮޅަށް ވެސް ދީން ހަތިޔާރަކަށް ހަދަން ދޮރު ހުޅުވިގެންދިޔަ ހިސާބެވެ.

ބައެއް ޝޭހުން ޖަލުގައި ބަންދުކުރާ ވާހަކަ އާއި، މިރުސް ސޯސް އުނގުޅައިގެން އެމީހުންގެ ތުނބުޅި ބާލާ ވާހަކައިން ފެށިގެންގޮސް، ބުރުގާ އެޅުމަކީ ވާޖިބެއް ނޫންކަމަށް ބުނެ ރައީސް މައުމޫން ވާހަކަ ދައްކާފައިވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދީނުން އެމަނިކުފާނު ބޭރުވުން ކަމަށް ނިންމައި، ގިނަ ޝޭހުންތަކެއް ހަރު އަޑުން ބަސްބުނަން ފެށި އެވެ.

އެ ވާހަތަކަށް ހައްލެއް ނުލިބި ގޮސް، އެންމެ ފަހުން 2008 ގެ ރިޔާސީ އިންތިހާބުގެ ކުރިން، އިންތިހާބަކާއި ގުޅުވައި ސުޕްރީމް ކޯޓަށް ހުށަހެޅުނު އެންމެ ފުރަތަމަ މައްސަލަ، 2005 ގައި އުފަންވި އަދާލަތު ޕާޓީން ކޯޓަށް ހުށަހެޅި އެވެ. އެއީ ރައީސް މައުމޫނަކީ ސުންނަތް ޖަމާއަތުގެ މުސްލިމެއް ނޫން ކަމަށް ބުނެ އެމަނިކުފާނުގެ ކެންޑިޑޭސީ ބާތިލުކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލައެކެވެ.

މައްސަލަ ނިންމަވަމުން އޭރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ވިދާޅުވީ ރައީސް މައުމޫނަކީ ސުންނަތް ޖަމާއަތުގެ މުސްލިމެއް ނޫންކަން ސާބިތުކުރެވޭ ވަރަށް އަދާލަތު ޕާޓީ އަށް ހެކި ދެއްކިފައިނުވާ ކަމަށެވެ.

އެހެނަސް، އެ ހެކި ދެއްކިފައި ނުވުމަކީ އެވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ ސަބަބެއްގެ ގޮތުގައި އަދާލަތު ޕާޓީއަކަށް ނުފެނުނެވެ. އޭގެ ފަހުން، ރައީސް މައުމޫނަކީ ކާފަރެއް ކަމަށް ބުނެ އަދާލަތު ޕާޓީގެ އޭރުގެ ރައީސް ހުސެއިން ރަޝީދު އަހުމަދު ވާހަކަ ދައްކަވާ ކަމަށްބުނެ ރައީސް މައުމޫން އެމަނިކުފާނާއި ދެކޮޅަށް އަބުރުގެ ދައުވާވެސް ކުރެއްވި އެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގައި ޖަލުގައި އަނިޔާ ލިބުނީ ހަމައެކަނި ޝޭހުންނަކަށްވެސް ނޫނެވެ. އަދި، ރައީސް މައުމޫނަކީ އިސްލާމް ދީނާ ދެކޮޅު ބޭފުޅެއް ނަމަ، 30 އަހަރު ވެގެންދިޔައިރު، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނީސްކަން ޔަގީނެވެ. އެކަމަކު، ތާރީހުގައި އެކަން އެހެން ހިނގާފައެއްވެސް ނެތެވެ. އެހެނަސް، ދީނަކީ ރައީސް މައުމޫނާއި ދެކޮޅަށް ވެސް ވަރުގަދަ ހަތިޔާރަކަށްވީ އެވެ.

ނަޝީދުގެ ބޮލުގައި "ލާދީނީ" ޓެގު

ރައީސް މައުމޫންގެ ވެރިކަން ފުރޮޅި، ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިޔަކަށް އިސްކުރެވުނީ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދާއި ދެކޮޅަށް ދީން ހަތިޔާރަކަށް ހެދި މިންވަރަށް، އެހެން އެއްވެސް ސިޔާސީ މީހަކާއި ދެކޮޅަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވުނު ކަމަށް ބުނަން ދައްޗެވެ.

ނަޝީދާއި ދެކޮޅަށް ދީން ހަތިޔާރަކަށް ބޭނުންކުރަން ފެށީ އެމަނިކުފާނު ވެރިކަމަށް އިސްވުމުގެ މާ ކުރިންނެވެ. އަދާލަތު ޕާޓީ އާއި އިއްތިހާދުވެ، 2008 ގެ އިންތިހާބު ކާމިޔާބުކުރުމުގެ ކުރިންވެސް، އޭރުގެ އިދިކޮޅު ޕާޓީ ޑީއާރްޕީއިން ދިޔައީ ރައީސް ނަޝީދަކީ ބޭރުގެ 'އެޖެންޓް'އެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ނަޝީދުގެ ދައުރުގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓުގައި "ބުދު ބެހެއްޓި" ކަމަށް ބުނެ އެމަނިކުފާނުގެ ވެރިކަން ފުރޮޅާލުމުގެ މަސައްކަތް ކުރީ ވެސް ދީން ހަތިޔާރަކަށް ހަދައިގެންނެވެ. އެއިން ބުދަކަށް މީހަކު ސަޖިދަކޮށް، އަޅުކަން ކުރީކީއެއްވެސް ނޫނެވެ.

ނަޝީދު ވެރިކަމަށް ގެންނަން އޭރު މަސައްކަތްކުރި އަދާލަތު ޕާޓީން ސަރުކާރާ ފެއަށް ޖެހިރާއްޖޭގައި ރިސޯޓްތަކުގައި ރާ ވިއްކުމުގެ ވިޔަފާރި ކުރާ މީހުންވެސް ހިމެނޭހެން، ގިނަ ދީނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތައް ގުޅި "މަދަނީ އިއްތިހާދު" އުފަންކުރި އެވެ.

އެ އިއްތިހާދުން ޑިސެމްބަރު 23, 2011 ގައި ބޮޑު އެއްވުމެއް ބާއްވައި މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ބައެއް ހާލަތްތަކުގައި ހުއްދަ ކަމެއްކަމަށް ނިންމައި، ފަތުވާ ނެރެ އެކަމަށް ހިތްވަރުދީ ލީފްލެޓްތައް ވެސް ބެހި އެވެ. އެ މަސައްކަތް ނިންމާލީ ނަޝީދުގެ ވެރިކަން ވައްޓާލުމަށް ފަހު އެވެ.

ދީނުގެ ކަންކަމުގައި ނަޝީދު ފާޅުކުރައްވާ ބައެއް ހިޔާލުފުޅުތަކަކީ އެހާ މަގުބޫލުނޫން ހިޔާލުފުޅުތަކަކަށް ވެދާނެ އެވެ. އެހެންނަމަވެސް، ފެންނަނީ އެމަނިކުފާނު މިސްކިތަށް ވަޑައިގެން ނަމާދުކުރައްވާ ތަނެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދެެއްވާނޭކަމަށް ވިދާޅު ވެ އެވެ.

އެހެންކަމަށްވާއިރު، އެ ސިފަތައް ހުރި މީހަކީ އިސްލާމެއް ނޫނޭ ބުނުމުގެ ހައްގު އެއްވެސް މީހަކަށް ނެތެވެ. އެކަމަކު 'ލާދީނީ' ޓެގަކުން ނަޝީދަކަށް ރެކިވަޑައެއް ނުގަނެވެ އެވެ. އެމަނިކުފާނާ ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުދަގަ ސިޔާސީ ހަތިޔާރަކީ ދީނެވެ.

ދީނުގެ ނިވަލުގައި ޖަމިއްޔާތައް ސިޔާސީ މަސައްކަތަށް

އަދާލަތު ޕާޓީއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގަމުން އަންނަ ސިޔާސީ ޕާޓީއެކެވެ. ސިޔާސީ މަސައްކަތް އެ ޕާޓީއިން ކުރަނީ ވެސް އެ މަގުންނެވެ. އެހެންނަމަވެސް، ރައީސް ނަޝީދުގެ ވެރިކަން ނިމުމާއެކު ސިޔާސީ މަސައްކަތުގައި ބައެއް ދީނީ ޖަމިއްޔާ ޖަމާއަތްތައްވެސް ކުރިއަށްވުރެ ފާޅުކަން ބޮޑުކޮށް ފެންނަން ފެށި އެވެ. އޭގެތެރެއިން އެންމެ ފާޅުކަން ބޮޑުކޮށް މިއަދާއި ހަމައަށްވެސް ސިޔާސީ މަސައްކަތުގައި ބައިވެރިވަމުން އަންނަ އެއް ޖަމިއްޔާއަކީ ސަލަފް ޖަމިއްޔާ އެވެ.

ސްޕޭއިނުގައި 800 އަހަރު ވަންދެން ދެމި އޮތް އިސްލާމީ އުއްމަތް ނެތި ދިޔަ ގޮތުން ލިބިގަންނަން ޖެހޭ އިބުރަތްތައް ކަމަށް ބުނެ އެ ޖަމިއްޔާއިން ބޭއްވި "އަންދަލުސް" ދަރުސްގެ މައްސަލާގައި އެމްބީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކުޑަ ކޮމިޓީއަކަށް ވެސް ހާޒިރުކުރި އެވެ. އެންޓި ކެމްޕޭން ކުރި ކަމަށް ބުނެ އެވެ.

އެ ދަރުހުގައި ކަނޑައެޅިގެން ދީން ހަތިޔާރަކަށް ހަދައި، ސިޔާސީ މަންފާއެއް ލިބިގަތުމަށް ދަރުސް ބޭނުންކުރި އެވެ. ދަރުސް ކުރިއަށްދިޔަ ވަގުތު، "ޝެއިހްގެ ވާހަކަފުޅުގެ މިސްރާބު ބަދަލުވަމުންދާތީ" ކަމަށް ބުނެ އެމްބީސީގެ ލައިވް ފީޑުވެސް ކަނޑާލަން ޖެހުނެވެ.

މިއީ ޖަމިއްޔާގެ ނިވަލުގައި އެކަމުގައި ހަރަކާތްތެރިވި އެތައް ބަޔަކު ސިޔާސީ މަސައްކަތުގައި ފާޅުކޮށް ފެންނާން ފެށި ހިސާބެވެ. އޭގެ ފަހުން، އެ އަހަރު ބޭއްވުނު އިންތިހާބުގައި އެ ޖަމިއްޔާ އާއި، އަދާލަތު ޕާޓީން ވެސް ތާއީދުކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޔާމީނަށެވެ. އަދާލަތު ޔާމީނާ ފެއަށް ޖެހުނުއިރު ވެސް ސަލަފުން 2018 ގައި ތާއީދު ކުރީ ޔާމީނަށެވެ.

މިއީ، މަލްޓި ޕާޓީ ޑިމޮކްރަސީ ފެށުނުފަހުން، އަދާލަތު ޕާޓީ އާއި ޖަމިއްޔަތުއް ސަލަފުން އެއް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ވަކިން އޮތް އެންމެ ދިގު މުއްދަތެވެ. މި ވެރިކަމުގައި އެމްޑީޕީއާއި ގުޅުވައި ދީން ހަތިޔާރަކަށް ހަދަމުން އައި އައުމުގެ ތެރެއަށް އަދާލަތުވެސް އެކުވެ, އެ ތޫނު ހަތިޔާރުގެ ދިލަ އަދާލަތަށްވެސް މިހާރު މިވަނީ އިހްސާސް ކުރަން ޖެހިފަ އެވެ.

ތަކްފީރުކުރުމަކީ ޖިނާއީ ކުށެއް

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުމަކީ ނުވަތަ ސިފަކުރުމަކީ ޖިނާއީ ކުށެކެވެ.

މި މާއްދާ ގާނޫނުލްއުގޫބާތުގައި ހިމެނުމުގެ ކުރިންވެސް، މިއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް ޖިނާއީ ކުށެކެވެ. އެ ގާނޫނަށް އެތައް އަހަރެއްވީއިރުވެސް ތަކްފީރުކުރުމުގެ ނުރަނގަޅު އާދަ ދިވެހިންގެ ތެރެއިން ނައްތައެއް ނުލެވުނެވެ. ނަތީޖާއަކީ ގާނޫނުލްއުގޫބާތުގައި އެ ކުށް ހިމަނައި، އަދަބު ހަރުކަށި ކުރުމެވެ.

އެ ކުށް ކޮށްގެން އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައެއް ނުވެ އެވެ. ގާނޫނު އޮތްތަނުގައި އޮތީ އެވެ. ސިޔާސީ ވާދަވެރިޔާއަކީ މުސްލިމެއް ނޫންކަމަށް ތުހުމަތުކުރުމާއި، ދީން ނައްތާލާނޭކަމަށް ތުހުމަތުކުރުމަކީ އަދިވެސް ސިޔާސީ އަތްބައިގެ އެންމެ ބާރުގަދަ ކާޑެވެ.

މިހާރުގެ ހާލަތު؛ 'ވޯޓު ދޭ ގޮތަކުން ވެސް ދީނުން ބޭރުވެދާނެ'

ރާއްޖޭގެ މަޝްހޫރު 'ދީނީ އިލްމުވެރިޔަކު' ސޯޝަލްމީޑިއާގައި ކޮށްފައި އޮތް ޕޯސްޓެކެވެ. ސާފުކޮށް ބުނެފައި އޮތީ ވޯޓު ދޭ ގޮތަކުން ވެސް މީހާ ދީނުން ބޭރުވެދާނެ ކަމަށެވެ. އިތުރު ތަފްސީލެއް ވެސް ނެތެވެ. އެހެންވީމާ، ދީނުން ބޭރުނުވެ، ވޯޓު ދޭނޭ ގޮތުގެ އުކުޅަކީ ކޮބައިތޯ ސާފުކުރަން މި އިލްމުވެރިޔަކާ ވާހަކަ ދައްކައި ލަފާ ހޯދުން ނޫން ގޮތެއް ނެތެވެ.

އަޅުގަނޑުމެންގެ ޖީލަށް ފެނުނު މަންޒަރުން އެކަނި މައްސަލައިގެ ހަގީގަތަށް ވާސިލުވެވޭނެ އެވެ. ރައީސް ނަޝީދު ވެރިކަމަށް ގެނެސްފިނަމަ އިސްލާމްދީން ނޯންނާނޭ ކަމަށް ބަޔަކު ކިޔެވެ. އެހެން އެކަމެއް ނުވި އެވެ. އެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ގާއިމުކުރި އެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނަވައި އިސްލާމް ދީން ނައްތާލަން އުޅޭކަމަށް ތުހުމަތު ކުރި އެވެ. އެކަމަކު އިސްލާމް ދީން ނައްތާލުމަށް ގެންގުޅުނު ސިޔާސަތެއް ފެންނާކަށް ނެތެވެ.

ރައީސް ސޯލިހުގެ ވެރިކަމަކީ އިސްލާމް ދީން ނައްތާލާނޭ ވެރިކަމެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރި އެވެ. އެކަމަކު ފެނުނު މަންޒަރަކީ މިސްކިތްތައް އިމާރާތްކުރުމާއި، އިސްލާމިކް ރިސަރޗްއަށް ފަންޑު ދޫކުރަން ފެށިތަނެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އެކަން ބަދަލުކުރެވޭން އޮތް ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް ބޭނުންވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ގާނޫނު އަސާސީ ބަދަލުކުރުމެވެ. އެކަމެއް ނުވާނެ އެވެ. ކުރާކަށްވެސް ބަޔަކު ނުވެސް އުޅެ އެވެ.

ދީނާ ގުޅުވައިގެން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ކުރާ ތުހުމަތުތަކަކީ ރާއްޖޭގެ މުޖުތަމައުގައި އިތުރަށް ބޭނުން ކުރެވިދާނޭ ކާޑެއް ނޫނެވެ. ކެންޑިޑޭޓުން ދައްކަންވީ ސިޔާސަތުތަކުގެ ވާހަކަ އެވެ. އަނެއް ކެންޑިޑޭޓުގެ ސިޔާސަތުތަކަށް ބިނާކުރަނިވި ފާޑު ކިޔާށެވެ.

ތިމާ ނިސްބަތްވާ ޕާޓީގެ ސިޔާސަތުތަކާ އަޅާ ކިޔާށެވެ. މޮޅީ މަގޭ ސިޔާސަތޭ އަޑުވީއްލައި ބުނާށެވެ. އޭރުން އެ ކުރެވެނީ ސިޔާސީ ދުޅަހެޔޮ ކެމްޕޭނެކެވެ. އޭގެ ބަދަލުގައި ދީނީ ކާޑުން ތިޔަދައްކަވާ މަންޒަރަކުން މިހާރުގެ ތަހުޒީބު ދިވެހިންގެ ކުރިމަތީގައި ކުޅިފަހެއް ނުހޯދޭނެ އެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox