ނޭޝްވިލް (އޮގަސްޓް 20) - ލީގު ކަޕްގެ ފައިނަލްގައި ނޭޝްވިލް އަތުން ޕެނަލްޓީ ޖަހައިގެން 10-9 އިން މޮޅުވެ، އިންޓަ މިއާމީ އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ. މިއީ، އިންޓަ މިއާމީއާ އެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޯދި ފުރަތަމަ ތައްޓެވެ.
ފައިނަލް މެޗުގެ 23 ވަނަ މިނިޓުގައި މެސީ އިންޓަ މިއާމީ އަށް ލީޑު ހޯދައިދީފައިވަނިކޮށް، ނޭޝްވިލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެ ވަނަ ހާފުގައި ފާފާ ޕިކާލުޓް ޖެހި ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި އިންޓަ މިއާމީ އިން ކުރި ހޯދިއިރު، އެންމެ މުހިންމު ދައުރެއް އަދާކުރީ ގޯލްކީޕަރު ޑްރޭކް ކަލެންޑާ އެވެ. މެޗުގެ ފަހުކޮޅުވެސް ޑްރޭކް ވަނީ ގިނަ ހަމަލާތަކެއް ސޭވްކޮށްފަ އެވެ.
ޕީއެސްޖީ ދޫކޮށް، މީގެ މަހެއްހާ ދުވަސް ކުރިން މެސީ ،36، އިންޓަ މިއާމީއާ ގުޅުނުއިރު އެ ޓީމު އޮތީ އެމް.އެލް.އެސްގެ ތާވަލްގެ ފުލުގަ އެވެ. އެކަމަކު މެސީއާ އެކު، ބާސެލޯނާގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ އެ ޓީމާ ގުޅުނު ފަހުން، އިންޓަ މިއާމީ ވަނީ ބަލިނުވެ ހަތް މެޗު ހަމަކަޮށްފަ އެވެ. މެސީ މިހާތަނަށް އިންޓަ މިއާމީ އަށް ކުޅުނު ހަތް މެޗުން އޭނާ ވަނީ 10 ލަނޑު ޖަހައިފައެވެ.
ފައިނަލް މެޗުގެ ކާމިޔާބަށް ފަހު، އިންޓަ މިއާމީގެ އެއް ވެރިޔާ ކަމަށްވާ ޑޭވިޑް ބެކަމް ބުނީ މެސީ އާއި ބުސްކެޓްސް އާއި އަލްބާއާ އެކު، އިންޓަ މިއާމީ އަށް ކުރު މުއްދަތެއްގައި ބޮޑު ކުރިއެރުމެއް ލިބުމުން އޭނާ ވެސް ހައިރާންވާ ކަމަށެވެ.
ބުސްކެޓްސް ބުނީ ފުރަތަމަ އިންޓަ މިއާމީއާ އެކު ފުރަތަމަ ތަށި ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި ކާމިޔާބީގެ ބިންގާ މަތީގައި، ކުރިއަށް އޮތް ތަނުގައި ޓީމު އިތުރަށް ވަރުގަދަވާނެ ކަމަށެވެ. -












