ބާސެލޯނާ (އޮގަސްޓް 18) - ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރަކަށް އެ ކްލަބަށް ކުރިން ކުޅުނު މިޑްފީލްޑަރު ޑެކޯ ހަމަޖައްސައިފި އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު ޑެކޯ، 45، ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
"ޓީމުގެ ކޯޗާއެކު، ސްކޮޑް އެކުލަވާލުމުގެ މަސައްކަތާއި ކްލަބުގެ ފުޓްބޯޅަ ސެކްޝަން ހިންގުމުގެ ޒިންމާތަކާ ޑެކޯ ހަވާލުވާނެ،" ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބާސެލޯނާއާ ޑެކޯ އެންމެ ފުރަތަމަ ގުޅުނީ 2004 ވަނަ އަހަރެވެ. އެ ކްލަބުގައި ހޭދަކުރި ހަތަރު ސީޒަންގައި އޭނާ ވަނީ ސްޕެނިޝް ލީގު ޗެމްޕިއަންކަން ދެ ފަހަރު އަދި ޗެމްޕިއަންސް ލީގުގެ ތަށި އެއް ފަހަރު ހޯދައިފައެވެ.
އޭގެ ފަހުން ޑެކޯ ކުޅުނީ ޗެލްސީ އަށެވެ. އަދި ކެރިއަރު ނިންމާލީ އޭނާގެ އުފަން ގައުމު ކަމަށްވާ ބްރެޒިލްގެ ފްލުމިނެންސް އަށް ކުޅުމަށް ފަހުއެވެ.
ޑެކޯ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް މި އައްޔަންކުރީ ބާސެލޯނާގެ މެނޭޖްމަންޓަށް ބަދަލުތަކެއް ގެންނަން މެއި މަހު ނިންމާފައިވާތީ އެވެ. އެގޮތުން، މިހާރުގެ ޑިރެކްޓާ އޮފް ފުޓްބޯލް މަތެއު އަލެމާނީ މި ޓްރާންސްފާ ބާޒާރު ބަންދުވުމާ އެކު އެ މަގާމުން ވަކިވާނެ އެވެ. އަދި އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރީ ޖޯޑީ ކްރައިފް ވަނީ މެއި މަހު އެ މަގާމުން ވަކިވެފަ އެވެ.












