ރަޝިއާގެ ޖާސޫސުން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު އިނގިރޭސިވިލާތުގައި ހައްޔަރުކޮށް، ގައުމީ ސަލާމަތާ ގުޅުން ހުރި ބޮޑު ތަހުގީގެއް ފަށައިފި އެވެ.
ބީބީސީއިން ރިޕޯޓު ކުރި ގޮތުގައި ތުހުމަތު ކުރެވޭ އެންމެންނަކީ ވެސް ބަލްގޭރިއާގެ ރައްޔިތުންނެވެ. އެ މީހުން ހައްޔަރު ކުރީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ރަޝިއާގެ ޖާސޫސީ އިދާރާތަކުގެ އޭޖެންޓުންގެ ގޮތުގައި އެ މީހުން އުޅުނު ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.
އެ މީހުންގެ އަތުން ފެނުނު ސައްހަ ނޫން ލިޔުންތަކުގެ ތެރޭގައި ޕާސްޕޯޓާއި، އައިޑީ ކާޑާއިި، ޔޫރަޕްގެ ގިނަ ގައުމުތަކަށް ބޭނުންވާ ރަސްމީ ލިޔުންތައް ހިމެނެ އެވެ.
ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ އޯލިން ރުސޭވް، ބިޒޭރް ޒަމްބަޒޯވް އަދި ކެޓްރިން އައިވަނޯވާއާ ދެކޮޅަށެވެ. އެއީ ގިނަ އަހަރުތަކެއް ވަންދެން އިނގިރޭސިވިލާތުގައި އުޅެފައިވާ މީހުންނެވެ.










