މެޑްރިޑް (އޮގަސްޓް 14) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ގެޓަފޭއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ރެފްރީގެ ނިންމުންތަކާ މެދު ބާސެލޯނާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި މި މެޗުގައި ބާސެލޯނާގެ ރަފީނިއާ އާއި ކޯޗު ޒަވީ ހެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެ ގޮތުން ރަފީނިއާ އަށް މެޗުގެ 42 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކީ، ގެޓަފޭގެ ގެސްޓޮން އަލްވަރޭޒް އަށް އުޅަބޮށިން ހަމަލާދީފައިވާތީ އެވެ.
ރަތް ކާޑު ދެއްކުމުގެ ކުރިން ރަފީނިއާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެެވެ. އެ ގޮތުން ރަފީނިއާ ޖެހި ޝޮޓް ގެޓަފޭ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ބޮލުން ޖެހި ބޯޅައެއް ގެޓަފޭ އިން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެެވެ. އަދި މި މެޗުގައި ބާސެލޯނާގެ ގަވީ އާއި ރޮނާލްޑް އަރައުހޯ އަށް ކުރި ފައުލުތަކަށް ޕެނަލްޓީ ނުދޭތީ ވެސް ބާސެލޯނާ އިން ޝަކުވާ ކޮށްފައިވެ އެވެ.
މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާއާ ގުޅުނު އިލްކާއި ގުންޑޮގާން ވަނީ މި މެޗުގައި ބަދަލެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ. ގުންޑޮގާން އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި އޭނާ އަށް ބޭނުމެއް ނުހިފުނެވެ.
ގެޓަފޭ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 57 ވަަނަ މިނިޓްގައި ގެޓަފޭގެ ޖެއިމީ މަޓާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.












