ބާސެލޯނާ (އޮގަސްޓް 9) - ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އިލްކޭ ގުންޑޮގާން، ބާސެލޯނާ އަށް ސޮއިކުރި ނަމަވެސް އެ ކްލަބްގެ ހާލަތު އޮތްގޮތުން ރަސްމީ މެޗެއް ނުކުޅެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
މާލީ މައްސަލަތަކެއްގެ ސަބަބުން ބާސެލޯނާ އަށް އަދިވެސް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެ ގޮތުން މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާ އިން ސޮއި ހޯދި ގުންޑޮގާން އާއި އިނީގޯ މާޓީނޭޒް އަދި އޮރިއޯލް ރޮމޭއުގެ ކޮންޓްރެކްޓް އަދިވެސް ބާސެލޯނާ ޓީމުގައި ރަޖިސްޓްރީ ކުރެވޭގޮތެއް ނުވެ އެވެ. ލަލީގާ އިން އެ ފުރުސަތު ނުދެނީ ބާސެލޯނާގެ މާލީ ކަންތައްތަކެއް ގޯސްކޮށް ހުރުމުންނެވެ.
ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ކުޅުނު ގުންޑޮގާން، 32، އާ އެކު އެ ކްލަބުން ވެވުނު އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއްގައިވާ ގޮތުން، މި ހަފްތާގައި ސްޕެނިޝް ލަލީގާ ފެށުމުގެ ކުރިން ބާސެލޯނާ އަށް އޭނާގެ ކޮންޓްރެކްޓް ރަޖިސްޓްރީ ނުކުރެވިއްޖެނަމަ، ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގާން އަށް އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ.
ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ގުންޑޮގާން، މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވީ ސިޓީން އާ ކޮންޓްރެކްޓެއް ހުށަހަޅާފައިވަނިކޮށެވެ.
މި ވަގުތަށް ބަލާއިރު، ބާސެލޯނާގެ ފުރަތަމަ ޓީމަށް ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ 13 ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި، މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވޭ އޮސްމާން ޑެމްބެލޭ އާއި ފްރޭންކް ކެސިއޭ ހިމެނެ އެވެ. ޑެމްބެލޭ ވަނީ ޕީއެސްޖީ އަށް ބަދަލުވާން ނިންމައިފަ އެވެ. ކެސިއޭ އަށް އިނގިރޭސި ޕްރިމިއާ ލީގާއި ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުގެ އޮފާތައް އަންނަނީ ލިބެމުންނެވެ.
ބާސެލޯނާގެ އޮފިޝަލަކު ސްޕެއިނުގެ މީޑިއާ އަށް ބުނެފައިވަނީ ކުރިއަށް އޮތް ހަތަރު ދުވަހެއްގެ ތެރޭ ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ކަންކަން ނިންމާލެވޭނެ ކަމަށެވެ.












