އަޒިލަލް، މޮރޮކޯ (އޯގަސްޓު 6) - މޮރޮކޯގައި އާންމުންގެ މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލައި 24 މީހަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުން އަޒިލަލް ޕްރޮވިންސްގެ ޑެނާޓޭ އަވަށުގައި ހިނގި މި އެކްސިޑެންޓުގައި ފުރޮޅާލާފައިވަނީ ކޮންމެ ހަފުތާއަކު އެ އަވަށުގެ މާރުކޭޓަށް ދަތުރުކުރާ މިނީ ބަހެކެވެ. މިއީ އެ ގައުމުގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި މިފަދަ ހާދިސާ އެވެ.
މޮރޮކޯގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުން މި ހާދިސާ ހިނގުމާއެކު ސަލާމަތީ އަދި ސިއްހީ އަވަސް ފަރުވާގެ އިދާރާތައް އެލާޓަށް ގެނެސްފައިވެ އެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ އަދަދެއް ނުވަތަ ތަފުސީލެއް ސާފު ނުވާކަމަށްވެސް ވަނީ ބުނެފަ އެވެ.
މިއީ މޮރޮކޯގައި ވޭތުވެދިޔަ އަހަރުތަކުގައި ހިނގަމުންދާ މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަށް އިތުރުވި ބޮޅެކެވެ. އެގޮތުން، މިދިޔަ އަހަރު ކަސަބްލަންކާގައި ބަހެއް ފުރޮޅާލާ 23 މީހަކު މަރުވި އެވެ.
އޭގެ ކުރިއަށް ބަލާނަމަ މޮރޮކޯގެ އެންމެ ނުރައްކާތެރި މަގުމަތީ ހާދިސާތަކުގެ ގޮތުގައި ހިމެނެނީ 2015 ގައި ބަހެއްގައި ރޯވެ 33 މީހުން މަރުވި ހާދިސާ އާއި 2012 ގައި ބަހެއް ކޯރަކަށް ވެއްޓި 42 މީހުން މަރުވި ހާދިސާ އެވެ.







