ރިޔާސީ އިންތިހާބު ބޮއިކޮޓްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ވެރިކަމުގައި ހުންނެވުމަށް ދެވޭ ބޮޑު ފުރުސަތެއް ކަމަށް، މި ފަހުން ވެރިކަންކުރާ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ދެންމެ އެ ގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމްގެ ސެނެޓުން ގޮތެއް ނިންމުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވާފައި ވަނިކޮށެވެ.
ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރުމުގެ ބަދަލުގައި ޕީޕީއެމްގެ ހުރިހާ މެންބަރުން ވެސް އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސްއާ އެކު ކުރިއަށް ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ޕީޕީއެމްގެ ހުރިހާ ބޭފުޅުން މި ކަމަށް އަދި އިތުރަށް ވިސްނައިލެއްވުމަށް ވަރަށް އެދެން، އުންމީދު ނަގައިލުއްވައި ޑިމޮކްރެޓްސްއާއެކު ކުރިއަށް ވަޑައިގަންނަވާ، ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ވާނެ،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.
މީގެ ކުރިން ވެސް ނަޝީދު ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވުމަށް ޕީޕީއެމަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް ޕީޕީއެމުން އެ ކަމުގައި ގޮތެއް ނުނިންމުމުން ހުސައިން އަމްރު ވަނީ އިލްޔާސްގެ ރަނިން މޭޓަކަށް ހަމަޖައްސައި، އިލްޔާސްގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅި އެވެ.

އޭގެ ކުރިން ސަރުކާރާ ވާދަވެރި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ވެސް ނަޝީދު ކުރިއަށް ނެރުއްވި އެވެ. އެ ކެންޑިޑޭޓަކީ ޔާމީނާއި ނަޝީދު ނޫން ކެންޑިޑޭޓަކަށް ވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ. ނަމަވެސް އެ މަޝްވަރާތައް ވެސް ފަހުން ކުރިއަކަށް ގޮސްފައެއް ނުވެ އެވެ.
މީގެ ތިން ދުވަސް ކުރިން ޕީއެންސީގެ ސެނެޓުން ވަނީ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމައިފަ އެވެ. އަދި އެ ދުވަހު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ގުޅިވަޑައިގެންނެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަކީ ކެންޑިޑޭޓުގެ ގޮތުގައި ވެސް ކަނޑައެޅި އެވެ.
ނަމަވެސް އެއީ އަދި ޕީޕީއެމުން ތާއީދުކުރާނެ ކެންޑިޑޭޓު ކަމަކަށް ނުނިންމަ އެވެ. އިންތިހާބު ބޮއިކޮޓް ކުރުމުގެ މަޝްވަރާއަށް ޕީޕީއެމްގެ ސެނެޓް މިއަދު ގޮސްފައިމިވަނީ، ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމުންނެވެ.













