ރާއްޖޭގެ ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި އަލީ އަޝްފާގު (ދަގަނޑޭ) އަތުގައި އޮތް ރެކޯޑެއް، ކްލަބް ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ ޔޫސުފް އަޔާން އާމިރު އަށް ލިބިއްޖެ އެވެ.
އުމުރުން 15 އަހަރުގެ އަޔާން މި ރެކޯޑް، ހެދީ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖަހައިގެންނެވެ. އަޔާން، ކުޅެން އެރީ ބަދަލަކަށެވެ. ބަދަލަކަށް ކުޅެން އަރައި، ލިބުނު ފުރުސަތުގައި މެޗުގެ 87 ވަނަ މިނިޓްގައި އޭރިއާތެރެއިން އަޔާން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ތެރެއަށެވެ.
ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުުޅުންތެރިޔާގެ ރެކޯޑް އޮތީ، މީގެ ކުރިން އުމުރުން 16 އަހަރުގައި ގޯލު ޖެހި ދަގަނޑޭ އެވެ. ދަގަނޑޭ ވެސް އެ ރެކޯޑް ހެދީ ވެލެންސިއާ ޖޯޒީގައި ކުޅެމުންނެވެ. މި ރެކޯޑް ދަގަނޑޭ އަތުގައި 20 އަހަރު ވަންދެން އޮތެވެ.

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ޓެކަލް ކޮށްގެން އަޔާން އަތުން ބޯޅަ ހޯދަނީ.--- ފޮޓޯ: އެފްއޭއެމް
އެތުލެޓިކްސްގައި ވެސް ވިދަމުން އަންނަ އަޔާން އަކީ މިދިޔަ އަހަރު ވެލެންސިއާ އިން 14 އަހަރުން ދަށުގެ ލީގު ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގެ ކެޕްޓަން އެވެ. އަދި 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ސްކޫލު ލީޑުކުރީ ވެސް އަޔާން އެވެ.
އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި މި ފަހަރު ވެލެންސިއާ އިން ލީގުގައި ކުޅެމުން އަންނަނީ ޒުވާން ސްކޮޑަކާ އެކު އެވެ.
މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ވެލެންސިއާ އަށް ފީފާ އިން ފިޔަވަޅު އަޅާފައިވާއިރު، ވެލެންސިއާ އަށް މި ސީޒަނުގައި ކުޅެން ޖެހުނީ އެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ހިމަނައިގެން ގިނަ މެޗުތަކެއްގެ ފުރަތަމަ އެގާރަ ނަގައިގެންނެވެ. ވެލެންސިއާ ޓީމުގައި އުމުރުން 13 އާއި 14 އަހަރުގެ ކުޅުންތެރިން ވެސް އަންނަނީ ލީގުގައި ކުޅެމުންނެވެ.
ގްރީން ސްޓްރީޓްސް އަތުން އިއްޔެ ހޯދި ޕޮޮއިންޓަކީ މި ފަހަރު ލީގުގައި ވެލެންސިއާ ކުޅުނު ހަތް މެޗުގެ ތެރެއިން ލިބުނު ފުރަތަމަ ޕޮއިންޓެވެ.












