ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 5) - އެމެރިކާގެ ލީގު ކަޕްގައި އޯލަންޑޯ ސިޓީ އަތުން އިންޓަ މިއާމީ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ރަތް ކާޑެއް ދައްކަން ޖެހޭ ކަމަށް އޯލަންޑޯގެ ކޯޗު އޮސްކާ ޕަރޭހާ ބުނެފި އެވެ.
މެސީގެ ދެ ގޯލާ އެކު، އިންޓަ މިއާމީން ވަނީ 3-1 އިން އޯލަންޑޯ ބަލިކޮށް، ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެވެ. ޕަރޭހާ ބުނާގޮތުގައި މި މެޗުގައި މެސީ އަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކައި، ރަތް ކާޑެއް ދައްކަން ޖެހެ އެވެ. އެކަަމަކު، ބައެއް ރެފްރީން މެސީ އަށް ކާޑު ދައްކަން ޖެހިލުންވާ ކަމަށް ޕަރޭހާ ބުނެފައިވެ އެވެ.
އޯލަންޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް 21 ވަނަ މިނިޓްގައި ރީނދޫ ކާޑެއް ދެއްކި އެވެ.
"މެސީ އަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކަން ޖެހޭ ހާލަތެއް އައި، އަހަންނަށް ހެޔޮ އެއީ، މެސީ ވިޔަސް، ގަވާއިދުގައި އޮންނަނީ ފައުލެއް ކޮށްފިއްޔާ ކާޑު ދައްކަންޖެހޭނެއޭ،" ޕަރޭހާ ބުންޏެވެ.
"މި މެޗު ވެސް، ލީގު ވެސް މި ބަދަލުވަނީ ސާކަސް އަކަށް، މެސީ އަށް ބަލައިގެން ހުރިހާ ކަމެއް ދާން އަހަރެން ނޭދެން، އޭނަ (މެސީ) ވެގެން ވަކި ކަމެއް ވަކި ގޮތަކަށް އޮތުން، މި އަށް ވުރެ ކަންކަން ރަނގަޅުވާންޖެހޭ،"
މެސީ، އިންޓަ މިއާމީ އަށް ބަދަލުވި ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެ މެޗުތަކުގައި އެކަނި ވެސް މެސީ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. މެސީއާ އެކު، ބާސެލޯނާ އަށް ކުޅުނު ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސް ވެސް ކުޅެމުން އަންނަނީ މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީ އަށެވެ.












