ލަންޑަން (އޮގަސްޓް 5) - ބަޔާން މިއުނިކުން އެންމެ ފަހުން ޓޮޓެންހަމަށް އިނގިރޭސި ފޯވާޑް، ހެރީ ކޭން ގަންނަން ހުށަހެޅި 112 މިލިއަން ޑޮލަރުގެ ޑީލާ މެދު ގޮތެއް ނިންމަން ބަޔާނުން ޓޮޓެންހަމް އަށް މުހުލަތެއް ދީފި އެވެ.
ކޭން، 30، ގަންނަން ބަޔާނުން އެންމެ ފަހުން ހުށަހެޅި ޑީލާ މެދު ވެސް ޓޮޓެންހަމް އިން ސީދާ ޖަވާބެއް ނުދެ އެވެ. ޓޮޓެންހަމް އިން ބޭނުންވަނީ އެ ޑީލްގެ މަޝްވަރާތައް ލަސްކޮށް، ކޭން މަޑުކުރުވުމަށެވެ. އެކަމަކު، އެކަމާ ހިތްހަމަނުުޖެހިގެން، ބަޔާނުން މިހާރު ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޓޮޓެންހަމްގެ ޖަވާބެއް ނުލިބިއްޖެނަމަ އެ ޑީލްގެ ވާހަކަތައް ދެން ކުރިއަށް ނުގެންދިއުމަށެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަޔާނާ ގުޅެން ކޭން ވެސް ހުރީ ތައްޔާރަށެވެ. އެކަމަކު، ޓޮޓެންހަމުން އޭނާ ވިއްކާލަން ކިޔާ ފީއާ މެދު ބަޔާނާ އެކު އެއްބަސްވުމަކަށް ނާދެވޭތީ އެ ޑީލް އޮތީ ހުއްޓިފަ އެވެ.
އަންނަ ސީޒަނުގެ ނިޔަލަށް ކޭން، ޓޮޓެންހަމްގެ ކޮންޓްރެކްޓްގައި ހުރިއިރު، އެ އެއްބަސްވުން އާ ކުރަން ޓޮޓެންހަމް އިން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. އަނެއްކޮޅުން، ބަޔާންގެ ރައީސް އުއީ ހޯންސް، ޖަރުމަނުގެ މީޑިއާ އަށް ދިން އިންޓަވިއުއްގައި ވަނީ ކޭން އެ ޓީމާ ގުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
ބަޔާނުން މި ފަހަރުގެ ސީޒަން ފަށާނީ މި މަހު 12 ވަނަ ދުވަހު އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ ސުޕަ ކަޕް މެޗުންނެވެ. އޭގެ އަނެއް ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމުން ބްރެންޓްފޯޑާ ބައްދަލުކުރާނެ އެވެ.












