މެލްބާން، އޮސްޓްރޭލިއާ (އޮގަސްޓް 2) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ބްރެޒިލާ ދެކޮޅަށް 0-0 އިން އެއްވަރުކޮށް، އެ ޓީމު ކަޓުވާލައި، ޖެމެއިކާ އިން މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
ފީފާ ވޯލްޑް ކަޕަށް ޖެމެއިކާ ކޮލިފައިވީ ނަމަވެސް އެ ޓީމަށް މުބާރާތުގައި ވާދަކުރަން ކުރަން ޖެހުނީ އުނދަގޫ ދަތުރަކަށް ފަހު އެވެ. އެ ގޮތުން، އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "ގޯ ފަންޑް މީ" މެދުވެރިކޮށް، އާންމުންގެ އެހީގައި ބަޖެޓެއް ހޯދައި، ޖެމެއިކާ އިން އޮސްޓްރޭލިއާ އަށް ދަތުރުކޮށް، މި ވަނީ ބްރެޒިލް ކަޓުވާލައި، މުބާރާތުގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނިފަ އެވެ.
ޖެމެއިކާ ޓީމުން "ގޯ ފަންޑް މީ" އިން ގާތްގަނޑަކަށް 50،000 ޑޮލަރުގެ ބަޖެޓެއް ހޯދި އެވެ.
މިއީ، 1995 ވަނަ އަހަރަށް ފަހު ބްރެޒިިލް، ވިމެންސް ވޯލްޑް ކަޕަކުން ކެޓި ފުރަތަމަ ފަހަރެވެ. އެހެންކަމުން، މިއީ 28 އަހަރު ތެރޭ އަންހެން ފުޓްބޯޅައިގައި ބްރެޒިލްގެ އެންމެ ބޮޑު ވެއްޓުމެވެ.

ޖެމެއިކާ ކުޅުންތެރިއަކު ކައިރިން ބްރެޒިލްގެ މާތާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.
ގްރޫޕްގެ ފުރަތަމަ މެޗުގައި ޖެމެއިކާ އިން ވަނީ ފްރާންސާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން ޖެމެއިކާ އިން ވަނީ ޕެނަމާގެ މައްޗަށް 1-0 އިން ކުރިހޯދައިފަ އެވެ. އަދި މިއަދު ބްރެޒިލާ އެއްވަރުކޮށް، ގްރޫޕް އެފްގެ ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކުރީ އެވެ. އެ ގްރޫޕް އެއް ވަނަ ދިޔައީ މިއަދު ޕެނަމާ އަތުން 6-3 އިން މޮޅުވި ފްރާންސް އެވެ. ފްރާންސަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ، ޖެމެއިކާގެ އޮތީ ފަސް ޕޮއިންޓެވެ. ބްރެޒިލް، ތިން ވަނަ އަށް ދިޔައީ ހަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި ނިންމި ޕެނަމާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ފިރިހެނުންގެ ވޯލްޑް ކަޕްގެ ތަށި ފަސް ފަހަރު ހޯދައި، ރެކޯޑެއް ގާއިމްކޮށްފައި އޮތް ބްރެޒިލަށް އަންހެން ވޯލްޑް ކަޕެއްގައި އެންމެ ދުރަށް ވެސް ދެވުނީ 2007 ވަނަ އަހަރުގެ ފައިނަލަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކެޓުމާ އެކު، އެންމެ ބޮޑު މާޔޫސްކަމެއް ލިބޭނީ އެ ޓީމުގެ ތަރި މާތާ، 37، އަށެވެ. އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދި މާތާގެ ކެރިއަރު ނިންމާލަން މި ޖެހުނީ ހަ ވޯލްޑް ކަޕްގައި ކުޅެ، ތަށީގައި އަތްލުމުގެ ނަސީބު ނުލިބި އެވެ.












