އެޑަލެއިޑް، އޮސްޓްރޭލިއާ (އޮގަސްޓް 2) - އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި، ފުރަތަމަ ފަަހަރަށް އެ ފަދަ ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުމަކީ ޗައިނާ އަށް "ލަދުވެތި ނަތީޖާ" އެއް ކަމަށް އެ ޓީމުގެ ކޯޗު ސުއީ ޒިންޝީއާ ބުނެފި އެވެ.
ގްރޫޕް ޑީގެ ފަހު މެޗުތައް އިއްޔެ ކުޅުނުއިރު، ޗައިނާ ވަނީ އިންގްލެންޑް އަތުން 6-1 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު، ޗައިނާ ކަޓައި، އެ ގްރޫޕުން އަނެއް ބުރުގެ ފުރުސަތު ހޯދީ އިންގްލެންޑާއި ޑެންމާކް އެވެ.
ޗައިނާ ވަނީ އެ ޓީމުން ފީފާ ވިމެންސް ވޯލްޑް ކަޕްގައި ކުޅުނު ހަ ފަހަރު ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. އަދި އެ ޓީމުން 1999 ވަނަ އަހަރު މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފައިވެ އެވެ. މީގެ އިތުރުން ބަލާއިރު، މިދިޔަ އަހަރުގެ ވިމެންސް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ޗައިނާ އިން ހޯދައި، 2006 ގެ ފަހުން ފުރަތަމަ ފަހަރަށް ސަރަހައްދުގެ ރަސްކަމަށް އެރިއިރު، މި ފަހަރުގެ ވޯލްޑް ކަޕާ މެދު އެ ގައުމުން އުންމީދުތަކެއްކުރި އެވެ. އެހެން ނަމަވެސް ގްރޫޕް ސްޓޭޖުން ކަޓައި، ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހުނީ އެވެ.
"ހުރިހާ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު އަދާކުރަން، މި ނަތީޖާގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އަހަރެން. ޔަގީންކަމެއް، މިއީ ލަދުވެތި ނަތީޖާއެއް، އަހަންނަށް ވެސް މި ބަލައިގަންނަން އުނދަގޫ،" ޒިންޝީއާ ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ޗައިނާ ކުޅުނު މެޗުތަކަށް ބަލާއިރު، ޑެންމާކް އަތުން 1-0 އިން ބަލިވިއިރު، ހައިޓީ އަތުން މޮޅުވީ 1-0 އިންނެވެ.
ޒިންޝީއާ އަކީ ޗައިނާގެ އަންހެން ޓީމަށް އިރުޝާުދުދޭ އެ ގައުމަށް ނިސްބަތްވާ ފުރަތަމަ ކޯޗެވެ. އެހެންކަމުން، އެ އަށް އިޝާރާތްކޮށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅޭގޮތުން ޒިންޝީއާ ބުނީ، މިހާރު އޮތް ޗައިނާ ޓީމަށް އެކުގައި ގިނަ މެޗުތަކެއް ކުޅެން ލިބޭ ވަރަކަށް ރަނގަޅުވާނެ ކަމަށާއި އެ ޓީމު ލީޑުކުރުމުގެ ޒިންމާ އޭނާ އަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.












