ކ. ހިންމަފުށީގައި ފުއްޓަރު ފަރާތުގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނި އެއްކޮށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 20:20 ހާއިރު ކަމަށެވެ. އަދި, މައުލޫމާތު ލިބުމާ އެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން އަލިފާން ނިއްވުމަށް ހިއްމަފުއްޓަށް ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެގޮތުން، 21:02 ހާއިރު ހިންމަފުއްޓަށް ގޮސް 21:30 ހާއިރު ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
ރޯވި ދޯނީގެ ވެރި ފަރާތުން "އަދަދު" އަށް ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މިހުރީ ރާއްޖެއިން ބޭރުގަ. ރޯވީ ކީއްވެ ކަމެއް އަދި ނޭނގޭ،" ދޯނީގެ ވެރި ފަރާތް ހަސަން ޝަމީހް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.












