ބްރިސްބޭން، އޮސްޓްރޭލިއާ (ޖުލައި 28) - މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ އެއް ހޯސްޓް ކަމަށްވާ އޮސްޓްރޭލިއާ އަތުން ފަހަތުން އަރައި، ނައީޖީރިއާ 3-2 އިން މޮޅުވެއްޖެ އެވެ.
މި ހައިރާންކުރަނިވި ނަތީޖާއާ އެކު ނައިޖީރިއާ އަށް ގަދަ 16 ގެ އުންމީދު ބޮޑުވިއިރު، އޮސްޓްރޭލިއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ނައިޖީރިއާ އާއި ދެ ވަނައިގައި އޮތް ކެނަޑާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮސްޓްރޭލިއާ އޮތީ ތިން ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އަޔަލެންޑް ކެޓީ ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ވެސް ނުލިބި އޮތުމުންނެވެ.
ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އޮސްޓްރޭލިއާ ކުޅޭނީ ކެނަޑާއާ އެވެ. ނައިޖީރިއާ ބައްދަލުކުރާނީ އަޔަލެންޑާ އެވެ.
ޓީމުގެ ތަރި، ސޭމް ކާ ނުލައި މި މެޗުގައި ވެސް ކުޅެން ޖެހުނު އޮސްޓްރޭލިއާ އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެމިލީ ވެން އެގްމޮންޑް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ވަގުތުގައި ގޯލު ޖަހައި، ނައިޖީރިއާ އިން އެއްވަރުކުރި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، އުޗޭނާ ކާނޫ އެވެ. ދެ ވަނަ ހާފުގައި ނައިޖީރިއާ އަށް ލީޑުނަގައިދިން ގޯލުތައް ޖެހީ އޮސިނާޗޭ އޮހާލޭ އާއި އަސީސަތު އޮޝޮއާލާ އެވެ. މެޗުގެ އިތުރު ވަގުތުގައި އޮސްޓްރޭލިއާގެ އެލާނާ ކެނެޑީ ވަނީ ގޯލެއް ޖަހައިފަ އެވެ.
ގާތްގަނޑަަކަށް 50،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި ނައިޖީރިއާ އިން މި ހޯދި މޮޅު ގަބޫލުކުރަން ވެސް އޮސްޓްރޭލިއާ ފުޓްބޯޅަ ސަޕޯޓަރުންނަށް އުނދަގޫވި އެވެ. ނައިޖީރިއާގެ ކޯޗު ރޭންޑީ ވަލްޑްރަމް ބުނީ މި މެޗުން އެ ޓީމު މޮޅުވާނެ ކަމަށް މެޗުގެ ކުރިން ގަބޫލުކުރި ހަމައެކަނި ބަޔަކީ އެ ޓީމުގެ ކުޅުންތެރިން އެކަނި ކަމަށާއި އެ ހިތްވަރާ އެކު ކުރި މަސައްކަތުން އެކަން ހާސިލްކޮށްފައިވާ ކަމަށެވެ.












