މެޑްރިޑް (ޖުލައި 28) - މިދިޔަ ހަފްތާގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑަރު، ޑޭވިޑް ސިލްވާ، ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
އުމުރުން 37 އަހަރުގެ ސިލްވާ، ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯއެއް މެދުވެރިކޮށް ބުނެފައިވަނީ، އޭނާގެ މުޅި ހަޔާތް މިހާތަނަށް އެކަމަކަށްޓަކައި، ހާއްސަކުރި "ފުޓްބޯޅަ ކުޅުން" ރަސްމީކޮށް ނިމުމަކަށް ގެންނަން ޖެހޭ ވަގުތު މިއީ ކަމަށެވެ.
ސިލްވާގެ ކެރިއަރުގެ އެންމެ ގިނަ ކަންކަން ހާސިލްކުރީ މެންޗެސްޓާ ސިޓީގަ އެވެ. ވެލެންސިއާ ދޫކޮށް 2010 ވަނަ އަހަރު ސިޓީ އަށް ބަދަލުވުމަށް ފަހު، ސިލްވާ ވަނީ އެ ޓީމާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހަތަރު ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
ސިލްވާ، ސިޓީ ދޫކޮށް މިދިޔަ ސީޒަންތަކުގައި ހޭދަކުރީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑްގަ އެވެ. އެކަމަކު، ދާދި ފަހުން ލިބުނު ކަކުލުގެ އަނިޔާއާ ހެދި ކުޅުން ހުއްޓާލަން ނިންމީ އެވެ.
އެކާވީސް ވަނަ ގަރުނުގައި އުފެދުނު ޓެކްނިކަލީ އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ސިލްވާ އަކީ ސްޕެއިނުގެ ރަން ޖީލުން ހޯދި ކާމިޔާބީތަކުގައި ވެސް އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ ގޮތުން، ސްޕެއިން އިން 2008 އާއި 2012 ގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ސިލްވާ ހިމެނުނެވެ. ސިލްވާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗު ކުޅެދީފަ އެވެ.












