ހިޖުރީ ތާރީހު؛ މިއީ ކިހިނެއްވާ ތާރީހެއް

ހަނދުގެ ފޮޓޯއެއް. އިސްލާމްދީން އައުމުގެ ކުރިންވެސް އަރަބީން މަސް ގުނާ އުޅެނީ ހަނދާއި ދުނިޔެއާ އޮންނަ ގުޅުމުގެ ހާލަތްތަކަށް ބަލައިގެންނެވެ. -- ފޮޓޯ: ނާސާ

ހަނދުގެ ފޮޓޯއެއް. އިސްލާމްދީން އައުމުގެ ކުރިންވެސް އަރަބީން މަސް ގުނާ އުޅެނީ ހަނދާއި ދުނިޔެއާ އޮންނަ ގުޅުމުގެ ހާލަތްތަކަށް ބަލައިގެންނެވެ. -- ފޮޓޯ: ނާސާ

މިއަދަކީ ހިޖުރައިން ސާދަސަތޭކަ ސާޅީސް ފަސްވަނަ އަހަރު ފެށި އެ އަހަރުގެ އެއްވަނަ މަސް ކަމަށްވާ، މުހައްރަމް މަހުގެ ދިހަ ވަނަ ދުވަހެވެ. ރޯދަ ހިފުން ސުންނަތްވެގެންވާ ޢާޝޫރާ ދުވަހެވެ. ދިވެހިންގެ ތާރީހާ ގުޅުވާފައި ބުނާނަމަ، މަޝްހޫރު ކަނދި މަހުގެ ކަނދި ދުވަހެވެ. ހިޖުރީ އާ އަހަރަށް މަރުހަބާ ކިޔައިގަންނަ މިދަނޑިވަޅުގައި، ހިޖުރީ ތާރީހު މިއީ ކިހިނެއްވާ ކޮން ތާރީހެއް ކަމާމެދު އެއްޗެއް ބުނުމަކީ މުނާސަބުކަމެއްކަމުގައި އަޅުގަނޑަށް ފެނިއްޖެ އެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދުނިޔޭގައި އިންސާނުން ދިރިއުޅެން ފަށައި، އިލްމުތައް ތައާރަފުވެ ހަޟާރަތްތަކުގެ ފެށުން އައި ހިސާބުން ތާރީހު ޖެހުމަކީ މުހިންމުކަމަށްވެއްޖެ އެވެ. ހަޟާރަތޭ ކިޔަނީ ސިވިލައިޒޭޝަނަށެވެ. އެލަފުޒަކީ އަރަބި ލަފުޒެއް ކަމަށްވިޔަސް، އާންމުކޮށް އިސްލާމީ ލިޔުންތަކުގައި އެ ލަފުޒު ބޭނުންކުރާތީ އަޅުގަނޑުވެސް ބޭނުންކޮށްލީ އެވެ. ކޮންމެއަކަސް ކަމެއް ހިނގި ވަގުތާއި ތަނާއި ދުވަސް އެނގުމަކީ ބަޔަކު މީހުން ކުރިއަށްދިއުމުގައި އެބައިމީހުންނަށް މުހިންމުވާ އަދި މުހިންމުވެފައިވާ ކަންކަމާ ގުޅިގެން ވަރަށް ބޭނުންތެރި އެޔާ ނުލައި ނޫޅެވޭވަރުގެ ކަމަކަށްވެގެންގޮސްފައިވެ އެވެ.

ބައެއް ހަޟާރަތްތަކުގައި އެބައިމީހުން ތާރީހު ޖަހައި، ދުވަސް ގުނުމަށް ބޭނުންކުރަނީ އަހަރެމެންގެ ދުނިޔެ އިރު ވަށައިގެން ދައުރުވާ ދައުރުވުމުގެ މައްޗަށް ބިނާކުރާ އުސޫލެކެވެ. އަނެއް ބައި ހަޟާރަތްތަކުގައި އެކަން ގުޅުވަނީ، ދުނިޔެއަށް ހަނދު ފެނުމުގައި އަންނަ ތަފާތު ހާލަތްތަކުގެ މައްޗަށް ބިނާކުރާ އުސޫލެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، ތާރީހު ޖެހުމުގައި އިންސާނުން ބޭނުންކުރާ އެންމެ އާންމު ދެގޮތަކީ، ދުނިޔެއާއި އިރާ އޮންނަ ގުޅުމަށް ނުވަތަ ދުނިޔެއާއި ހަނދާ އޮންނަ ގުޅުމަށް ބަލައި ތާރީހު ޖެހުމެވެ.

އިސްލާމްދީން އައުމުގެ ކުރިންވެސް އަރަބީން މަސް ގުނާ އުޅެނީ ހަނދާއި ދުނިޔެއާ އޮންނަ ގުޅުމުގެ ހާލަތްތަކަށް ބަލައިގެންނެވެ. އެހެން އިބާރާތަކުން ބުނާނަމަ ހަނދުމަހުންނެވެ. ނަމަވެސް ހަނދުމަހުން މަސްތައް ގުނާ އުޅުނު ނަމަވެސް، އަހަރު ގުނައި މިވެނި އެވެނި އަހަރަކީ މިތައްވަނަ އަހަރުކަމުގައި ބަލައި ހެދުމަކީ އަދި އެގޮތަށް އަހަރު ކިޔުމަކީ އެބައިމީހުން ކޮށް އުޅުނު ކަމެއް ނޫނެވެ. އެކަން އެހެން ވެފައި އޮތީ، އެބައިމީހުންނަކީ އިސްލާމްދީންގެ ކުރީގައި މާބޮޑު ސިވިލައިޒޭޝަނަކަށްވެފައި ނުވާތީކަމަށް ވެދާނެއެވެ. އޭރުގެ އަރަބީންވެސް ބައެއް އަހަރުތައް ފާހަގަކޮށް ކިޔާއުޅެއެވެ. އެކަމަކު އެކަން ކުރަނީ އަހަރަށް ވަކި އަދަދެއް ދީގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އަހަރަށް ނަމެއް ދީގެންނެވެ. އެނަން ދެނީ، އެއަހަރަކު ހިނގާފައި އޮންނަ ބޮޑު ހާދިސާއަކަށް ނިސްބަތްކޮށެވެ. މިސާލަކަށް ޢާންމުލްފީލް "އެތުގެ އަހަރު" މިއީ އޭގެ މިސާލެކެވެ. އެއީ އެއްތަކައިގެން އަބުރަހަތޭ ކިޔުނު ކަލޭގެ ކަޢުބަތުﷲ ގެފުޅު ސުންނާފަތިކުރުމަށް މައްކާއާ ހަނގުރާމައަށް އައި އަހަރެވެ. އެހާދިސާއަށް ނިސްބަތްކޮށް އެތުގެ އަހަރުގެ ނަމުން އެއަހަރަށް ނަންދެވުނީއެވެ. އެއަހަރުގައި ހިނގާދިޔަ އެހެން ކަންކަމަށް މިވެނިކަމެއް ހިނގީ ޢާންމުލްފީލްގައޭ ބުނަނީއެވެ. އެއަހަރުގެ ކުރި ނުވަތަ ފަހުން އައި އަހަރަށް ނަމެއް ނެތްނަމަ، ޢާންމުލްފީލްގެ ކުރީ އަހަރޭ ނޫނީ، ޢާންމުލްފީލްއާ ވިދިގެން އައި އަހަރޭ ވެސް ކިޔާފާނެއެވެ.

އިސްލާމްދީން އައިސް ކީރިތި ޤުރުއާން ބާވާލެއްވުނުއިރު، ފަރުޟުކުރެއްވުނު އަޅުކަންތަކުގެ ތެރޭގައި ވެސް މަސްމަހުން އަދާކުރަން ޖެހޭ އަދި އަހަރު އަހަރުން އަދާކުރަންޖެހޭ އަޅުކަންތައް ހިމެނިފައިވެއެވެ. ތެދެކެވެ. އަހަރު ގުނާ އަދަދުކޮށް ވަނަކުރަންޖެހޭ ފަދަ އަޅުކަމެއް ނެތެވެ. އެކަމަކު ތައުބާ ސޫރަތުގެ 35 ވަނަ އާޔަތުގައި، "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ އަދަދަކީ، ﷲ ގެ ހަޒުރަތުގައި ބާރަ މަހެވެ." މިފަދައިން އަންގަވާފައިވުމުން، ދީނީގޮތުން ބަލާއިރު، އަހަރެއްގައި އޮންނާނީ ބާރަ މަސްކަން ސާފެވެ. އަދި އަލްބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުން ރަމްޟާން މަހުގެ ވާހަކަ ބަޔާންވެފައިވުމުން، ޤުރުއާނުން އިރުޝާދު ލިބެނީ، ދީނީގޮތުން އަޅުކަންތަކުގެ ބޭނުމަށް މަސް ބަލަންވީ ހަނދުމަހުގެ ނިޒާމުންކަމަށެވެ. އެހެނީ ރަމްޟާން މަސް މިއީ އިސްލާމްދީން އައުމުގެ ކުރީގައި ވެސް އަރަބިން މިނަމުން މަހަކަށް ނަންކިޔާފައިވާ މަހަކަށްވާތީއެވެ.

ކީރިތި މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތްއިރުވެސް، އަހަރުތަކަށް ވަނަދީގެން މިވެނި އަހަރެއް އެއީ ދެވަނަ އަހަރު އެހެންނާ ތިންވަނަ އަހަރުގެ ގޮތުގައިކަމަށް ކިޔާ ނޫޅެއެވެ. އަދި އަބޫބަކުރުގެފާނުގެ ހިލާފަތް ނިމުން އިރުވެސް އެކަން އޮތީ އެގޮތަށެވެ. އުމަރުގެފާނުގެ ހިލާފަތުގައި، އަބޫ މޫސަލް އަޝްޢަރީ އުމަރުގެފާނަށް ސިޓީފުޅެއް ފޮނުއްވިއެވެ. މިއަބޫ މޫސަލް އަޝްޢަރީއަކީ، އޭރު އިރާގުކަރައިގެ ސަހަރެއްކަމަށްވާ ބަޞަރާގެ ގަވަރުނަރެވެ. އަބޫމުސާ އުމަރުގެފާނަށް ލިޔުއްވީ، ކަލޭގެފާނުގެ އަރިހުން އެކިއެކި ފަތްކޮޅުތައް އަންނައިރު، އޭގައި ޝައުބާން މަހޭ ޖައްސަވާފައި އޮތަސް އެއީ ކޮން އަހަރެއްގެ ޝައުބާން މަހެއްކަން ނޭނގޭތީ ބައެއް އޮޅުންތައް އަރާކަމަށެވެ. މިކަމާ ވިދިގެން ޢުމަރުގެފާނު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޮޑެތި ޞަޙާބީ ބޭކަލުންނާ މަޝްވަރާކުރެއްވިއެވެ.

ބައެއް ބޭކަލުން ލަފާއެރުވީ، މާތް ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުނު އަހަރު އެއީ އެއްވަނަ އަހަރުކަމުގައި ބަލައިގެން އަހަރުޖެހުމަށެވެ. ބައެއް ބޭކަލުން ލަފާއެރުވީ މާތް ނަބިއްޔާ ސުވަރުގެވަޑައިގަތް އަހަރުން ފެށިގެން ތާރީހު ޖެހުމަށެވެ. ތާރީހު ޖެހުމުގެ ބޭނުމަކީ، ދައުލަތުގެ އިދާރީ ބޭނުމަކަށްވެފައި، އަޅުކަމާ ގުޅުންހުރި ކަމަކަށް ނުވާތީ، އެޒަމާނުގެ ބޮޑެތި ބާރުތައް ކަމަށްވާ ރޯމަނުން ނުވަތަ ފާރިސީން ތާރީޚް ޖަހާ ގޮތް ނެގުމަށްވެސް ބައެއް ބޭކަލުން ލަފާއެރުވިއެވެ. މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އަހަރު އެއީ ފުރަތަމަ އަހަރު ކަމުގައި ބަލައިގެން ތާރީހު ޖެހުމަށް ލަފާއެރުވީ ޢަލީގެފާނެވެ. އުމަރުގެފާނަށް ކަމުދިޔައީ އެލަފާފުޅެވެ. އަދި ވިދާޅުވިއެވެ. އަހަރެމެން ތާރީހު ޖަހާނީ އެކަލޭގެފާނުގެ ހިޖުރައަށް ބަލައިގެންނެވެ. އެހެނީ އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިކުރެއްވުމުން ޙައްޤާއި ބާޠިލު ވަކިވެގެންދިޔައެވެ.

އެޔާއެކު ހިޖުރީ ސަނަތު ކަނޑައެޅުނީއެވެ. ނުވަތަ ހިޖުރީ އަހަރު ކަނޑައެޅުނީއެވެ. ހިޖުރީއަހަރު ކަނޑައެޅި ހިޖުރީ އަހަރުން ތާރީހު ޖަހަން ފެށުނީ ހިޖުރީ ތާރީހުން، ސޯޅަވަނަ އަހަރުގައެވެ. އެހެނީ މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތީ ހިޖުރައިން 11 ވަނަ އަހަރުއެވެ. އަބޫބަކުރުގެފާނުގެ ހިލާފަތު ނިމުނީ، ހިޖުރައިން ތޭރަ ވަނަ އަހަރު އެކަލޭގެފާނު އަވަހާރަވުމުންނެވެ. ހިޖުރީ ތާރީހުން ތާރީހު ޖެހުމަށްޓަކައި އިސްވެ ބުނެވުނު މަޝްވަރާކުރެވި ޢުމަރުގެފާނު ތާރީހު ޖައްސަވަން ނިންމެވީ، އުމަރުގެފާނުގެ ހިލާފަތުގެ ތިންވަނަ އަހަރުގެ މެދުތެރެއިންނެވެ. އެހެންވީމާ އެއީ މާތް ނަބިއްޔާ ހިޖުރަކުރެއްވި އަހަރުން ފެށިގެން ގުނާއިރު، ސޯޅަ ވަނަ އަހަރެވެ. ބައެއް ރިވާގައިވާ ގޮތުން މިކަމެއް ހިނގީ ހިޖުރައިން ސަތާރަވަނަ އަހަރެވެ.

މުސްލިމުން އަހަރު ގުނައި، ވަނަކޮށްގެން ތާރީހު ޖަހަން ފެށީ އުމަރުގެފާނުގެ ހިލާފަތުގަ އެވެ. އެކަން ހިނގާދިޔަ ގޮތް ދެންމެ މިދެންނެވީއެވެ. އެތާރީހުގެ ފެށުން ގުޅުވީ، މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އަހަރާ ކަމަށްވިޔަތީ، މިތާރީހުގެ ނަމަކަށް ކިޔުނީ ހިޖުރީ ތާރީހެވެ. މީލާދީ ތާރީހު ސަލާމްލެއްވި އީސާގެފާނުގެ އުފަންވެވަޑައިގަތުމާ ގުޅިފައި އޮތްކަމަށްޓަކައި އެތާރީހަށް މީލާދީ ތާރީހު ކިޔޭ ބީދައިންނެވެ. މީލާދު ގެ މާނައީ އުފަންވުމެވެ.

ހިޖުރީ ތާރީހު ގުނުމުގައި ބަލާ ހިޖުރީ އަހަރެއްގައި އޮންނަނީ ބާރަ މަހެވެ. ބާރަ މަހަށް ނަންކީފައިވަނީ، އިސްލާމްދީން އައުމުގެ ކުރީގައިވެސް އަރަބީންގެ ތެރޭގައި އޮތް ހަނދުމަހުން ގުނޭ ބާރަ މަހުގެ ނަމުންނެވެ. އެއީ މުހައްރަމް، ސޮފަރް، ރަބީއުލްއައްވަލް، ރަބީއުލްއާޚިރު، ޖުމާދަލްއޫލާ، ޖުމާދަލްއާޚިރާ، ރަޖަބް، ޝައުބާން، ރަމްޟާން، ޝައްވާލު, ޒުލްގައިދާ، ޒުލްހިއްޖާ މިއެވެ. ނަމަވެސް މި މަސްތަކުގެ ތެރެއިން އަހަރު ފަށާނީ ކޮން މަހަކުން ކަމާމެދު ބަހުސްކުރެވުނެވެ. ބައެއް ޟަޙާބީން ލަފާއެރުވީ ރަމްޟާން މަހުން އަހަރު ފެށުމަށެވެ. އަދި ބައެއް ބޭކަލުން ހައްޖު މަހުން ފެށުމަށް ލަފާއެރުވި އެވެ. މުހައްރަމް މަހުން އަހަރު ފަށާ ގޮތަށް ހެދުމަށް ލަފާއެރުވީ އުސްމާންގެފާނެވެ. އަދި އުމަރުގެފާނު ނިންމެވީ އެގޮތަށެވެ. ޒަމާނުއްސުރެ އަރަބީން އަހަރު ފަށާ މަސްކަމަށް ބަލަނީ، މުހައްރަމް މަސްކަމަށްވުމަކީ އެކަމުގެ އެއް ސަބަބެވެ. އަހަރަށް ވަނަދީ ނުހެދިކަމަށްވިޔަސް އިހުގެ ތާރީހާ ގުޅުވާލުމަށް އެގޮތް ފަސޭހަވެގެންދާނެއެވެ. ރޫޙާނީ އަނެއް ސަބަބަކީ، ހައްޖަކީ އިސްލާމީ އެންމެ ބޮޑު އިވެންޓެވެ. އެ އިވެންޓް އަންނަނީ ޛުލްޙިއްޖާ މަހުއެވެ. އެހެންވީމާ އެމަސް ނިމުމުން ޖެހިގެން އަންނަ މުޙައްރަމް މަސް އެއީ އައު އަހަރު ފެށޭ މަސްކަމުގައި ހެދުމުގައި ރޫޙާނީ މާނައެއް އެކުލެވެއެވެ.

މިޔާއެކު މުސްލިމުންގެ ލިޔެކިޔުންތަކުގައި ތާރީހު ޖެހެވެން ފަށައިފިއެވެ. ދުވަހާއި މަހުގެ އިތުރުން އަހަރާއެކުގައެވެ. ހިޖުރީ ތާރީހުންނެވެ. ހިޖުރީ އަހަރާއި ތާރީޚްގެ ވާހަކައަކީ މިއީ އެވެ. ނަމަވެސް ދައުލަތްތަކުގެ އިދާރީ ބޭނުންތަކަށާއި، އެހެނިހެން ބޭނުންތަކަށް ތާރީހުޖެހުމުގައި އަމިއްލަ ތާރީހެއް ނުވަތަ ދުނިޔޭގައި ނަންހިނގާ އެހެންވެސް ތާރީހެއް ބޭނުންކުރުމަކީ ދީނީގޮތުން މަނާކަމެއް ނޫނެވެ. އިސްލާމީ ދައުލަތް ފުޅާވެ، ރޯމަނުންނާއި ފާރިސުންގެ ދަށުގައި އޮތް ބައެއް ސަރަހައްދުތައް ފަތަހަވުމުން އެތަންތަނުން ޓެކްސްނެގުމުގެ ފަސޭހައަށް އެކަންކަމުގައި، އެބައިމީހުން ތާރީހު ޖަހާ އުޅުނު ގޮތަށް ތާރީހު ޖަހާ ގޮތަށް ބައެއް ޚަލީފާއިން ހަމަޖައްސަވާފައިވެއެވެ. އެކަން އެގޮތަށް ކުރެއްވީ އިދާރީ އޮޅުންތަކުން ދުރުވެގަތުމުގެ ބޭނުމުގައެވެ.

ނަމަވެސް ހިޖުރީ ތާރީހަކީ މުސްލިމުންގެ ހަޟާރަތުގެ ރަމްޒެކެވެ. މުސްލިމުންނަކީ އަމިއްލަވަންތަ ވެރިކަމެއް ދުނިޔޭގައި ކުރި ގަދަފަދަ ބާރުވެރި ބައެއްކަން ހާމަކޮށްދޭ ހެއްކެއްމެއެވެ. އާދޭހެވެ. އެއީވެސް އުމަރުގެފާނުގެ ޚިލާފަތުގެ ހާއްސަ ހިދުމަތެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox