ކެމްޕެއިން އަދާހަމަ: އިލްޔާސް ހދ. ގައި، އެމްޑީޕީގެ ޓީމުތައް ވެސް ރަށްރަށުގައި

ކެމްޕެއިން އަދާހަމަ: އިލްޔާސް ހދ. ގައި، އެމްޑީޕީގެ ޓީމުތައް ވެސް ރަށްރަށުގައި

ކުރިއަށް އޮތް ފަސް އަހަރު ގައުމުގެ ވެރިކަން ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބާއްވަން އެންމެ 43 ދުވަހަށްވެފައިވާއިރު އެ އިންތިހާބުގައި ވާދަ ކުރައްވަން ގަސްދު ކުރާ ބޭފުޅުންގެ ކެމްޕެއިން ވަނީ ކުރިއަށްވުރެ ފުޅާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މި ވަގުތު ހުންނެވީ ހދ. ކުޅުދުއްފުށީގަ އެވެ.

އިލްޔާސް ހދ. ގައި ކެމްޕެއިން ކުރައްވަމުންދާއިރު އެ ޕާޓީގެ މެނިފެސްޓޯ އާއި ސިޔާސަތުތައް ރައްޔިތުންނަށް ހާމަ ކުރަން ޑިމޮކްރެޓްސްގެ އެކި ޓީމުތައް، ރާއްޖޭގެ އެކި ކަންކޮޅުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައީސް އަރިހުގައި ދަތުރުކުރާ ކެމްޕެއިން ޓީމުތައް މިވަގުތު ތިބީ މާލޭގަ އެވެ. އެއީ މިނިވަން ދުވަހުގެ ރަސްމީ ހަފުލާތަކުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަންޖެހޭތީ އެވެ. އެހެންނަމަވެސް އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި، އެ ޕާޓީގެ އެޑްވާންސް ޓީމުތަކާއި، ޕެޗް އޭޖެންޓުން ގެންދަނީ މިވަގުތުވެސް 50 އަށްވުރެ ގިނަ ރަށްރަށުގައި ކެމްޕެއިން ކުރައްވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދު އަދި މާދަމާ މާލޭގައި ހުންނެވުމަށްފަހު ކެމްޕެއިން ކުރެއްވުމަށް ރައީސް ހޮނިހިރު ދުވަހު ފުވައްމުލަކަށް ވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން މާލެ ވަޑައިގަންނަވާނީ އިތުރު ބައެއް ރަށްރަށަށް ވެސް ވަޑައިގަތުމަށްފަހުގަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ޓީމުތައް ވެސް ބައެއް ރަށްރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ހުޅުމާލޭގެ ދެ ވަނަ ފޭހުގައި ވެސް މިއަދު ޖުމްހޫރީ ޕާޓީން ދަނީ ކެމްޕެއިން ކުރަމުންނެވެ. ނަމަވެސް ކެމްޕެއިނުގެ އެއްވެސް ހަރަކާތަކުން އަދި ސީދާ ގާސިމް އިބްރާހިމެއް ނުފެނެ އެވެ.

އެ ތިން ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުތައް ކުރިއަށްދާއިރު، ވާދަ ކުރައްވާނެ ކެންޑިޑޭޓެއް މިހާތަނަށް ވެސް ސާފުނުވި ނަމަވެސް، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެމްޕެއިން ހަރަކާތްތަކެއް ވެސް ކުރިއަށްދެ އެވެ. އެގޮތުން ކާނިވަލުގައި ހުންނަ ދޮންމަނިކު ރެސްޓޯރަންޓުގެ ތިރީގައި މިރޭ އެ ޕާޓީގެ ޖަގަހެއް ވެސް ހުޅުވާނެ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނޭކަން އިއުލާނުކުރައްވާފައިވާ އުމަރު ނަސީރު ގެންދަވަނީ ތާއީދު ފޯމުތައް ފުރުއްވުމާއެކު ދޮރުން ދޮރަށް ހިންގަވައި ކެމްޕޭނު ކުރައްވަމުންނެވެ. ނިމިދިޔަ ހަފްތާގައި ވ.އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވައި ކެމްޕެއިން ކުރެއްވިއިރު މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ މާލޭގަ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނޭކަމަށް އިއުލާނުކުރެއްވި ޑރ.މުހައްމަދު މުނައްވަރު މިހާރު ކުރައްވަމުން ގެންދަވަނީ ތާއީދު ފޯމުތައް ފުރުމުގެ މަސައްކަތެވެ. ކެމްޕެއިންގެ ވަކި ހަރަކާތެއް މިވަގުތު ނުހިނގަ އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާގޮތުން އަމިއްލަ ހައިސިއްޔަތުން ވާދަކުރައްވާ ކެންޑިޑޭޓެއްނަމަ 1500 މީހުންގެ ތާއީދު އޮތްކަން ސާބިތުކުރުމަށް ފޯމު ހުށަހަޅަންޖެހެ އެވެ.

ރިޔާސީ އިންތިހާބު 2023

ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން

  1. އިބްރާހިމް މުހައްމަދު ސޯލިހު
  2. އިލްޔާސް ލަބީބް
  3. މުހައްމަދު ނާޒިމް (މޯލްޑިވްސް ނެޝަނަލް ޕާޓީ)
  4. ގާސިމް އިބްރާހިމް
  5. އުމަރު ނަސީރު
  6. ޑރ. މުހައްމަދު މުނައްވަރު

އިންތިހާބު ބާއްވާ ތާރީހު: ސެޕްޓެމްބަރު 9، 2023

ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު: 282،672

ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ބައެއް ހަބަރުތައް

  • މިވަގުތު 11 އަހަރުގެ ޖިނާއީ ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް.
  • އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީން މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ފޮނުވި ދައުވަތު ގަބޫލު ނުކުރާ ކަމަށް އެ ޕާޓީން ބުނުން. އެމްއާރްއެމް އުވާލަން ނިންމާފައިވީ ނަމަވެސް ކެންޑިޑޭޓަކު ނެރެން އެ ޕާޓީން ވެސް ދަނީ މަސައްކަތް ކުރަމުން.
  • ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ އެކީގައި މަސައްކަތް ކުރުމަށްޓަކައި ފެށި މަޝްވަރާތައް ކުރިއަށްނުދާ ކަމަށް ދެ ޕާޓީން ބުނުން. ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް އެއްވެސް އެއްބަސްވުމަކަށް ނުދާނެ ކަމަށް ޕީޕީއެމުން ބުނޭ.
  • ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯދުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާކަމުގެ އަޑު ފެތުރިފައި އޮއްވައި، އަބަދުވެސް ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް މުއިއްޒު ވިދާޅުވުން.

ރިޔާސީ އިންތިހާބު 2023 ގައި ބައިވެރިވުމަށް

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން 640 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަ އެވެ. އެ ހުރިހާ ފޮށިތަކެއް ބެލެހެއްޓުމަށް އަދި އިންތިހާބުގެ މަސައްކަތް ކުރަން ކޮމިޝަނުން ދަނީ ވަރަށް ގިނަ މުވައްޒަފުން ހޯދަމުންނެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައި މަސައްކަތް ކުރާނެ މުވައްޒަފުންނާއި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުންނާއި ޓާސްކްފޯސްތަކުގެ ވަޒީފާއަށް ބޭނުންވާ މުވައްޒަފުން އެ ކޮމިޝަނުން ދަނީ ހޯދަމުންނެވެ.

ރިޔާސީ އިންތިހާބުގައި "އަދަދު" ގެ މޮނީޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު މި ނޫހުން ވަނީ ހުޅުވާލައިފަ އެވެ. މި ނޫހުގެ މޮނީޓަރަކަށްވުމުން، އިލެކްޝަންސް ކޮމިޝަނުން ދޭ ފާހެއްގެ އިތުރުން މި ނޫހުގެ ފާހެއް ވެސް ލިބޭނެ އެވެ. ކުރަންޖެހޭނެ މަސައްކަތަކީ ވޯޓު ފޮށިތަކުގެ ނަތީޖާ ފޮނުވުމާއި މޮނީޓާ ކުރާ ސަރަހައްދުތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތާއި ފޮޓޯ ފޮނުވުމެވެ. (އެ މަސައްކަތަށް އުޖޫރައެއް ދިނުމަށް މި ނޫހުން ވަނީ ހަމަޖައްސައިފަ އެވެ.)

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox