ޓޯކިއޯ (26 ޖުލައި) - މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ ޖަރުމަންގެ ބަޔާން މިއުނިކަށް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި އޭނާ ސިޓީގައި ހިފެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޖަރުމަންގެ ބަޔާން އިން ދަނީ ވޯކާ ،33، އެ ކްލަބަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު, ގާޑިއޯލާ ބުނީ ވޯކާ އަކީ ސިޓީ އަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ވޯކާ ކަހަލަ ކުޅުންތެރިއެއް ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"ވޯކާ ކަހަލަ ކުޅުންތެރިއެއް ހޯދުމަކީ އުނދަގޫ ކަމެއް. މުޅި ދުނިޔޭގައި ވެސް އެ ފެންވަރުގެ ކުޅުންތެރިން މަދުވާނެ،" ގާޑިއޯލާ ބުންޏެވެ.
"އަހަރެމެން ވޯކާ ބަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. އަހަންނަށް އެނގޭ އޭނާ ގެންދަން ބަޔާން އިން ވެސް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން. ވާނެ ގޮތެއް އަދި ނޭނގޭ."
ބަޔާން އިން ދަނީ ޓޮޓެންހަމް އަށް ކުޅެމުންދާ އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން ގެންދަން ވެސް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ކޭން ވަނީ ބަޔާނަށް ބަދަލުވުމަށް އެއްބަސްވެފަ އެވެ. އެކަމަކު، ބަޔާން އާއި ޓޮޓެންހަމްއާ ދެމެދު ޓްރާންސްފާ ފީއަކަށް އަދި އެއްބަހެއްނުވެ އެވެ.












