މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 26) - ލިއޮނަލް މެސީގެ ދެ ގޯލާ އެކު، އެޓަލަންޓާ ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ، އިންޓަ މިއާމީން މިހާރު ކުރިއަށްދާ އެމެރިކާގެ ލީގު ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ފުރުސަތު ހޯދައިފި އެވެ.
ލީގު ކަޕްގެ ގްރޫޕް ފުރަަަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު، އިންޓަ މިއާމީން ވަނީ ކްރުޒް އަޒުލް އަތުން މެސީ އިތުރު ވަގުތު ޖެހި ހިލޭ ޖެހުމުން މޮޅުވެފަ އެވެ. އެ މެޗުގައި މެސީ ކުޅުނީ ބަދަލަކަށެވެ. ރޭ، އިންޓަ މިއާމީގެ ފުރަތަމަ އެގާރައިގައި ހިމެނި، މެޗު ފަށައިގެން ކުޅުނު މެސީ ވަނީ އެޓަލަންޓާ ޔުނައިޓެޑް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ.
އިންޓަ މިއާމީގެ ފުރަތަމަ ދެ ގޯލު ޖެހީ މެސީ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކުރީ ރޮބަޓް ޓޭލާ އެވެ.
ލީގު ކަޕްގެ މެޗުތަކުގެ ކުރިން، އެމްއެލްއެސް ސީޒަނުގައި އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެކަމަކު، މެސީ އާއި ބުސްކެޓްސް އެ ޓީމަށް އައި ފަހުން ކުޅުނު ދެ މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ.
އިންޓަ މިއާމީގެ ކޯޗު، ކުރިން އާޖެންޓީނާ އާއި ބާސެލޯނާ އަށް ވެސް އިރުޝާދުދިން، ޖެރާޑޯ މާޓީނޯ ބުނީ މެސީ އާއި ބުސްކެޓްސް ލެވަލްގެ ކުޅުންތެރިން އައުމާ އެކު، ޓީމުގައި ތިބި އެހެން ކުޅުންތެރިންގެ ވެސް ކޮންފިޑެންސް ރަނގަޅުވެފައިވާ ކަމަށެވެ.
އެޓަލަންޓާ އިން ވަނީ މާޓީނޯގެ ކޯޗުކަމުގައި 2018 ވަނަ އަހަރު އެމްއެލްއެސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މާޓީނޯ މިހާރު ހުރީ އިންޓަ މިއާމީގައި އެކަން ކުރަން އަމާޒުހިފައިގެންނެވެ.












