ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ރިސެޕްޝަނަށް ދައުވަތު އަރުވާފައި އޮއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާއަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ މީޑިއާ ޑިޕާޓްމަންޓުން ބުނީ ނަޝީދު ލަންކާއަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. ދަތުރުގެ އިތުރު ތަފުސީލެއް މަޖިލީހުން ނުދެ އެވެ.
ނަޝީދު ލަންކާއަށް ވަޑައިގެންނެވިއިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ހާއްސަ ފަރިއްކޮޅު މިރޭ އޮންނާނެ އެވެ. ނަޝީދަށް ދައުވަތު އެރުވިކަން ރައީސް އޮފީހުން ކަށަވަރުނުކޮށްދިން ނަމަވެސް ބެލެވޭ ގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދައުވަތު އޮންނާނީ ފޮނުވައިފަ އެވެ.
ނަޝީދާއި ރައީސް ސޯލިހު ސިޔާސީ ގޮތުން މައްސަލަ ޖެހުނު ފަހުން އެ ދެ ބޭފުޅުން އެންމެފަހުން ބައްދަލުވީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އޭގެ ކުރިން ވެސް އެ ދެ ބޭފުޅުން ބައްދަލުވެވަޑައިގެންނެވީ މަދު ފަހަރެއްގަ އެވެ. ކުރިން، ޖޫން، 2020، ގައި ނަޝީދު މުލީއާގެއަށް ވަޑައިގެން ރައީސްއާ ބައްދަލު ކުރެއްވި އެވެ. އޭގެ ފަހުން އޮކްޓޯބަރު، 2021، ގައި ރައީސް އޮފީހަށް ވަޑައިގެން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރެއްވި އެވެ.

އެކަމަކު ފަހުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ ރައީސް ސޯލިހު ކ. އާރަށުގައި ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތުމުން އެވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވެފައި ވަނީ މާލޭގައި ހުންނެވި ނަމަވެސް ވަޑައިނުގަންނަވާނެ ކަމަށެވެ.
ނަޝީދާއި ރައީސް ސޯލިހު އެއް މޭޒަކަށް ގެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ އޭޕްރީލް މަހު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅިފައި އޮއްވައި، އެ މައްސަލައިގައި ވާހަކަ ދެއްކެވުމަށް ޖޫން 19، ގައި އެމަނިކުފާނުގެ ބަދަލުގައި ނަޝީދު ފޮނުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
އެ ދެ ބޭފުޅުން ބައްދަލު ނުކުރެއްވުމުގެ އިތުރުން ފޯނުން ގުޅައި ވެސް ވާހަކަ ނުދައްކަވާ ކަމަށް ނަޝީދާ ގާތް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ރައީސް ސޯލިހު، ނަޝީދާ ވާހަކަ ނުދައްކަވަނީ ނަޝީދު އެމަނިކުފާނަށް ގުޅުއްވައި ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވާތީ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ ކުރިން ވިދާޅުވެފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވާއިރު އޭގަައި ރައީސް ސޯލިހު ވާދަ ކުރައްވަ އެވެ. ނަޝީދު ވިދާޅުވަނީ އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށެވެ. ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު އިލްޔާސް ލަބީބެވެ.
އޭގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ވާދަ ކުރައްވަ އެވެެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.












