މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިދާރީ މަސައްކަތްތައް ދިވެހިރާއްޖޭގެ އަޑު ހިންގަމުން އަންނަ އިމާރާތައް ބަދަލުކޮށްފި އެވެ.
ކަރެކްޝަންސްގެ އިދާރީ ހިދުމަތްތައް މީގެ ކުރިން ދެމުންގެންދިޔައީ ގާޒީ ބިލްޑިންގުގަ އެވެ. ގިނަދުވަސްވެ ބޭނުންކުރަން ނުރައްކާވާ މިންވަރަށް ބާވުމުގެ ސަބަބުން އެ އިމާރާތް މިހާރު ވަނީ ތަޅާލާފަ އެވެ.
ގާޒީ އިމާރާތް ތަޅާލަން ނިންމުމާއެކު އެތަނުގައި ދެމުންދިޔަ ހިދުމަތްތައް އަޑުގެ އިމާރާތައް ބަދަލުކުރުމަށް، އަޑު ހިންގާ ޕީއެސްއެމްއާއެކު މަޝްވަރާ ފެށި އެވެ.
އެކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "އަދަދު" އަށް ވިދާޅުވީ ކަރެކްޝަނުން މީގެ ދެ މަސް ކުރިން އަޑުގެ ތިން ބުރީގެ އިމާރާތް ކުއްޔަށް ނަގާފައިވާ ކަމަށެވެ. އަދި، އެ އިމާރާތަކީ އަޑުގެ ސްޓޫޑިއޯތައް ހުންނަ އިމާރާތް ނޫންކަމުން މިކަމާ ގުޅިގެން އަޑުގެ މަސައްކަތްތަކަށް އެއްވެސް ވަރަކަށް ބުރޫ ނާރާނެ ކަމަށް ވެސް ހާލިދު ވިދާޅުވި އެވެ.
ކަރެކްޝަންސްގެ މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 120 އަށްވުރެ މައްޗަށް އަރަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަންސް އިން އަލަށް ކުއްޔަށް ނެގި އަޑުގެ އިމާރާތް ނެގީ ފަސް އަހަރުގެ މުއްދަތަކަށެވެ.












