އެޑަލެއިޑް، އޮސްޓްރޭލިއާ (ޖުލައި 25) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން ޕެނަމާ އަތުން 4-0 އިން މޮޅުވިއިރު، އިޓަލީން 1-0 އިން އާޖެންޓީނާ ބަލިކޮށްފި އެވެ.
ރޭގެ މެޗުގައި ބްރެޒިލްގެ ތަރި އަކީ، ހެޓްރިކެއް ހަދައި އަނެއް ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިން 23 އަހަރުގެ އަރީ ބޯޖެސް އެވެ. އޭނާ އަކީ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލަށް ހެޓްރިކެއް ހަދައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ. މިއާ އެކު، މިއީ ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގައުމެއް ކަމަށްވާ ބްރެޒިލްގައި، ބޯޖެސް އަށް ލިބިގެންދިޔަ ތާރީހީ ޝަރަފެކެވެ. އެހެންވެ، އެ ގައުމުގެ މީޑިއާ އިން އަންނަނީ ބޯޖެސް އަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.
ބޯޖެސް ދިން ބޯޅައަކުން ބްރެޒިލްގެ އަނެއް ގޯލު ޖަހައިދިނީ ބީއާ ޒަނަރެއްޓޯ އެވެ.
ބޯޖެސް އަކީ ބްރެޒިލްގެ އަންހެން ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި، ބްރެޒިލް އަންހެން ޓީމުގެ ލެޖެންޑަރީ، މާރްޓާ ވެސް ވަނީ ބުނެފަ އެވެ.
ވިމެންސް ވޯލްޑް ކަޕްގައި އިޓަލީން ވަނީ ކްރިސްޓިއާނާ ގިރޭއީ ޖެހި ގޯލުން އާޖެންޓީނާ ބަލިކޮށްފަ އެވެ. މި މެޗުގައި ދެ ޓީމުން ވެސް ގޯލު ޖަހާނެ ފުރުސަތު ހޯދި ނަމަވެސް ގިނަ ބޯޅަތައް ދިޔައީ ބޭނުމެއް ނުކުރެވި އެވެ.
ގްރޫޕް އެޗް އަށް ބަލާއިރު، ޖާމަނީން ވަނީ 6-0 އިން މޮރޮކޯ ބަލިކޮށްފަ އެވެ. އަދި ދެކުނު ކޮރެއާ އަތުން ކޮލަމްބިއާ ވަނީ 2-0 އިން މޮޅުވެފަ އެވެ.












