ސެން ފްރެންސިސްކޯ (ޖުލައި 23) - ޕްރީ ސީޒަން ޓުއާއެއްގައި މި ވަގުތު އެމެރިކާގައި ތިބި ބާސެލޯނާގެ ކުޅުންތެރިންގެ ތެރޭގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި، ޔުވެންޓަސްއާ ދެކޮޅަށް ބާސާ މިއަދު ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލްކޮށްފި އެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނީ ޓީމުގެ ގިނަ ކުޅުންތެރިން ބަލިވެފައިވާ ކަމަށާއި އެހެންވެ، މެޗު ކެންސަލްކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވިދާޅުވީ "ސޮކާ ޗެމްޕިއަންސް ޓުއާ"ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު އަލުން ކުޅޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެެވެ. އަދި ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ބަލީގެ އަސަރުކޮށްފައިވާ ކަމަށެވެ. އެކަމަކު، ބަލިވީ ކިތަން ކުޅުންތެރިންކަމެއް ވިދާޅެއްނުވެ އެވެ.
"ބައެއް ފަހަރު ހީނުކުރާ ކަންތައްތައް ވެސް ދިމާވާނެ. މިއީ ޓީމާއި ސަޕޯޓަރުންނަށް ވެސް ނުތަނަވަސް ވަގުތުކޮޅެއް،" ލަޕޯޓާ ވިދާޅުވި އެވެ.
ބާސެލޯނާ އިން ދިޔައީ ސެން ފްރެންސިސްކޯގައި ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.
މި ޓުއާގައި އާސެނަލްއާ ދެކޮޅަށް ބާސެލޯނާ ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
މި ޓުއާގައި ބާސެލޯނާ ކުޅޭ ފަހު މެޗުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ނުކުންނާނީ އޭސީ މިލާނާ ދެކޮޅަށެެވެ.












