ޕާތު، އޮސްޓްރޭލިއާ (ޖުލައި 23) - އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުން ޗައިނާ އަތުން ޑެންމާކް 1-0 އިން މޮޅުވެއްޖެ އެވެ.
ޑެންމާކުން މި ފަހަރުގެ ވޯލްޑް ކަޕްގައި މި ކުޅެނީ 16 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިއީ، ދިގު އިންތިޒާރަކަށް ފަހު ޑެންމާކްގެ ފުޓްބޯޅަ އަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.
މި މެޗުގައި ޑެންމާކްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އުމުުރުން 26 އަހަރުގެ، އެމަލީ ވަންގްސްގާޑް ޖެހި ގޯލުން، ޑެންމާކުން ޗައިނާ ބަލިކުރިއިރު، މެޗު ބަލަން ތިބި ގިނަ ބަޔަކު ސަޕޯޓް ކުރަމުންދިޔައީ، ޗައިނާ އަށެވެ. ގާތްގަނޑަކަށް 17000 ވަރަކަށް ޗައިނާގެ ސަޕޯޓަރުން ދަނޑަށް މެޗު ބަލަން ވަނެވެ.
ޑެންމާކުން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާ އެވެ. އިންގްލެންޑުން ވަނީ ގްރޫޕް ޑީގައި އިއްޔެ ކުޅުނު މެޗުން 1-0 އިން ހެއިޓީ އަތުން މޮޅުވެފަ އެވެ. މި މެޗުގައި އިންގްލެންޑްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 29 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖޯޖިއާ މެރީ ސްޓޭންވޭ އެވެ.











