ނައިބު ރައީސް ފައިސަލް ނަސީމަކީ "އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފައިސަލުގެ 50 ވަނަ އުފަން ދުވަހާ ގުޅިގެން ރޭ ނެރުނު އެ މަނިކުފާނުގެ ބަޔޯގްރަފީއަށް ރައީސް ސޯލިހު ދެއްވި ބަޔާނުގައި ވިދާޅުވީ ފައިސަލްއަކީ ވަފާތެރި، ދެތުވެރި ބޭފުޅެއް ކަމަށާއި ރަނގަޅު އެކުވެރިއެއް ކަމަށެވެ.
"ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތްކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖޫން 22، 2033 ގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް އަދި މިނިސްޓަރުން. -- ފޮޓޯ: ރައީސް އޮފީސް

ފައިސަލްއާ އެންމެ ފުރަތަމަ ބައްދަލުވީ ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލުމަށް އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. ފައިސަލްގެ އަމިއްލަ ދިރިއުޅުމުގެ މުހިންމު ބައެއް ވާހަކާއި ގޮންޖެހުންތައް ހިއްސާ ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ދިރިއުޅުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ހުރަސް ކުރައްވަންޖެހިވަޑައިގެންނެވި އުނދަގޫތައް ހިއްސާ ކުރެއްވި. އެ ވާހަކަތަކުން އަޅުގަނޑަށް އެނގުނީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ފައިސަލް އުފުއްލެވި ބުރަ އާއި ވެވަޑައިގެންނެވި ގުރުބާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލްއަކީ ކަންކަން ނިންމެވުމުގައި ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވުމުގެ ބަދަލުގައި އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނުގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ހަފުލާގައި ބަޔޯގްރަފީ ފޮތް ނެރެދެއްވީ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
ތިން ސަތޭކަ އަށާރަ ސޮފުހާގެ މި ފޮތް ލިޔުއްވާފައި ވަނީ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ އެވެ. މިއީ އޭނާ ލިޔުއްވި ދެ ވަނަ ފޮތެވެ.












