ރިވާވެގެންވެ އެވެ. އުމަރުގެފާނުގެ ހިލާފަތުގެ ދަރުބާރަށް މިސްރުން މަދީނާއަށް މީހަކު އަ އެވެ. އޭނާ އައިސްފައި އުމަރުގެފާނަށް ޝަކުވާ ދަންނަވަނީ މިސްރުގައި ހުރި ގަވަރުނަރު ޢަމްރޫ ބުނުލްޢާޞްގެ ދަރިކަލުންނާ ބެހޭގޮތުންނެވެ. އޭނާ ދަންނަވައެވެ. އަހަރެންގެ ދަރިޔާއި ގަވަރުނަރު ޢަމްރޫގެ ދަރިޔާ ދެކުދިން ރޭހެއް ޖަހައިގެން އަހަރެންގެ ދަރި މޮޅުވެއްޖެ އެވެ. އެޔާއެކު އަހަރެންގެ ދަރީގެ ގައިގައި ޢަމްރޫގެ ދަރި ޗާބޫކަކުން ތަޅައިފި އެވެ. ތިމަންނާއަކީ މާތް ދެމީހުންގެ ދަރިޔޭ ކިޔަމުންނެވެ. އެ ހިނދު އުމަރުގެފާނު ކޯފާ އިސްކުރައްވާފައި ޢަމްރޫބުނުލްޢާޞްއަށް ލިޔުއްވި އެވެ. ކަލޭގެފާނުންގެ ދަރިކަލުންނާއެކު މަދީނާއަށް ވަޑައިގަންނަވާށެވެ. ޢަމްރޫއާއި އޭނާގެ ދަރިކަލުން ވަޑައިގަތުމުން އަލުން ދަރުބާރު ބާއްވާފައި، އެކަން ހިނގައިދިޔަ ގޮތް ބައްލަވައި އޮޅުންފިއްލެވުމަށްފަހު، މިސްރު ކުއްޖާގެ އަތަށް ޗާބޫކު ދެއްވާފައި ޢަމްރޫގެ ދަރީގެ ގައިގައި ތެޅުމަށް އަމުރުކުރެއްވި އެވެ. އަދި އެއަށްފަހު ޢަމްރޫ ބުނުލްޢާޞްގެ ގައިކޮޅުގައި ވެސް ޖެހުމަށް އަމުރުކުރެއްވި އެވެ. އެހިނދު އެކުއްޖާ ބުންޏެވެ. ތިމަންނާގެ ގައިގައި ތެޅީ ޢަމްރޫގެ ދަރިއެވެ. އެކަލޭގެފާނެއް ނޫނެވެ. ދަރިކަލުންގެ ކިބައިން އަހަރެން ބަދަލުހިފައިފީމެވެ. އެހިނދު ޢުމަރުގެފާނު ޢަމްރޫބުނުލްޢާޞްއަށް ވިދާޅުވި އެވެ. "ތިޔަބައިމީހުން މީސްތަކުން އަޅުވެތިކުރަން ފެށީ ކޮން އިރަކު ހެއްޔެވެ؟ އެބައިމީހުންގެ މަންމައިންގެ ބަނޑުން އެބައިމީހުން އުފަންވީ މިނިވަނުންގެ ގޮތުގަ އެވެ." ޢަމްރޫ ދެންނެވިއެވެ. އެބައިމީހުން ތިމަންކަލޭގެފާނުގެ ގާތަށް ނާދެ އެވެ. އަދި ތިކަން ހިނގިކަމެއް ވެސް ތިމަންކަލޭގެފާނަށް އެނގިފައިނުވެ އެވެ.
އުމަރުގެފާނުގެ އިސްވެދިޔަ ބަސްކޮޅުން މުސްލިމުން އޭރު ކުރި ހަނގުރާމަތަކުގެ އަސްލު ސަބަބަށް އިޝާރާތްކުރެއެވެ. އާދޭހެވެ. ދުނިޔެއަށް ވަކި ހިއްޕާފައި އޮތް އިސްތިއުމާރީ ބާރުތަކުގެ އަޅުވެތިކަމުން ގައުމުތައް ސަލާމަތްކޮށް މިނިވަންކޮށް، ފިކުރީ މިނިވަންކަން ހޯދައިދީ، އިސްލާމްދީނުގެ ހިދާޔަތާމެދު ވިސްނާފިކުރުކުރުމުގެ މިނިވަން މާހައުލު ގާއިމުކޮށްދިނުމުގެ ތެރެއިން އިސްލާމީ ދައުވަތު އިންސާނިއްޔަތަށް ފޯރުކޮށްދިނުމުގެ މަތިވެރި ވާޖިބު އަދާކުރެއްވުމެވެ. ހަމަ މި ވާހަކައިން މުސްލިމުން މިސްރުގައި ގާއިމުކުރި އަދުލުވެރި ވެރިކަމުގެ ސާފު ނަމޫނާ ފެނެ އެވެ. މިސްރުގައި ހަލީފާގެ ފަރާތުން ގާއިމުކޮށްފައިވާ ގަވަރުނަރުގެ މަސްލަހަތާ ގުޅިފައިވާ ޝަކުވާއައިގެން ދިގު ދަތުރުކޮށްފައި މުސްލިމުންގެ ހަލީފާގެ ދަރުބާރަށް އާންމު ރައްޔިތަކު ދާނީ އިސްލާމީ ވެރިކަމާމެދު އުފެދިފައި އޮތް އިތުބާރެއްގެ ވެސް ބޮޑުކަމުންތާ އެވެ.
މުސްލިމުން މިސްރު ފަތަހަކޮށް މުސްލިމުންގެ ތަނެއްކަމުގައި އެގައުމު ވުމުގެ ކުރިއަށް އެތަންވެސް އޮތީ އޭރުގެ އެންމެ ނުފޫޒުގަދަ އެއްބާރުކަމުގައިވާ ރޯމަނުންގެ ދަށުގަ އެވެ. ރޯމަނުންގެ އުސޫލުތައް ހުރިގޮތުން، މިސްރުގެ ބިމުގެ މުއްސަނދިކަމުން މިސްރުގެ އަހުލުވެރީންނަށް ލިބެންޖެހޭ ހައްގު މިންވަރު ލިބެމުންނުދާތީ، ރޯމަނުންގެ ބާރުވެރިންނާ މެދު މިސްރުގެ ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދިފައިވެ އެވެ. ޒަމާނުއްސުރެ ޙަޟާރަތްތަކުގެ ބިމަކަށްވެފައި، އިޤްތިޞާދީގޮތުން ނުހަނު މުއްސަނދިކަން ލިބިފައިވާ މިސްރުގެ އިޤްތިސާދީ ފައިދާގެ ބޮޑު ބައި ގައުމުން ބޭރަށް ރޯމަނުންގެ ބޮޑުން ތިބި ތަންތަނަށް ބެހެމުންދާގޮތާމެދު މިސްރު މީހުން ތަހައްމަލުކުރަމުންދިޔައީ ބޭއިންސާފާއި އަނިޔާގެ ހިތްދަތިކަމެވެ.
މިސްރަކީ ކީރިތި ޤުރުއާނުގައި އެތަނުގެ ނަން ތަކުރާރުކޮށް އައިސްފައިވާ ތަނަކަށްވީހިނދު، މުސްލިމުންގެ ހިތްތަކުގައި އެތަނަށް ހާއްސަ މަތިވެރިކަމެއް ދެވިފައިވެ އެވެ. އެބިމަކީ މުސްލިމުން ފަތަހަކުރާނެ ބިމެއްކަމުގެ އުފާވެރި ހަބަރު މާތް ނަބިއްޔާ މާކުރީގައި ދެއްވާފައިވޭމެ އެވެ. މުސްލިމުން ޝާމްކަރައާއި އިރާގުކަރަ ފަތަހަކުރުމާއެކު މިސްރު ފަތަހަކުރަންވީ ވަގުތު ޖެހިއްޖެކަމުގައި ޢަމްރޫ ބުނުލްޢާޞްއަށް ފެނިވަޑައިގަތްނަމަވެސް، އެއީ ޚަލީފާ ޢުމަރުގެފާނު އެކަމުގައި ވިސްނުންފުޅު ގެންގުޅުއްވި ގޮތެއް ނޫނެވެ. މައިގަނޑު ސަބަބަކަށްވީ، އޭރު މުސްލިމުންގެ ގިނަ ބަޔަކު އެކި ސަރަހައްދުތަކުގައި ހަނގުރާމަތައް ކުރަމުންދިއުމާއެކު، ހަނގުރާމަވެރި ލަޝްކަރުތަކަށް އިހުސާސްވެފައި އޮވެދާނެ ވަރުބަލިކަމާއި، އަދި ރޯމަނުންނަށް އެހާ މުހިންމު ހިސާބަކާ ކުރިމަތިލުމުގައި ހޭދަކުރަންޖެހޭނެ ހަކަތައާއި ބުންވަރަށް ރިއާޔަތްކުރާއިރު، އެކަމަށް އެންމެ އެކަށީގެންވާ ވަގުތުކަމުގައި އުމަރުގެފާނަށް ފެނިވަޑައިނުގަންނަވާތީއެވެ. ނަމަވެސް ޢަމްރޫ ބުނުލްޢާޞް އެކަމަށް ތަކުރާރުކޮށް ދެންނެވި ދެންނެވުމަށާއި، ކަމަކީ އޭގެ ޒާތުން މުހިންމު ކަމެއް ކަމަށްވާތީ، ޢުމަރުގެފާނު ފަހުން އެކަމުގެ ހުއްދަދެއްވައި، މަދަދުދޭނެ އިތުރު ލަޝްކަރުތައް ފޮނުއްވި އެވެ. ކުރީގެ ލިޔުމެއްގައި ދަންނަވާލެވިފައިވާ ފަދައިން، ޢަމްރޫ ބުނުލްޢާޞްއަކީ އިސްލާމްވުމުގެ މާކުރީގައިވެސް ޝާމްކަރައާއި އިރާގުއަދި މިސްރުގެ އެކި ސަރަހައްދުތަކަށް ވިޔަފާރި ދަތުރުތަކުގައި ގޮސް އުޅުނު މީހެއްކަމުން، އެސަރަހައްދުތަކުގެ ހާލަތު ޢަމްރޫއަށް ވަރަށް ރަނގަޅަށް އެނގިފައިވެ އެވެ.
ޢަމްރޫ ބުނުލްޢާޞްގެ ލީޑަރޝިޕްގައި މިސްރު ފަތަހަކުރުމަށް ކުރެވުނު ހަނގުރާމަތަކުގައި މޮޅެތި ހިކުމަތާއި އުކުޅުތައް ބޭނުންކުރެއްވިއެވެ. ގިނަ ދިމަދިމާ މުސްލިމުންގެ ބެލުމުގެ ދަށަށް އައުމުގައި މިސްރުގެ ރައްޔިތުންގެ އެހީތެރިކަން ލިބިގެންދިޔައެވެ. އެކަން އެކަނި ޢަމްރޫ ބުނުލްޢާޞްގެ ބުއްދިވެރިކަމަށް ހެކިލިބެ އެވެ. އެކި މަރުހަލާތަކަށް ބެހިގެން އެކި ދުވަސްމަތިން ކުރެވުނު މަސައްކަތްކުން މުސްލިމުންގެ ޚިލާފަތުގެ ތެރެއަށް މިސްރު ވަދެގެންދިޔަ ގޮތް އެއީ ތަފުސީލުކޮށް ލިޔާންވެއްޖެނަމަ ވަރަށް ގިނަ ވާހަކައެވެ. އެއީ އަޅުގަނޑު ފަށައިގެން އުޅޭ ސިލްސިލާގެ އަސްލު މަގުސަދަށް ނުވާތީ މި މިންވަރަށް އެ ވާހަކަ ކުރުކުރަމެވެ.
ކޮންމެއަކަސް އުމަރުގެފާނުގެ ހިލާފަތުގައި ޢަމްރޫ ބުނުލްޢާޞްގެ ލީޑަރޝިޕްކަމުގެ ދަށުން މިސްރު ފަތަހަވެ އެތަނަކީ އިސްލާމީ ހިލާފަތުގެ ބައެއްކަމުގައިވީ އެވެ. އުމަރުގެފާނުގެ ފަރާތުން އެތަނުގެ ގަވަރުނަރުކަމުގައި ކަނޑައެޅުނީ ޢަމްރޫ ބުނުލްޢާޞް އެވެ. ޢަމްރޫ ބުނުލްޢާޞްގެ ގަވަރުނަރުކަމުގައި މިސްރުގެ އެތައް މަގުތަކެއް ހެދިފައިވެ އެވެ. އަދި ނީލަކޯރު ބަންޑުންވެގެންދާ ދިއުން ހުއްޓުވުމަށް އެކިއެކި އުމްރާނީ މަސައްކަތްތައް ކުރެވިފައިވެއެވެ. މިސްރުގެ ދަނޑުވެރިކަން ފުޅާކުރުމަށް ޤައުމީ ފެންވަރުގެ އެތައް މަސައްކަތެއް ކުރެވިފައިވެއެވެ. މިހާރުގެ ސްވޭސް ކެނެލް ގެ ކުރިން އޭރު ހެދިފައި އޮތް ކެނެލް ބަންދުކުރެވިފައިވަނިކޮށް އެކެނެލް އަލުން އިއާދަކޮށް ބޭނުންކުރަން ފައްޓަވައި ބައިނަލްއަގްވާމީ ވިޔަފާރިތަކަށް މިސްރު އަލުން ހުޅުވާލެއްވި އެވެ.
މުސްލިމުން މިސްރު ފަތަހަކުރިއިރު، އެބައިމީހުންގެ ހާލަތު އެންމެ ރަނގަޅަށް ދައްކުވައިދޭނެ އެއް ވާހަކައަކީ ނީލަކޯރަށް ވެދުންކުރެވޭ ބިކުރުވެރި އަންހެން ކުއްޖާގެ ވާހަކަ އެވެ. ކޮންމެ އަހަރެއްގެ ޖޫން ޖުލައި ހިސާބުގައި އާދަޔާ ހިލާފަށް ނީލަކޯރުގެ ފެން ހިނދެ އެވެ. މިސްރަކީ ސަހަރާ ބޮޑު ބިމަކަށްވެފައި، ނީލަކޯރަކީ މިސްރުގެ ވަޒަންވެރިންނަށް ފެން ލިބުމުގެ ވަސީލަތްކަމަށްވާތީ، މިކަމަކީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ރައްޔިތުންނަށް ކުރިމަތިވެފައި އޮންނަ މައްސަލައެކެވެ. ޢަމްރޫ ބުނުލްޢާޞް ވެރިކަމާ ހަވާލުވި އަހަރުގެ ޖޫން ޖުލައި ފެށޭ ހިސާބަށް ދިއުމުން މިސްރުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އައިސް ޢަމްރޫ އަށް ދަންނަވައިފި އެވެ. އަހަރެމެންގެ މިކޯރުގައި ބަދަލުނުކުރެވޭނެ އާދައެއް އޮވެއެވެ. އެއީ ކޮންމެ އަހަރަކު މިދުވަސްވަރުގައި ކޯރުގެ ފެން ހިނދޭނެ އެވެ. ދެން އެކޯރު ރަނގަޅުވަނީ ބިކުރުވެރި އަންހެން ކުއްޖެއް ހޯދައި އެކުއްޖާ ޒީނަތްތެރިކޮށް ނަލަހައްދައިގެން ގެންގޮސް ކޯރަށް ވެދުންކުރުމުންނެވެ. މިވާހަކަ އައްސަވާފައި ތިޔައީކީ އިސްލާމްދީން ދަންނަ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވެ އުމަރުގެފާނަށް އެ ވާހަކަ ލިޔުއްވި އެވެ. އުމަރުގެފާނު ޖަވާބުގައި ފޮނުއްވި ސިޓީއާއެކު އިތުރު ކަރުދާސްކޮޅެއް ފޮނުއްވި އެވެ. ސިޓީގައި ވިދާޅުވެފައިވަނީ މިސިޓީއާއެކު ފޮނުވާފައިވާ ކަރުދާސްކޮޅު ކޯރުގެ ތެރެއަށް އެއްލާލުމަށެވެ. ޢަމްރޫބުނުލްޢާޞް އޭގައި ވަނީ ކީކޭތޯ ބެއްލެވިއިރު އޭގައި ލިޔުއްވާފައިވެ އެވެ. "ﷲ ގެ އަޅާ، މުއުމިންތަކުންގެ އަމީރު ޢުމަރުގެ ފަރާތުން މިސްރުގެ ރައްޔިތުންގެ ކޯރަށް ލިޔަމެވެ. ދަންނައެވެ! ތިބާގެ ހިނގުންވަނީ ތިބާގެ އަމިއްލަ ބާރުގައިނަމަ، އިތުރަށް ދެން ހިނގާނެކަމެއް ނެތެވެ. ތިޔަ ކޯރުގެ ބޭނުމެއް އަހަރެމެންނަކަށް ނެތެވެ. އެކަމަކު ތިބާގެ ހިނގުންވަނީ ގަދަކީރިތި ވަންތަ ﷲ ގެ އަމުރަށްނަމަ، ﷲ ގެ ހަޒުރަތުން އަހަރެން އެދެނީ ތިބާ ހިނގައިގަތުމަށެވެ."
އެހެންޏާ ބިކުރުވެރި އަންހެން ކުއްޖާ ކޯރަށް ހަދިޔާކުރާ ދުވަހާ ދިމާކޮށް، މިކަރުދާސްކޮޅު ކޯރަށް އެއްލާލުމާއެކު އެއްރޭ އެއްދުވާއިން އެކަނިވެސް ކޯރުގެ ފެންގަނޑު މައްޗަށް އަރައިފި އެވެ. ކޮންމެއަކަސް ޒަމާނުއްސުރެ ގަބޫލުކޮށްގެންތިބި ފޮރުވިފައިވާ ހުރާފާތް އެންމެންނަށް އެނގި ބަޔާންވީ އެވެ. މިވާހަކައަށް ނަޒަރުކުރުމުން އިސްލާމްދީން ގެނެސްދިން ދައުވަތަކީ، އިންސާނީ ބުއްދި ހޭލައްވާލުމުގެ ގޮވާލުމެއްކަމާއި، އޭގެ ކުރިޔަށް މިސްރުގެ އަހުލުވެރިން ގެނބިފައިތިބި، ބުއްދިޔާ ދުރު ހުރާފާތުގެ އަނދިރިކަން ތަސައްވުރުކޮށްލެވެއެވެ. މިސްރު ފަދަ ޒަމާނުއްސުރެ ޙަޟާރަތެއް އޮތް ވެއްޓެއް، ގަދަބަދަވި އިންސާނުން އުޅެމުންދިޔަ ތަނެއް ރޯމަނުންގެ އަޅުވެތިކަމުގައި އެހާ ދުވަހު ތިބެންޖެހުނު ސަބަބުވެސް މިކަމުން ހުދު ބަޔާންކޮށްދޭމެ އެވެ.
މިސްރުގައި މުސްލިމުން ގާއިމުކުރީ މިޒަމާނާ އަޅާބެއްޔަސް ފުރިހަމަ މިނިވަން ވެއްޓެކޭ ދަންނަވަން ޖެހެނީ އިންތިހާއަށް ފަހުރުވެރިކަމާއެކު އެވެ. މިސްރު ފަތަހަކުރުމުގެ ހާދިސާތަކުގެ ތެރެއިން އެބައިމީހުންގެ ބުދަކަށް ލިބުނު ގެއްލުމުގެ ބަދަލު ދެއްވުމަށް ޢަމްރޫ ބުނުލްޢާޞް ނިންމެވި ހާދިސާއަކީ މަޝްހޫރު ވާހަކައެކެވެ. ގިބުތީންގެ ޕޯޕް ބެންޖަމިން އެކެއް ރޯމަނުންގެ އަނިޔާވެރިކަމަށްޓަކައި ފިލައިގެން އުޅެނިކޮށް، ޢަމްރޫ ބުނުލްޢާޞްގެ ލީޑަރޝިޕްގައި މިސްރު ފަތަހަވުމަށްފަހު ޕޯޕް ބެންޖަމިން އެކެއް ދިރިއުޅޭ ތަންތަނަށާއި އޭނާގެ ނަފުސަށް އަމާންކަން ލިބިގެންވާކަން އިއުލާންކުރައްވައި، އޭނާއަށް މިނިވަންކަންދެއްވި އެވެ. އެހެންވީމާ މުސްލިމުން މިސްރު ފަތަހަކުރީ ގަދަބާރުން އިސްލާމްދީން ފަތުރަން ނޫންކަން ސާފެވެ. ކުރިންވެސް ދެންނެވިހެން މައިގަނޑު އިސްތިއުމާރީ ބާރުތަކުގެ ކިބައިން އިންސާނުން މިނިވަންކޮށް، އިސްލާމީ ދައުވަތު ފޯރުކޮށްދިނުމެވެ. މީގެ އަނެއް އަރިން ވިސްނާއިރު، މިސްރު ފަދަ ބޮޑު އާބާދީއަކާއި ބިމުގެ ސަރަހައްދެއް އޮތް ގައުމެއް ބޮޑު އެމްޕަރާއެއްގެ އަތްދަށުން އިސްލާމީ ދައުލަތުގެ ތެރެއަށް ފުރޮޅާލެއްވުމުގެ މަރުހަލާގައި ޢަމްރޫ ބުނުލްޢާޞް ނިންމެވި ދެންމެ މިދަންނަވާލި ބައެއް ނިންމެވުންތަކަކީ، ޚުދު ޢަމްރޫ ބުނުލްޢާޞްގެ ސިޔާސީ ރޭވުންތެރިކަމާއި ސިޔާސީ ބުއްދިވެރިކަމުގެ ހަރުދަނާކަމާއި މޮޅުކަން ވެސް ފެނިގެންދާ ކަންތައްތަކެއްމެ އެވެ.








